އަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން 8 އަހަރަށް ޖަލަށް ލާފައިވާ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ ޢަބްދުﷲ ޒިޔަތު ގޭބަންދަށް ބަދަލުކޮށްފިއެވެ.
ޒިޔަތު ގޭބަންދަށް ބަދަލުކޮށްފައިވަނީ ހޯމް މިނިސްޓްރީން އެންގި އެންގުމަކާއި ގުޅިގެން މިއަދުއެވެ.
ޅ. މާބިންހުރާގެ އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލާގައި ދައުލަތުން އުފުލި ދައުވާ ސާބިތުވެ ޒިޔަތު ޖަލަސްލުމަށް ހުކުމްކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ.
އެމައްސަލާގައި، ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށްވެސް ވަނީ ދައުވާ ސަބިތުވެ ޖަލަށްލުމަށް ހުކުމް ކޮށްފައެވެ.
ޒިޔަތު ޖަަލަށްލުމަށް ކުރި ހުކުމް ޒިޔަތުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްވެސް ކޮށްފައެވެ. ނަމަވެސް ހައި ކޯޓުން ނިންމީ ދަށު ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔަނާތާއި ގުޅިގެން ޒިޔަތުގެ މައްޗަށްވެސް ވަނީ 30 ދައުވާއެއް އުފުލާފައެވެ. އެދައުވާގެ ޝަރީއަތް މިހާރުވެސް ކުރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.
އެމްއެމްޕީއާރްސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާއި ގުޅިގެން ޒިޔަތުގެ މައްޗަށް ދައުލަތުން 2017 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި އުފުލާފައިވާ 30 ދައުވާގައި ހިޔާނާތްތެރިވި ކަމަށް ބުނާ އަދަދު 721 މިލިއަން ރުފިޔާއަށް އަރާކަމަށް ދައުލަތުން އޭރު ވަނީ ބުނެފައެވެ.
ދައުލަތުން ޒިޔަތުގެ މައްޗަށް ކުރާ ދައުވާތަކަށް އޭނަވަނީ ޝަރީއަތުގެ މަޖިލީސްތަކުގައި އިންކާރު ކުރައްވާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށްވެސް ވަނީ ތުހުމަތުކޮށް ދައުވާ އުފުލާފައެވެ.
އަދީބު މިހާރުވެސް ގެންދަވަނީ 33 އަހަރުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ