ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ވުމުން ވަރަށް އުފާވެއްޖެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ނަޝީދު މިނިވަންވީ، އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، ރަހީނު ކުރި ކަން ސާބިތުވެގެން ކްރިމިނަލް ކޯޓުން ނަޝީދުގެ މައްޗަށް އިއްވާފައި އޮތް 13 އަހަރުގެ ޖަލު ޙުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމާ ގުޅިގެންނެވެ. ސުޕްރީމް ކޯޓުން މިގޮތަށް ނިންމީ ނަޝީދު ޖަލަށްލި މައްސަލަ އަލުން ބަލައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.
ނަޝީދު މިނިވަންވެ ވަޑައިގަތުމުން ކުރީގެ ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމާ ވަރަށް އުފާވާ ކަމަށާއި އިންސާފު ގާއިމުވެގެން ގޮސްފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ޙުކުމުގައި ވިދާޅުވީ ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އުފުލި ޓެރަރިޒަމްގެ ދައުވާ ސުޕްރީމް ކޯޓަށް ބަލައިގެންފައި ވަނީ ޤާނޫނާއި ޝަރުޢީ ހަމަތަކުގެ މަތިން ކަމަށް ނުވާތީ އެ ޙުކުމް ބާތިލް ކުރީ ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ނިންމީ ނަޝީދުގެ މައްޗަށް އުފުލި ދައުވާ އަކީ ބާތިލް ދައުވާއެއް ކަމަށާއި ސަބަބަކީ އެމްއެންޑީއެފް އިން އަބްދުﷲ ގާޒީ ހައްޔަރު ކުރި ކުރުމަކީ ޓެރަރިޒަމްގެ ޤާނޫނުގައިވާ ރަހީނު ކުރުން ކަމުގައި ނުލެބެވޭނެ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރުމުގައި ނަޝީދު ނުވަތަ އިތުރު މީހަކު ވެސް ފަރުދީ ގޮތުން ކޮށްފައިވާ އަމަލެއް ނެތް ކަމަށާއި އަބްދުﷲ ގާޒީ ހައްޔަރު ކޮށްފައި ވަނީ ފުލުހުން ހިންގި ތަޙްޤީޤަށް އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމުން ކަމަށް ވެސް ހުކުމުގައި ވެއެވެ.
މި ނިންމުން ނިންމެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އަދި ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲއެވެ.
ނަޝީދު މިނިވަން ވުމުން ވަރަށް އުފާވެއްޖެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ