އިންޑިއާގެ ކަންބޮޑުވުންތަކަށް ރާއްޖޭގެ އާ ސަރުކާރުން ސަމާލުވާނެ ކަމަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި މައުމޫނު ވިދާޅުވީ ރާއްޖެ އަށް ޑިމޮކްރަސީ އިއާދަކުރުމުގައި އިންޑިއާއިން ރަނގަޅު ދައުރެއް އަދާކުރި ކަމަށެވެ.
ޖަލުން މިނިވަންވެވަޑައިގެންނެވިތާ މަހެއްހާ ދުވަސް ފަހުން ދެއްވި އެ އިންޓަވިއުގައި މައުމޫނު ވަނީ ރައީސް އަބުދުﷲ ޔާމީނުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފަ އެވެ. އެެގޮތުން ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ މިނިވަން މުއައްސަސާތަކުގެ އިތުބާރު ވަރަށް ބޮޑަށް ގެއްލިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އިންތިހާބުގެ ނަތީޖާއިން ފެންނަން އޮތް ފަދައިން ރައްޔިތުން ވަނީ [ރައީސް ޔާމީނަށް] އަދަބު ދިނުމުގެ ފިޔަވަޅު އަޅާފައި. ބޮޑު ގެއްލުމެއް [ރައީސް ޔާމީން ސަރުކާރުން] އޮތީ ދީފައި. އެކަމަކު ގާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތަކާއި ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކާއި ގާނޫނުއަސާސީ، ކޯލިޝަން ސަރުކާރުން ރައްކާތެރިކޮށްދޭނެ،" މައުމޫނު ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ސަރުކާރުން ޗައިނާއާ އެކު ބާއްވާ ގާތް ގުޅުމާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މައުމޫނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"... ދަރަނިވެރިވެފައިވާ މިންވަރާ މެދު އަޅުގަނޑުމެން ކަންބޮޑުވޭ. އަޅުގަނޑު ދެކެނީ މި ކަންތައްތައް ފަރުވާތެރިކަމާ އެކު މުރާޖައާކޮށް ހަމަަޖައްސަން ޖެހޭނެ ކަމަށް. އަޅުގަނޑަށް ޔަގީންކަން އެބަ އޮތް ދިވެހިންގެ ނިންމުމަށް ޗައިނާއިން އިހުތިރާމްކުރާނެ ކަމުގެ،" މައުމޫން ވިދާޅުވި އެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ ކުރިން ދުވަހަކު ވެސް ނުވާ ވަރަށް ހީނަރުވެފަ އެވެ. އޭގެ އެއް ސަބަބަކީ އިންޑިއާއިން ކަންބޮޑުވާ މިންވަރަށް ޗައިނާ ފަޅިއަށް ރާއްޖެ ދީލައިލުމެވެ.
ރައީސް ޔާމީނުގެ ވެރިކަމުގެ ކުރީކޮޅުން ފެށިގެން، އިދިކޮޅު ފަރާތްތަކުން އިންޑިއާއާ އެކު ގާތް ގުޅުމެއް ބޭއްވި އެވެ.
އިންޑިއާގެ ކަންބޮޑުވުންތަކާ މެދު އާ ސަރުކާރުން ސަމާލުވާނެ: މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ