ފެނުގައި ކަރަންޓުގެ އަސަރެއް ނެތް: ސްޓެލްކޯ

މާލޭގައި ބޮޑުވެފައިވާ ފެންގަނޑުގައި ކަރަންޓުގެ އަސަރެއް ނެތް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. ސްޓެލްކޯއިން އެހެން ބުނެފައިވަނީ، އައިޖީއެމްއެޗް ސަރަހައްދުގައި ބޮޑުވެފައި އޮތް ފެންގަޑުގައި ކަރަންޓްގެ އަސަރު ހުރި ކަމަށް ބުނެ އެ ސަރަހައްދުގައި އުޅޭ މީހުން ސަމާލުވުމަށް ބުނެ ދައުރުކުރާ މެސެޖަކާ ގުޅިގެންނެވެ. އެކަމާ ގުޅިގެން ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އައިޖީއެމްއެޗު ސަރަހައްދުގައި ކަރަންޓްގެ އެއްވެސް ލީކޭޖެއް ނެތް ކަމަށާއި ރައްކާތެރިކަމާ އެކު ގޭގެއަށް ކަރަންޓް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ސްޓާފުން ހަރަކާތްތެރިވާނެ ކަމަށެވެ. މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ކަކުލާ ހަމައަށް ފެންބޮޑުވެފަ އެވެ. ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށާއި އިމާރަތްތަކަށް ފެންވަދެ ކަރަންޓު ކެނޑިފައިވާ އިރު އެމްއެންޑީއެފް އިން ދަނީ ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 އިން ފެށިގެން މެންދުރު 1:00އާ ހަމައަށް މާލެއަށް 44 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. ވިއްސާރަވެ ބޯކޮށް ވާރޭވެހޭތީ ހއ. އަތޮޅުން އއ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓުވެސް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ