އުމަރު މައާފަށް ނޭދުނު މައްސަލައިގައި މާދަމާ ގޮތެއް ނިންމަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު މައާފަށް އެދިވަޑައިގަތުމަށް ޕާޓީގެ ކައުންސިލުން އެންގި އެންގުމަށް އަމަލު ނުކުރެއްވުމާއި ގުޅިގެން އޭނާ އާއި މެދު އަޅާނެ ފިޔަވަޅެއް މަދާމާގެ ނިޔަލަށް ގޮތެއް ނިންމާނެ ކަމަށް ސުލޫކު ކޮމެޓީން ބުނެފި އެވެ.
ސުލޫކު ކޮމީޓީން ބުނީ ޕީޕީއެމް ޕްރައިމަރީއަށްފަހު އުމަރު ނަސީރާއި ޕްރައިމަރީގައި ވާދަކުރައްވާ ކާމިޔާބުވެވަޑައިގެންނެވި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެސް ރައީސް މައުމޫނާއިއެކު ޖަލްސާއެއް ބާއްވަން އެއްބަސްވެވަޑައިގެންފައިވަނިކޮށް އުމަރު ނަސީރު އޭގެ ކުރިން ވަކިން ޖަލްސާއަށް ބޭއްވި މައްސަލައިގައި އާއި ޔާމީނަށާއި ޕާޓީގެ ގުނަންތަކަށް ފާޑު ކިޔާފައިވާ މައްސަލައިގައި ޕާޓީގެ ކައުންސިލުން އުމަރު ނަސީރު ޕަބްލިކް ގައި މައާފަށް އެދިވަޑައިގަތުމަށް އެންގުމުން އެކަމަށް އަމަލު ނުކުރެއްވި މައްސަލަ ކޮމިޓީއަށް ހުށަހެޅި ކަމަށެވެ.
އަދި އެމައްސަލަ ކޮމިޓީއަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލަ ބަލަން ފަށާފައިވާ ކަމަށް ވެސް އެކޮމިޓީން ބުންޏެވެ.
އުމަރު މައާފަށް އެދުމަށް ކައުންސިލުން ދީފައިވާ މުއްދަތު މިއަދު 10:00 އަށް ހަމަވިއިރު ވެސް އޭނާ މައާފަށް އެދިވަޑައިގެންފައެއް ނުވެ އެވެ.
ސުލޫކު ކޮމެޓީން ބުނީ މެމްބަރެއްގެ މައްސަލަ އެ ކޮމެޓީ އަށް ހުށަހަޅައިފި ނަމަ ފިޔަވަޅު އެޅޭނެ ތަރުތީބުތަކެއް ހުންނަ ކަމަށާއި އެގޮތުން ނަސޭހަތް ދިނުމާއި އިންޒާރުކުރުމާއި ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިނުކުރުމާއި ވަކި މުއްދަތެއްދީފައި އިސްލާހުވާން ވެސް އެންގުން ހިމެނޭ ކަމަށެވެ.
އަދި މައްސަލާގެ ކުޑަބޮޑުމިނަށް ބަލައި އެންމެ ހަރުކަށި ފިޔަވަޅުގެ ގޮތުގައި އެ މެމްބަރަކު ޕާޓީން ވަކިކުރުމުގެ އިހްތިޔާރު ވެސް އެކޮމިޓީއަށް ލިބިގެންވެ އެވެ.
އުމަރުގެ ކެމްޕޭން މެނޭޖަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެފައި ވަނީ މާފަށް އެދެންޖެހޭވަރުގެ ކަމެއް ކުރެއްވި ކަމަކަށް އުމަރު ގަބޫލުނުކުރައްވާ ކަމަށެވެ.
އުމަރު ނަސީރު ވަކިން ބޭއްވި ޖަލްސާގައި އެރޭ ވިދާޅުވީ ޕްރައިމަރީގައި ފައިސާގެ ނުފޫޒު ފޯރުވައި ބޮޑެތި އޮޅުވާލުންތަކާއި މަކަރު ހަދާފައިވާ ކަމަށާއި އިންތިހާބާ ބެހޭ ކޮމިޓީގެ ކޮންޓްރޯލް އޮތީ ޔާމީންގެ އަތްޕުޅުގައި ކަމަށެވެ.
މީގެއިތުރުން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ ކުޑަކުއްޖާއާ ޔާމީން ބައްދަލުކުރައްވަނިކޮށް ފެނިވަޑައިގެންނެވި ކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޔާމީން ވަނީ އެ ތުހުމަތު ދޮގުކުރައްވާފައެވެ.
އުމަރު މައާފަށް އެދުމަށް މީގެކުރިން ވެސް ޕާޓީގެ ކައުންސިލުން ނިންމި އެވެ. ނަމަވެސް އުމަރަށްދިން ވަގުތު ކުޑަ ކަމަށް ބުނެ މައާފަށް އެދުމަށް އިތުރު ދުވަސްތަކެއް ޕާޓީގެ ކައުންސިލުން ދިނުމަށް ނިންމާފައިވެ އެވެ. ސިންގަޕޫރުގައި ހުންނެވި އުމަރު މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ