އުމަރު އަސާސީ ގަވައިދު ތެރެއަށް އައުމަށް 7 ދުވަހުގެ މުހުލަތެއް!

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު އެޕާޓީގެ އަސާސީ ގަވައިދުގެ ތެރެއަށް އެނބުރި އައުމަށް 7 ދުވަހުގެ މުހުލަތެއް ސުލޫކީ ކޮމިޓީން ދީފި އެވެ.
އެކޮމިޓީން މިއަދު 3 ޖެހިއިރު ބޭއްވި ބައްދަލުވުމަކަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުން މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒް ޖަމާލް އަބޫބަކަރު ވިދާޅުވީ އުމަރު ނަސީރާއި ގުޅޭ ގޮތުން އެކޮމިޓީއަށް ހުށަހެޅުނު މައްސަލަގައި އުމަރު ނަސީރު އަސާސީ ގަވައިދާއި ހިލާފުވެފައިވާތީ އޭނާ 7 ދުވަސް ތެރޭގައި އެނބުރި އަސާސީ ގަވައިދުގެ ތެރެއަށްއައުމަށް މުހުލަތު ދީފައިވާ ކަމަށެވެ.
"އުމަރު ނަސީރު ޕީޕީއެމްގެ އަސާސީ ގަވާއިދުގެ ތެރެއަށް ހަތް ދުވަހުގެ ތެރޭގައި އެނބުރި އައުމަށާއި ޕާޓީ ނުވަތަ ޕާޓީގެ ވެރިއެއްގެ ނުވަތަ ޕާޓީގެ ރިއާސީ ކެންޑިޑޭޓު ނުވަތަ އެއްވެސް މެމްބަރެއްގެ އަބުރަށް، އިއްޒަތަށް ނުވަތަ ޝަރަފާއި ކަރާމާތާއި ހައިބަތާއި ގަދަރަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން އަންގައި މި މުއްދަތުގެ ތެރޭގައި އޭނާ އިސްލާހުވެއްޖެކަން ކަށަވަރުކޮށް ނުދީފި ނަމަ ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ފިޔަވަޅު އެޅުމުގެ ގަވާއިދުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅޭނެކަން ހ. ދޮންޖޭމުގޭ އުމަރު ނަސީރަށް އެންގުމަށް ސުލޫކު ކޮމެޓީގެ ފަސް މެމްބަރުން އިއްތިފާގުން ނިންމައިފީމެވެ،" ކޮމިޓީގެ ރިޕޯޓު އިއްވަމުން އަޒީޒު ވިދާޅުވި އެވެ.
އަދި އެމުހުލަތު ތެރޭގައި އެނބުރި ނައިސްފިނަމަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު ވިދާޅުވި އެވެ.
އުމަރު ނަސީރާއި މެދު އަޅާނެ ހަރުކަށި ފިޔަވަޅަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުންސުލޫކީ ކޮމެޓީގެ މުގައްރިރުކަން ވެސް ކުރައްވާ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރު ވިދާޅުވީ ކޮމިޓީއަށް އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅަކީ އުމަރު ނަސީރު ޕާޓީން ވަކިކުރުން ކަމަށެވެ.
އަޒީޒް ވިދާޅުވީ އުމަރު ދެއްކި ވާހަކަތަކަކީ އެއްވެސް ކަހަލަ ހަގީގަތެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށާއި އެއީ އުފައްދައިގެން ހަދަ ހަދައިގެން ދެއްކި ވާހަކަތަކެއް ކަމަށާއި އެ ވާހަކަތައް ދެއްކީ ފިތުނަ ފަސާދަ އުފައްދަން ކަމަށެވެ.
އަދި ޕްރައިމަރީ އާއި ގުޅިގެން ސުލޫކީ ކޮމިޓީއަށް މާ ބޮޑެތި މައްސަލަތަކެއް ހުށަހެޅިފައިނުވާ ކަމަށާއި ބ.ތުޅާދޫގައި ފޮއްޓެއް ނުބަހައްޓަނީސް އެރަށުން ވޯޓުގެ ނަތީޖާ ލިބުނު ކަމަށް އުމަރު ތުހުމަތުކުރެއްވި ކަމުގައިވިޔަސް އެމައްސަލަ ސުލޫކީ ކޮމިޓީއަށް ހުށަހެޅިފައިނުވާ ކަމަށާއި ނަމަވެސް އެރަށުގައި ފޮށި ބެހެއްޓީ ކުރިން އިއުލާން ކުރެވިގެން ކަމަށެވެ.
ސުލޫކީ ކޮމިޓީގެ މެންބަރުން ވޯޓުލުން ކުރިއަށް ދިޔަ ސަރަހައްދުތަކަށް ވަޑައިގެންނެވި ކަމަށާއި އުމަރު ވިދާޅުވި ފަދަ ކަންތައްތަކެއް ވޯޓުލާ މަރުކަޒުގައި ހިގާފައިނުވާ ކަމަށް ވެސް އަޒީޒް މިއަދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކަލާފާނު ސްކޫލަށް ދިޔައިރު ފެނުނީ އެ ތުހުމަތު ކުރެއްވި ބޭފުޅުންގެ ސަޕޯޓަރުންގެ ބަޔަކު ވަކި ބަޔަކަށް ވޯޓުލުމަށް އަޑު ގަދަ ކުރަމުން ދަނިކޮށް، ނަމަވެސް ފަހުން އެކަންތައް ހައްލުވި." އަޒީޒް ވިދާޅުވި އެވެ.
ސުލޫކީ ކޮމިޓީން ބުނީ އެކޮމިޓީގެ ނިންމުން އަސާސީ ގަވައިދާއި އެއްގޮތަށް ޕާޓީގެ ކައުންސިލަށް ފޮނުވާނެ ކަމަށެވެ. ނަމަވެސް ސުލޫކީ ކޮމިޓީގެ ނިންމުމެއް ޕާޓީގެ ކައުންސިލަށް ވެސް ބަދަލުނުކުރެވޭނެ ކަމަށާއި ކައުންސިލުން ވެސް އަދި އުމަރު ނަސީރު ވެސް ނިންމުމާއި މެދު ހިތްހަމަޖެހި ވަޑައިނުގަންނަވާ ނަމަ ކޮމިޓީގެ ނިންމުން ޖެހޭނީ އިސްތިއުނާފު ކޮމީޓީއަށް ހުށަހަޅަން ކަމަށެވެ.
އުމަރާއި ދެކޮޅަށް ސުލޫކީ ކޮމިޓީން 7 ދުވަހުގެ މުހުލަތެއް ދީފައިމިވަނީ ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައިވާތީ އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އުމަރު ވާހަކަ ދެއްކެވުމާއި ގުޅިގެން އުމަރު ޕަބްލިކްގައި މައާފަށް އެދިވަޑައިގަތުމަށް ޕީޕީއެމްގެ ކައުންސިލުން އެންގި އެންގުމާއި އެއްގޮތަށް އުމަރު އަމަލު ނުކުރެއްވުމުންނެވެ.
އުމަރު ނަސީރު މީގެ ކުރިން ވިދާޅުވެފައިވަނީ މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކަމެއް ހިނގައިދިޔަ ގޮތް ހާމަކުރުން އެއީ މައާފަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޕީޕީއެމް އުފެއްދީ އޭނާއާއި ރައީސް މައުމޫން ކަމަށްވާތީ ޕީޕީއެމުން އޭނާ ވަކިކޮށްފިނަމަ އެޕާޓީއަށް ބިންހެލުމެއް އައިސް ޕާޓީ ފުނޑުފުނޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
މިއަންނަ ހުކުރު ދުވަހުގެ ރޭ އުމަރު ނަސީރު ބާއްވާ ޖަލްސާ އެއް އާޓިފިޝަލް ބީޗުގައި އޮންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ