މުޒާހަރާ އާއި ގުޅިގެން މަޖީދިއްޔާ ސްކޫލް ބަންދު!

16:17
އެމްޑީޕީން ބުނެފައިވަނީ މުޒާހަރާ ރޫޅާލާ މީހުން ހައްޔަރުކޮށްފައިވަނީ ވަރަށް އަނިޔާވެރިކޮށް ކަމަށް.
16:16
މުޒާހަރާ ފެށުނުއިރު އެމްޑީޕީގެ ޕިކަޕް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި.
16:11
އެއްވެފައި ތިބި މީހުން މިހާރު ތިބީ އެސްކޭޕް ކައިރީ ހުރި ބެރިކޭޑްތައް ކައިރީގައި.
16:09
ގިނަ ފުލުހުން މިހާރު އެސަރަހައްދުން ގޮސްފި.
16:08
މަޖީދިއްޔާ ސްކޫލްގެ ޓީޗަރަކު އެމްވީޔޫތަށް މައުލޫމާތުދެމުން ބުނީ ކިޔެވުން ހުއްޓާލީ މުޒާހަރާގައި އަޑުކުރަމުންދިއުމާއި ގުޅިގެން ކިޔަވާދިނުމަށް އުނދަގޫވަމުންދާތީ ކަމަށް. އޭނާ ވިދާޅުވީ މިއަދު އޮތް ގުރުއާން މުބާރާތް ވެސް ކެންސަލްކޮށްފައިވާ ކަމަށް. މަޖީދިއްޔާ ސްކޫލްގެ ކުދިން ގެއަށް ފޮނުވަނީ ބެލެނިވެރިން ސްކޫލަށް އައުމުންނެވެ.
16:05
އެމްޑީޕީންކުރަމުންދާ މުޒާހަރާ އާއި ގުޅިގެން މަޖީދިއްޔާ ސްކޫލް ކުދިންގެ ކިޔެވުން މިއަދު ހުއްޓާލައިފި.
އެމްޑީޕީ މުޒާހަރާ
15:49
ސޯސަން މަގުގައި އެމްޑީޕީން ހަދާފައިވާ ހުރި ސްޓޭޖް ނަގައިގެން ފުލުހުން މިހާރު ގެންގޮސްފި، މިހާރު އެސްއޯ ފުލުހުން ވަނީ މަޖީދިއްޔާ ކުރިމަތީގައި.
15:45
މުޒާހަރާކުރާ މީހުން އެމްޑީޕީ އޮފީހާއި ހަމައަށް ފަހަތަށް ޖެހިއްޖެ.
15:40
ފުލުހުން މިހާރު ޝީލްޑުތަކާއިއެކު ނިކުމެ ސޯސަން މަގު ލައިޓް ކައިރީގައި އެބަތިބި.
15:45
ކުރީގެ ރައީސް ނަޝީދުގެ މައްޗަށްކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ގޮވާލާ އެމްޑީޕީން މިއަދު 1 އިން ފެށިގެން ކުރަމުން އަންނަ މުޒާހަރާގައި ހަމަނުޖެހުންތަކެއް ހިނގައިފި އެވެ.
ހަމަނުޖެހުން ހިނގާފައިވަނީ އެމްޑީޕީ މުޒާހަރާގެ ބައިވެރިންތަކެއް އެސްކޭޕް ކައިރީ ހުރި ބެރިކޭޑްތައް ކޮއްޕާ ކުރިއަށް ޖެހެން ފެށުމުންނެވެ. އަދި ދެމީހުންގެ ބެރިކޭޑުން އެތެރެއަށް ވަދެފައިވެ އެވެ.
އެއާއިއެކު އެދެމީހުން ހައްޔަރުކުރަން ފުލުހުންގެ ގްރޫޕެއް މުޒާހަރާގެ ތެރެއަށް ވަދެ ހައްޔަރުކުރަން ފެށުމުން ފުލުހުންނާޢި އާންމުންނާޢި ދެމެދު ކުރިމަތިލުންތަކެއް ހިނގާ ހަތަރު މީހަކު ހައްޔަރުކޮށްގެން ފުލުހުން މިހާރު ވަނީ ގެންގޮސްފައެވެ.
އޭގެތެރެއިން އެކަކަށް ފުލުހުން ކޮންމެވެސް ވަރަކަށް އަނިޔާކުރިތަން ފެނިފައިވެ އެވެ. އޭނާ ބިންމައްޗަށް ވެއްޓިފައި އޮތްތަން ވެސް ނޫސްވެރިންނަށް ފެނުނުއިރު އޭނާއަށް އަނިޔާވެސް ލިބިފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ފެން ފުޅި ފަދަ ތަކެތި ފުލުހުންނާއި ދިމާލަށް އުކިތަން ވެސް ފެނިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ