ނަޝީދާއި ގާސިމް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އދ. މާމިގިއްޔަށް ވަޑައިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ.
ގާސިމް އިބްރާހީމްގެ އެއާލައިން، ވިލާ އެއާ އިން އޮޕަރޭޓް ކުރާ ފްލައިމީގެ ބޯޓެއްގައި ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގަތުމުން ގާސިމް އިބްރާހީމް ވަނީ އެއާޕޯޓުން ރަތްދޫލައިން އެމަނިކުފާނަށް މަރުހަބާ ވިދާޅުވެފައެވެ.
ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ބައްދަލުކުރެއްވި ނަމަވެސް އެ ބައްދަލުވުމާ ގުޅޭގޮތުން އަދި ތަފްސީލު ނުލިބުނަސް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަދި މިސަރުކާރުގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގެންނެވި ވީޑިއޯ ހިއްސާކުރައްވާފައެވެ. އެހެންނަމަވެސް އަލީ ސޯލިހުގެ ޓްވީޓުގައި ވެސް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން، ރައީސް ނަޝީދު މާމިގިއްޔަށް ވަޑައިގެން އެ ރަށުގައި މާގިނައިރު މަޑުނުކުރައްވާ، ގާސިމް އިބްރާހީމާ އެކު ވަޑައިގެންނެވީ ގާސިމްގެ ސަން އައިލެންޑް ރިސޯޓަށެވެ. ދެ ބޭފުޅުން އެކުގައި ވަނީ އެ ރަށުގައި މެންދުރުގެ ފަރިއްކޮޅު ވެސް ކުރިއަށް ގެންދަވާފައެވެ.
ރައީސް ނަޝީދަށް މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާ އަށް ފަހު ރާއްޖެއިން ބޭރުން އިތުރު ފަރުވާ ހޯއްދެވައި ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިއީ ރާއްޖެ ވަޑައިގެންނެވި ފަހުން އެމަނިކުފާނު އަތޮޅު ތެރޭގައި މީހުން ދިރިއުޅޭ ރަށަކަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރައީސް ނަޝީދު ގާސިމް ބައްދަލުކުރައްވާފައި މިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގެ މަސައްކަތް ނަޝީދު ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ގާސިމް ވަނީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ