އަސްލަމާމެދު ނަޝީދު އަމަލު ކުރެއްވި ގޮތް ހަނދާންކޮށްދީފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދެކޮޅަށް އެމްޑީޕީގެ ތެރޭން ނުކުމެ އިދިކޮޅު ޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ހިޔާލު ފާޅުކޮށް، ސަރުކާރު ބަލިކަށިވާ ގޮތަށް އެމްޑީޕީގެ އެއްވެސް މެންބަރަކު އަމަލު ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު މުހައްމަަދު އަސްލަމް ވިދާޅުވުމުން ޕާޓީތެރޭން ކުރިމަތި ކުރި ފާޑުކިޔުންތަކާއި ގުޅިގެން އަސްލަމްގެ ދިފާއުގައި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަސަން މޫސާ މަނިކު ނުކުންނަވައިފި އެވެ.
މޫސަ ވަނީ ރައީސް ސޯލިހާއެކިު ގުޅުން ވަރަށް ރަނގަޅު ކުރައްވާފަ އެވެ. އަދި އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހުގެ ފެކްޝަނަށް އަމާޒު ކުރާ ފާޑުކިޔުންތަކާއި ދެކޮޅަށް ތެދުވެ ރައީސް ނަޝީދުގެ ވަފާތެރިންނާއި އެމަނިކުފާނަށް އެންމެ ބޮޑަށް ފާޑުވިދާޅު ވަނީ މޫސަ އެވެ.
ރައީސް ސޯލިހުގެ ސަރުކާރުގެ ދިފާއުގައި ވާހަކަ ދެއްކެވުމުން އަސްލަމަށް ފާޑު ވިދާޅުވީ ރައީސް ނަޝީދަށް ވަފާތެރި މަޖިލީސް މެންބަރުންނެވެ. އޭގެ ތެރޭގައި މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހިމެނިވަޑައިގަންނަވައެވެ.
އަސްލަމްގެ ދިފާއުގައި ތެދުވެވަޑައިގެން މޫސަ ވަނީ ރައީސް ނަޝީދު، އަސްލަމާމެދު ކަންތައްތައް ކުރެއްވި ގޮތް އެ މެންބަރުންނަށް ހަނދާން ކޮށްދެއްވާފަ އެވެ. އަސްލަމަށް ތައުރީފު ކުރައްވާ އޭނާ ވިދާޅުވީ "މީހަކު ކެތްތެރިވެ ގުރުބާން ވާނީ މިވަރަށް" ކަަމަށެވެ.
އަސްލަމަށް ގައުމުގެ ނާއިބު ރައީސްކަން ދެއްވާނެ ކަމާއި އެމްޑީޕީގެ ނާއިބު ރައީސްކަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރުކަން ވެސް ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވެ އަސްލަމާމެދު އަމަލު ކުރެއްވި ގޮތް މޫސަ ހަނދާންކޮށް ދެއްވިއެވެ. މޫސަ ވިދާޅުވީ އެ ހުރިހާ ވާހަކަ އެއް ވިދާޅުވެ ކުރިމަތިލެއްވުމުން އަސްލަމް ފެއިލް ކޮށްލެއްވީ އެމްޑީޕީގެ "ވިރާސީ ވިންގު" ން ކަމަށެވެ. އަދި އެ ވިންގަށް ނިސްބަތްވާ މީހުން މިއަދު އަސްލަމަށް ކުރަން އުޅެނީ ކޮން ކަމެއްތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.
ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލުވުމެއްގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް
ދެހާސް ތޭރައިގެ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ރަނިންމޭޓަކަށް އަސްލަމް އިހުތިޔާރު ކުރައްވާނެ ކަމަށް ދޭހަވާ މޭރުމުން ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. އަދި 2019 އިގެ މަޖިލީސް އިންތިހާބަށް ފަހު މަޖިލީހުގެ ރައީސް ކަމަށް ގެންނަވާނީ އަސްލަމް ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެކަން ބަދަލު ކުރައްވާ މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވީ ނަޝީދެވެ. ނާއިބަކަށް ކޮއްކޯފުޅު އީވާ އަބްދުﷲ އެވެ.
އެމްޑީޕީގެ އެންމެ ސީނިއާ މެންބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވާފައި ވަނީ ރައީސް ސޯލިހާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ނުކުރެއްވޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ނަޝީދު ވަނީ ސިޔާސީ މަސައްކަތްތަކުގައި އެކުގައި ކުރިއަށް ދާން އިދިކޮޅު ޕީޕީއެމްގެ އެހީތެރި ކަމަށް ވެސް އެދިވަޑައިގެންފަ އެވެ. ރައީސް ނަޝީދު ފާޅުކުރެއްވި ހިޔާލާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ.
އަސްލަމް އަވަސްއަށް ވިދާޅުވީ އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަން ހޯދައިގެން ސިޔާސީ މަސައްކަތް ކުރުމަކީ އެމްޑީޕީގެ ނިންމުމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ގާނޫނުއަސާސީއާ ގާނޫނުތަކާއި އެއްގޮތަށް ވެރިކަން ކުރައްވަމުން ގެންދަވަނިކޮށް ރައީސްގެ ޕާޓީން ބަޔަކު އެމަނިކުފާނާ ދެކޮޅަށް ތެދުވުމަކީ އޭނާ ތާއީދު ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށެވެ.
"ޕީޕީއެމާ ގުޅިގެން މަސައްކަތް ކުރެއްވުން އެއީ އަޅުގަނޑަށް އެނގިފައި އޮތް ގޮތުން ނަމަ ރައީސް ނަޝީދުގެ ހިޔާލެއް. އެއަށް ސީދާ އެއްޗެއް އަޅުގަނޑު ދަންނަވާކަށް ނެތިން. ސަބަބަކީ ރައީސް ނަޝީދު މަސައްކަތް ކުރައްވާނެ ގޮތް އެނގޭނީ އެމަނިކުފާނަށް. އެމްޑީޕީގެ ކަންކަން ނިންމާނީ އެމްޑީޕީގެ ކަމާ ގުޅުންހުރި ދިމާތަކަށް ހުށަހަޅައިގެން. އެމްޑީޕީން މި ދެންނެވި ގޮތަށް ނިންމުއް އަދި ނެތް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށްވީ ނަމަވެސް ރައީސް ސޯލިހަކީ އެމްޑީޕީގެ ބޭފުޅަކަށް ވާތީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށްޓަކައި އެމްޑީޕީއަށް ކޮށްދެވޭނެ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. އެހެންކަމުން ސަރުކާރާ ދެކޮޅަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ތެދުވެ ވާހަކަ ދައްކަންޖެހޭ ސަބަބެއް އަދި ނެތް ކަމަށެވެ.
ރައީސް ސޯލިހް ސަރުކާރު ހިންގަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާތޯ ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ ކޮވިޑާ ގުޅިގެން މުޅި ދުނިޔެ އާއި ރާއްޖެ ވެސް އިގްތިސޯދީ ކާރިސާއެއްގެ ތެރޭގައި އޮތް އިރު ރައީސް ސޯލިހްގެ ފަރާތްޕުޅުން ފެނިގެން ދަނީ ދަތި އުދަނގޫ މިވަގުތުގައި ވަރަށް ރަނގަޅަށް މެނޭޖު ކުރައްވާ މަންޒަރު ކަމަށެވެ. މިހާ އުދަނގޫ ވަގުތެއްގައި ސަރުކާރުގެ ކުރިމަތީގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނާނެ ކަމަށާއި އެކަމަކު އެކަމުން އަރައިގަތުމަށް ރައީސް ސޯލިހް ގެންގުޅުއްވާ ޕްލޭނައި ވިސްނުން ރަނގަޅު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ