ނިހާނަށް ކުރެވޭ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކޯޓުން ނުބޭއްވި

ރައްޔިތުންގެ މަޖިލީހުގައި ކުރިން ވިލިމާލެ ދާއިރާ ތަމްސީލުކުރި މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތަކާ ގުޅިގެން މިއަދަށް ކޯޓުން ތާވަލުކުރި އަޑުއެހުން ނުބާއްވަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކޯޓުން މިގޮތަށް ނިިންމި ވަކި ސަބަބެއް ހާމަކޮށްފައި ނުވެއެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރުކަންވެސް ކުރިން ކުރެއްވި އަދި މިހާރު ޖުމްހޫޜީ ޕާޓީގައި ހުންނެވި ނިހާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ 6 ދައުވާއެކެވެ.
އޭނާގެ މައްޗަށް ރިޝްވަތަށް އެދުމުގެ ދެ ދައުވާއަކާއި، ރިޝްވަތު ހިފުމުގެ ތިން ދައުވާއެއްގެ އިތުރުން މަނީ ލޯންޑާ ކުރިކަމުގެ ދައުވާއެއް ވަނީ އުފުލާފައެވެ.
ޝަރީއަތުގައި މި ދައުވާތައް ސާބިތުވެއްޖެނަމަ އެންމެ މަދުވެގެން 36 އަހަރުގެ ޖަލު ހުކުމެއް ކުރާނެއެވެ.
ނިހާނުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތަފްސީލަށް ބަލާއިރު، އެއް ދައުވާއަކީ މަޖިލީހުގެ މެންބަރެއްގެ ޙައިޞިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުގެ -/150،000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެފައިވާތީ ކޮށްފައިވާ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.
ދެން ކޮށްފައި ވަނީ، އަދީބުދޭ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކު ކުރެވެންޖެހޭ ޙާލަތުގައި، އަދީބު މެދުވެރިވެގެން -/150،000 (އެއްލައްކަ ފަންސާސްހާސް) އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސްއިން ފްލެޓެއް ގަނެފައިވާތީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން، 2014 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަން ކުރުމަށާއި، ހަމަ އެއަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑްގެ ގަޑިއެއް ދިނުމަށް އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާ ވަނީ ކޮށްފައެވެ.
ހަމައެހެންމެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ދިން ރޮލެކްސް ބްރޭންޑްގެ ގަޑި ބަލައިގަނެފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލާފައެވެ.
މީގެ އިތުރަށް، މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރި މަސްޢޫލިއްޔަތުތައް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އަންގާ ގޮތަށް އަދާކުރުމުގެ މުޤާބިލުގައި -/650،000 (ހަލައްކަ ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު އަދީބު ގާތު އެދިފައިވާތީ ރިޝްވަތު ލިބިދިނުމަށް އެދުމުގެ ކުށުގެ ދަޢުވާގެ އިތުރުން، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެޢަދަދަށް ފައިސާ ދިނުމުން އެފައިސާ ހިފާފައިވާތީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ.
ނިހާނަށް ލިބިފައިވާ މިފަދަ އެއްވެސް ފައިސާއެއް ލިބުނުކަން އޭނާ 2014 އިން ފެށިގެން 2019 އާ ދެމެދު ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ހިމަނާފައި ނުވާކަން ދައުލަތުން މީގެ ކުރިން ބުނެފައި ވެއެވެ.
އެހެންވެ، ދައުލަތުން ވަނީ ފައިސާގެ އިތުރުން ނިހާނުގެ ރޮލެކްސް ގަޑިވެސް ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ