ކުޅިވަރުތަކުން ރަން ވަނަ ހޯދާ ދަރިވަރުންނަށް ގައުމީ އެވޯޑެއް ދެނީ

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންގެ ތެރެއިން އެކިއެކި ކުޅިވަރުތަކުން ރަންވަނަ ހޯދާ ދަރިވަރުންނަށް ފުރަތަމަ ފަހަރަށް ގައުމީ ފެންވަރުގެ އެވޯޑެއް ދޭން ނިންމައިފި އެވެ.
މައިލޯ އުފައްދާ ސްރީލަންކާގެ ނެސްލޭ ކުންފުނިން ސްރީލަންކާގެ އިތުރުން މެލޭޝިއާގައި ވެސް ދެމުން އަންނަ "މައިލޯ ކަލާސް އެވޯޑްސް" ރާއްޖޭގައި ދޭން ނިންމާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީ އިންނެވެ.
ކަލާސް އެވޯޑް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވާފައި ވަނީ އިއްޔެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް އެވެ.
އިއްޔެގެ ރަސްމިއްޔާތުގައި މައިލޯ އިން ރާއްޖޭގެ އެމްބެސެޑަރު، ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގާއި ނެސްލޭ ލަންކާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގަނޭސަންގެ އިތުރުން އެ ކުންފުންޏާއި ރާއްޖޭގެ ސްކޫލްތަކުގެ އިސްވެރިން ބައިވެރިވި އެވެ.
ރާއްޖޭގައި ކަލާސް އެވޯޑް ދޭނީ ތިން ކްރައިޓީރިއާ އަކުންނެވެ. އެއީ ސްކޫލްތަކުގެ މެދުގައި ކުޅޭ މުބާރާތްތަކުންނާއި ގައުމީ މުބާރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ މުބާރާތްތަކުންނެވެ. އެ އިން ކޮންމެ ކެޓަގަރީ އަކުން ރަންވަނަ ހޯދާ ތިން ދަރިވަރުންނަށް އެވޯޑް ދޭނެ އެވެ.
އެޑިއުކޭޝަން މިނިސްްޓްރީން ބުނީ، ކަލާސް އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ހަތަރު އުމުރު ފުރާއަކުން ކަމަށެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރު ފުރާ އެވެ. އޭގެ އިތުރުން ހާއްސަ އެވޯޑް ކެޓަގަރީން ވެސް އެވޯޑް ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ކަލާސް އެވޯޑް، އެތްލެޓިކްސް، ފެތުން، ބެޑްމިންޓަން، ޓޭބަލް ޓެނިސް، ފުޓްބޯޅަ، ކްރިކެޓް، ވޮލީބޯޅަ، ބާސްކެޓް ބޯޅަ، ނެޓްބޯލް އަދި ޓެނިސް އިން ދޭން ނިންމާފައިވާ އިރު، ކަލާސް އެވޯޑަށް ދަރިވަރުންގެ ނަން ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމަކުންނެވެ. އަދި އެ ފޯމް ހުށަހަޅަން ޖެހޭނީ ސްކޫލް މެދުވެރިކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.
މި އަހަރު ކްލާސް އެވޯޑް ރަސްމިއްޔާތު އޮންނާނީ އަންނަ އޮގަސްޓް މަހުގެ ތެރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ