ގާނޫނު އަސާސީއާ ހިލާފަށް ގާނޫނުތައް ދަނީ ހަދަމުން: މައުމޫން

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ގާނޫނުތައް ހަދަމުންދާ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ. ޕީޕީއެމްގެ ރައީސްގެ އޮފީސް ހުޅުއްވައިދެއްވުމަށް ފަހު ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ގާނޫނު އަސާސީ އަކީ އެންމެ މަތީ ގާނޫނު ކަމަށާއި ނަމަވެސް އެއާ ހިލާފަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށެވެ. އެެގޮތުން ދިވެހ ރައްޔިތުންގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްފައިވާ ކަމަށާއި އެއީ ވެެގެން ވާނެ ގޮތެއް ނޫން ކަމަށެވެ. "އަޅުގަނޑުމެންގެ ބިން ބިން. ދިވެހިރާއްޖޭގެ ބިން. ދިވެހި ރައްޔިތުންގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްފި. އެވެސް ވެގެންވާނެ ގޮތެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެ އަކީ ވަރަށް ކުޑަ ކުޑަ ތަނެއް. އަޅުގަނޑުމެންގެ މުއްސަނދި ކަމުގެ މާގިނަ ވަސީލަތްތަކެއް ނެތް. އަޅުގަނޑުމެންގެ ބިމާއި ފަޅުފަޅާ މީ އަޅުގަނޑުމެންގެ އޮތް މުއްސަނދި ކަމަކީ. މި ބޭރު މީހުންނަށް ވިއްކާލާފައި ދެންވާނީ ކިހިނެއްތޯ؟ މުޅި ގައުމު އެ ވިއްކާލެވެނީ. މީކީ އެއްވެސް ހާލެއްގަ ދިވެހި ރައްޔިތުން ރުހޭނެ ކަމެއް ނޫން،" މައުމޫން ވިދާޅުވި އެވެ. މައުމޫންގެ ވާހަކަފުޅުގައި ބިމާއި ފަޅުތައް ބިޑަކާ ނުލާ އަދި އިއުލާނު ނުކޮށް ބޭރުގެ ފަރާތްތަކަށް ދިނުމަކީ އެއްވެސް ހާލެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެގޮތަށް ބޭރުގެ ފަރާތްތަކަށް ދޭ ދިނުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ގާނޫނުތަކަށް ގެނެވޭ ބަދަލުތަކުގެ ސަބަބުން ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮންނަ ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުން ދާކަން ފާހަގަ ކުރެއްވި އެވެ. މައުމޫނު ވިދާޅުވީ ސިޔާސީ ގޮތުން ހަރަކާތްތެރިވުމުގެ ފުރުސަތު ބަންދު ކުރުމުގެ ބަދަލުގައި ހުޅުވާލަން ޖެހޭ ކަމަަށް ވިދާޅުވި އެވެ. އަދި އެއްވެ އުޅުމުގެ ގާނޫނަށް ގެނައި ބަދަލުގެ ސަބަބުން އެ މިނިވަން ކަން ވެސް ގެއްލިގެން ގޮސްފައިވާ ކަމަށާއި، ސުލްހަ ވެރިކަމާއެކު އެއްވެ އުޅުމަކީ ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން ޕްރައިމަރީއެއްގައި ބަލިވާ މީހަކަށް ދެން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހަޅާފައި ވާތީ މައުމޫނު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި އެ ބިލު މަޖިލީހަށް ވައްދާނީ ހުރިހާ ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ފަހުގައިކަމުގައި ބުނި ނަމަވެސް މަޝްވަރާކުރި ތަނެއް ނުފެންނަ ކަމަށް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ