މިއަދުގެ ޕްރެސްގައިވެސް ހީނާ ވިދާޅުވީ އިސްރާއީލާ ދެކޮޅަށް އަޅަންޖެހުން ކޮންމެފިޔަވަޅެއްވެސް އަޅާނެކަމަށް! އެ ފިޔަވަޅު އަޅާނެ ދުވަހެއް ނައި! ފަލަސްތީނުގެ 36 ހާސް ރައްޔިތުން ޝަހީދު ވެއްޖެ! މުއިއްޒުއަކީ އެއްވެސް ރަހުމެއް ކުލުނެއް ނެތް ވެރިއެއް!

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމުގައި ޣައްޒާގެ 36,000 ރައްޔިތުން ޝަހީދުވެގެންދިޔަ އިރުވެސް މިސަރުކާރުން ތަކުރާރު ކުރަމުންދަނީ ހަމަ އެއްލަވައެއްކަން މިއަދުވެސް ސަރުކާރުން ސާބިތު ކޮށްދީފިއެވެ.
އެގޮތުން މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް, އިޒްރާއީލާއި ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވަނީ ކޮން ސަބަބަކާ ހެދިތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ސަރުކާރުގެ ތަރުޖަމާން ވިދާޅުވީ, އިޒްރޭލާ ދެކޮޅަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއްވެސް އެޅުމަށް މިސަރުކާރުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް, އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއަށް މަނާކޮށްފައި ނުވާ ސަބަބަކީ ކޮބައިތޯ ނޫސްވެރިޔާ ކުރި ސުވާލަށް ހީނާ ވަލީދު ޖަވާބު ދީފައެއް ނުވެއެވެ. އެސުވާލުގެ ޖަވާބުގައި ހީނާ ވިދާޅުވީ, އިސްރާއީލާއި ދެކޮޅަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއްވެސް މިސަރުކާރުން އަޅާނެ ކަމުގައެވެ. އަދި އެއަށްފަހު ހީނާވަނީ ވަގުތުން ޕްރެސް ކޮންފަރެންސް ނިންމާލިކަން އިއުލާން ކޮށްފައެވެ.
މިއަދާއި ހަމައަށްވެސް މި ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓު މަނާކޮށްފައި ނުވާއިރު, އިސްރާއީލުގެ ގާތިލުން މިހާރުވެސް ދަނީ ރާއްޖޭގެ ގޮނޑުދޮށްތަކުން އުފާ ހާސިލްކުރަމުންނެވެ. އަދި ރާއްޖޭގައި ހިންގަމުންދާ އިސްރާއީލުގެ ވިޔަފާރިތައް އަދިވެސް ދަނީ ކުރިޔަށެވެ. ފާއިތުވެދިޔަ ތަނުގައި މި ވިޔަފާރިތައް ބަންދުކޮށް, އިސްރާއީލުގެ ގާތިލުން ރާއްޖެއައުން މަނާކުރުމަށް ރައްޔިތުން ކޮށްފައިވާ އިހުތިޖާޖުތަކަށް މުއިއްޒު ދެއްވާފައިވަނީ ބީރު ކަންފަތެކެވެ.
އަދި އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް އަންގާ ރައްޔިތުންގެ މަޖިލީހުން މުއިއްޒުއަށް ސިޓީ ފޮނުވިތާ 6 މަސްވެގެންދާއިރު އެ ސިޓީއަށްވެސް މުއިއްޒު ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މި ސަރުކާރުން ދަނީ ބޭރުގެ ބާރުތަކުގެ އުނގަށް ވެއްޓި, ރާއްޖޭގެ ދީނާއި މިނިވަންކަން ގުރުބާން ކުރަމުންނެވެ. އެގޮތުން ރައްޖޭގެ ކަނޑުގައި ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ދޫކޮށް, އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ނުފޫޒަށް ދީލާލައި, އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ދިވެހި ރައްޔިތުން އުފުލުމަމުންދާ އަޑުތަކަށް ބީރު ކަންފަތެއްދީ, މުއިއްޒު ދެކެމުންދަނީ ދިވެހި ރައްޔިތުންނަކީ ގަމާރުން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ