ހަތަރު ޕާޓީއަކަށް ފައިސާ ދޫކުރަން އެދިއްޖެ

ބޮޑު ދެ ޕާޓީއެއް ނުހިމަނައި ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށް ދޭން އެދި އިލެކްޝަން ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ އެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނެ ސިޔާސީ ޕާޓީތައް ކަނޑައަޅަނީ އެ އަހަރަކަށް ލަފާ ކުރާ ބަޖެޓް ފާސްކުރުމުގެ ކުރިން 10،000 މެމްބަރުން ހަމައަށް ތިބޭ ޕާޓީތަކަށެވެ. އެގޮތުން ބަޖެޓް ފާސްކުރުމުގެ ކުރިން އެ އަދަދަށް ހަ ޕާޓީއެއްގެ މެންބަރުން ހަމަވެ އެވެ. އެއީ އެންމެ ބޮޑު އެމްޑީޕީ އާއި ވެރިކަން ކުރާ ޕީއެންސީގެ އިތުރުން ޕީޕީއެމް، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި
އަދާލަތު ޕާޓީ އެވެ.
ފާޓީތަކަށް ފައިސާ ލިބޭ އަދަދު:
* އެމްޑީޕީ: 15.1 މިލިއަން ރުފިޔާ
* ޕީޕީއެމް: 10.4 މިލިއަން ރުފިޔާ
* ޕީއެންސީ: 8 މިލިއަން ރުފިޔާ
* ޖުމްހޫރީ ޕާޓީ: 5.3 މިލިއަން ރުފިޔާ
* އެމްޑީއޭ: 2.4 މިލިއަން ރުފިޔާ
* އަދާލަތު ޕާޓީ: 2.5 މިލިއަން ރުފިޔާ
ނަމަވެސް ފައިސާ ދޫކުރަން އެދުނީ އެމްޑީޕީ އާއި ޕީއެންސީ ފިޔަވައި އަނެއް ހަތަރު ޕާޓީއަށެވެ.
އީސީން ބުނީ ޕީއެންސީ އަށް ފައިސާ ދޫކުރަން އެދިފއި ނުވަނީ އެ ޕާޓީ އަށް ފައިސާ ޖަމާކުރާނެ އެކަައުންޓް ނަމްބަރެއް އަދި ހަމަޖެހިފައި ނުވާތީ ކަމަށެވެ. އެމްޑީޕީގެ ފައިސާ ޖަމާކުރަން ފޮނުވާފައި ނުވަނީ އެޕާޓީގެ އަހަރީ ރިޕޯޓު މިދިޔަ ހަފުތާގައި ލިބުމުން ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށް އީސީން ބުންޏެވެ.
މިހާރު 10،000 މެމްބަރުން ހަމަވާ ޕާޓީތައް:
* އެމްޑީޕީ: 52،142 މެމްބަރުން
* ޕީޕީއެމް 36،223 މެމްބަރުން
* ޕީއެންސީ 28،201 މެމްބަރުން
* ޖޭޕީ 18،349 މެމްބަރުން
އީސީގެ ދަފުތަރުގައިގައި 10 ސިޔާސީ ޕާޓިއެއް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ