މައްކާ: އުޑާއި ބިން ހެއްދެވި ދުވަހުން ފެށިގެން މާތް ﷲ މާތްކުރައްވައިފައިވާ ބިމެއް!

ޢަލީ އިޙްޞާން ފިރާޤް
 
ބިންތަކުގެ ތެރެއިން އެންމެ މާތް ބިމަކީ މައްކާގެ ބިމެވެ. އަރަހުށި މާތްﷲ ވަނީ އެބިމަކީ ޙުރްމަތްތެރި ކުރެވިގެންވާ ބިމެކަމުގައި ލައްވައިފައެވެ. މައްކާއަށް ފަންސާހަކަށް ނަން ލިބިގެންވެއެވެ. އަރަހުށި މާތްﷲ ޤުރްއާނުގައި މައްކާއަށް ފަސްނަމަކުން މުޚާޠަބު ކުރައްވައިފައިވެއެވެ. އެނަންތަކަކީ، މައްކާ، ބައްކާ، ޤަރްޔާ، އުއްމުލް ޤުރާ، އަދި އަލްބަލަދެވެ. ކީރިތި ރަސޫލާ  ބައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅުން ސާބިތުވާ ގޮތުގައި އުޑާއި ބިން ހެއްދެވި ދުވަހުން ފެށިގެން މާތްﷲ ވަނީ މައްކާގެ ބިން މާތްކުރައްވައިފައެވެ.
{ހިސްޓްރީ އޮފް މައްކާ} 
މި މަޒުމޫނުގައި އަޅުގަނޑު ބަލައިލާނީ، އެންމެ ފުރަތަމަ މައްކާގައި މީސްތަކުން ވަޒަންވެރިވެގެން ދިޔަ ގޮތަށެވެ. ޚާއްޞާކޮށް މައްކާގެ އެންމެ ފުރަތަމަ ވަޒަންވެރިންކަމުގައިވާ ހާޖަރުގެފާނާއި، އިސްމާޢީލުގެފާނުގެ ޙަޔާތްޕުޅަށެވެ. 
އަލްއިމާމުލް ބުޚާރީ އެކަލޭގެފާނުންގެ ޞައްޙަ ސަނަދާއެކު ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހުގެ ގެ އަރިހުން ރިވާކުރައްވައިފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަންހެނުންގެ ތެރެއިން އެންމެ ފުރަތަމަ އުނު އަންނައެތި ބިމުގައި ދެމޭވަރަށް ދިގުކޮށް އަންނަވަން ފެއްޓެވީ إسماعيل عليه السّلام ގެ މަންމާފުޅެވެ. އެކަމަނާ އެގޮތަށް ދިގުކުރެއްވީ އެކަމަނާގެ ފިޔަވަޅުފުޅުތައް ފުހެވި އެކަމަނާ ވަޑައިގަންނަވާ ތަނެއް ސާރާއަށް ސިއްރު ކުރެއްވުމަށްޓަކައެވެ. 
إبراهيم عليه السّلام ، هاجر އާއި إسماعيل عليه السّلام މައްކާއަށް ދޫކޮށްލެއްވިއެވެ. އޭރު إسماعيل عليه السّلام އަކީ ކިރުފޮދު ހިއްޕަވާ ތުއްޕުޅުބޭފުޅެކެވެ. إبراهيم عليه السّلام އެދެމައިކަލުން ދޫކުރެއްވީ (މިހާރުގެ) ޒަމްޒަމް ވަޅުގެ ކައިރީގައި ހުރި ބޮޑުގަހެއްގެ ކައިރިއަށެވެ. އެދުވަސްވަރު މައްކާއަކު އެއްވެސްމީހަކު ނޫޅެއެވެ. އެދުވަސްވަރު އެތަނުގައި ފެނެއްވެސް ނުހުރެއެވެ. إبراهيم عليه السّلام އެދެމައިން އެތެނަށް ދޫކޮށްލެއްވިއިރު އެދެމައިކަނބަލުންނާއެކު ކަދުރު ޓުކުރިއަކާއި ފެންކަންވާރެއްވެސް ބެހެއްޓެވިއެވެ. 
ދެން، إبراهيم عليه السّلام ޝާމްކަރައަށް ވަޑައިގަތުމަށް އެނބުރިވަޑައިގަތެވެ. އެހިނދު إسماعيل عليه السّلام ގެ މަންމާފުޅު إبراهيم عليه السّلام ގެ ފަހަތްޕުޅުންވަޑައިގެން ދެންނެވިއެވެ. "އޭ إبراهيم عليه السّلام އެވެ! އެއްވެސް މީހަކު ނޫޅޭ ވާދީއަކަށް ތިމަންމެން ދޫކުރައްވައި، ތިޔަވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟" އެގޮތަށް އެތައްފަހަރަކު ދެންނެވުމުންވެސް إبراهيم عليه السّلام އެއްވެސް އެއްޗެއް ވިދާޅެއްނުވިއެވެ. ދެން އެކަމަނާ އެކަލޭގެފާނަށް ދެންނެވިއެވެ. "ތިޔަގޮތަށް ކަންތައްކުރެއްވުމަށް ކަލޭގެފާނަށް، މާތްالله سبحانه وتعالى ޢަމުރުކުރެއްވީތޯއެވެ؟" 
އެހިނދު إبراهيم عليه السّلام ވިދާޅުވިއެވެ. "އާނއެކެވެ." އެހިނދު އެކަމަނާ ދެންނެވިއެވެ. "އެހެންވިއްޔާ މާތްالله سبحانه وتعالى ތިމަންމެން ރައްކާތެރި ކުރައްވާހުއްޓެވެ." 
ދެން އެކަމަނާވެސް އެނބުރި (އެގަސްދަށަށް) ވަޑައިގަތެވެ. إبراهيم عليه السّلام ވެސް އެނބުރި (بيت المقدس) އާ ދިމާއަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. އެކަލޭގެފާނު އެކަމަނާއަށް ފެނިވަޑައި ނުގަންނަވާ ހިސާބެއްކަމުގައިވާ ޘަނިއްޔަތުލް ވަދާޢު އާ ހަމައަށް ވަޑައިގެން ގެފުޅު ހުންނަދިމާއަށް ކުރިމަތި ލައްވައިގެން އަތްޕުޅު މައްޗަށް ނަންގަވައިގެން ހުންނަވައި ދުޢާ ކުރެއްވިއެވެ. 
رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ﴿٣٧﴾  
މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ދަރިންކުރެ ބަޔަކު، ގަހެއް ރުކެއް ނެތް وادى އެއްގައި، حرمة ތެރި ކުރައްވާފައިވާ އިބަރަސްކަލާނގެ ގެފުޅު އަރިހުގައި، ވަޒަންވެރިކޮށްފީމެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެން ނަމާދު قائم ކޮށް އުޅުމަށްޓަކައެވެ. ފަހެ، މީސްތަކުންކުރެ ބަޔެއްގެ ހިތްތައް އެއުރެންގެ ފަރާތަށް ލަންބަވާނދޭވެ! އަދި މޭވާތަކުން އެއުރެންނަށް رزق ދެއްވާނދޭވެ! (އެއީ) އެއުރެން شكر ވެރި ވުމަށްޓަކައެވެ." 
ދެން، إسماعيل عليه السّلام ގެ މަންމާފުޅު އެކަލޭގެފާނަށް ކިރުފޮދު އަރުއްވަމުންގެންދެވިއެވެ. އަތްޕުޅުގައި ހުރި ފެން ކަންވާރުން ފެންފޮދުވެސް ހިއްޕަވައެވެ. ދެން އެފެންކަންވާރުން ފެން ހުސްވުމުން ވަރަށް ބޮޑަށް ކަރުހިއްކައިވަޑައިގަތެވެ. އެކަމަނާގެ ދަރިކަލުންވެސް ވަރަށް ބޮޑަށް ފެންފޮދު ހިއްޕަވަން ބޭނުންފުޅުވުމުގެ ސަބަބުން، ފައިންޕުޅު ބިންމަތީގައި ޖައްސަވަނިކޮށް އެކަމަނާއަށް ފެނިވަޑައިގަތެވެ. 
އެކަމަނާއާ އެންމެ ކައިރީގައި ހުރިތަނަކަށް އެކަމަނާއަށް ފެނިވަޑައިގަތީ ޞަފާ ފަރުބަދައެވެ. ދެން އެކަމަނާ އެފަރުބަދައަށް އަރާ ވަޑައިގެން (މީހަކު ފެނިވަޑައިގަނޭތޯ) ވާދީއަށް ބައްލަވައިލެއްވިއެވެ. ނަމަވެސް އެކަމަނާއަށް އެއްވެސް މީހަކު ފެނިވަޑައެއްނުގަތެވެ. ދެން ޞަފާ ފަރުބަދައިން ފައިބާވަޑައިގެން ވާދީއާ ހަމައަށް ވަޑައިގެން ހެދުންކޮޅު އުފުއްލަވައިލައްވައި ދުވެ ވަޑައިގަތެވެ. ނުވަތަ ބާރަށް ހިންގަވާވަޑައިގަތެވެ. ދެން އެވާދީ ނިމޭހިސާބަށް ވަޑައިގެން މަރުވާފަރުބަދާގައި ހުންނަވައި އެއްވެސް މީހަކު ފެނިވަޑައިގަނޭތޯ ބައްލަވައިލެއްވިއެވެ. މިގޮތަށް ހަތްފަހަރު ހެއްދެވިއެވެ.  
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. "(ޞަފާއާ މަރުވާއާ ދެމެދު) މީސްތަކުންގެ ސަޢުޔު ކުރުމަކީ އެއީއެވެ." 
ދެން އެކަމަނާ މަރުވާގައި ހުންނަވައިގެން ބައްލަވައިލެއްވި ހިނދު އެކަމަނާއަށް އަޑެއް އިވިވަޑައިގަތެވެ. އެހިނދު ހިތާހިތާ ވިދާޅުވިއެވެ. "މަޑުމައިތިރިވާށެވެ!" ނުވަތަ ވިދާޅުވިއެވެ. "ތިބާގެ ފަރާތުގައި ހެޔޮކަމެއްވާނަމަ ތިމަންކަމަނާއަށް އެހީތެރިވާށެވެ.!" 
ދެން ދެވަނަ ފަހަރަށްވެސް އެއަޑު އިވިވަޑައިގަތެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ. "ތިބާގެ ފަރާތުގައި އެހީތެރިކަމެއްވާނަމަ އަވަހަށް އެހީތެރިވެދެއްވާށެވެ. ތިމަންކަމަނާ ތިބާގެ އަޑުއައްސަވައިފީމުއެވެ." އެހިނދު އެކަމަނާއަށް ފެނިވަޑައިގަތީ ޒަމްޒަމް ވަޅުހުރި ތަނުގައި މަލާއިކަތަކު ހުންނަވައިގެން ފައިންޕުޅުގެ ފުންނާބުން އެތަން ކޮންނަވާތަނެވެ. ނުވަތަ ފިޔަފުޅުން އެތަން ކޮންނަވާތަނެވެ. އެހިނދު އެތަނުން ފެން ނިކުންނަން ފެށިއެވެ. އަދި އެކަމަނާ، އެކަމަނާގެ އަތްޕުޅުން ޙައުޟެއް ހައްދަވަން ފެއްޓެވިއެވެ. އަދި އެކަމަނާގެ ކަންވާރަށް އެތަނުން ފެން އަޅުއްވަންވެސް ފެއްޓެވިއެވެ. އެތަނުން އެކަމަނާގެ ކަންވާރަށް ފެންއެޅުއްވުމުންވެސް އެތަނުން ފެން ނުކުމެ ނުކުމެހުއްޓެވެ.
ޢަބްދުﷲ ބިން ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘްކުރެއްވިއެވެ. "މާތްالله، إسماعيل عليه السّلام ގެ މަންމާފުޅަށް ރަޙްމަތްލައްވާށިއެވެ. އެކަމަނާ ޒަމްޒަމްވަޅުގެ ފެން ދޫކޮށް ލެއްވިނަމަ އެބިމުގައި ދެމިދެމި ހުރި ފެންކޯރަކަށް ވީހެވެ."{ صحيح البخاري، كتاب أحاديث الأنبياء. باب ‏{‏يَزِفُّونَ‏}‏ النَّسَلاَنُ فِي الْمَشْىِ، ޙަދީޘް ނަންބަރު 3364} 
އަދި ނުނިމޭ 
- ޢަލީ އިޙްޞާން ފިރާޤް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ