ޕީއެންއެފްގެ އެއްވުންތަކުގައި ގާނޫނާ ޚިލާފުވާ ކަމަށް ބުނެ، އީސީން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސިލްސިލާ އެއްވުންތަކުގައި ގާނޫނާ ޚިލާފުވާ ކަމަށް ބުނެ، އެކަން ތަކުރާރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަންސް ކޮމިޝަން (އީސީ)ން ދީފިއެވެ. މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި، މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ޚިޔާލު ހޯދުމުގެ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީތަކާ ގުޅުވައި، ޕީއެންއެފްއިން އަންނަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި، އަދަދު ނޫހުން ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަން ކުރާ ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް އުފައްދާފައިވާ ޑޮކިއުމެންޓަރީއަށް އިޝާރާތްކޮށް ވެސް ސަރުކާރަށް ފާޑުކިޔައެވެ. މީގެ ކުރިން އީސީން ވަނީ، ޕީއެންއެފާއި އިދިކޮޅު އެމްޑީޕީއަށް ވެސް ފޮނުވި ސިޓީތަކެއްގައި، ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ އަދި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ މުޒާހަރާތަކުގައި، ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. https://sun.mv/221255 ހަމައެއާއެކު، ސުލޫކީ މިންގަނޑާ ޚިލާފަށް، ޕާޓީތަކުގެ ވެރިންނާއި މެންބަރުންނާއި ޕާޓީތަކަށް މަސައްކަތްކުރާ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފާޑުނުކިޔުމަށާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދޭ ގޮތަށް ހަގީގަތާ ޚިލާފު ސާބިތުނުހިފޭ ވާހަކަތައް ނުދެއްކުމަށް އީސީން އަންގައިފައިވެއެވެ. އޭގެ ފަހުން، މިއަދު އީސީން ނެރުނު ބަޔާނެއްގައިވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން، އެހެން ގާނޫނަކުން ހުއްދަ ކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ޕާޓީތަކުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް ކަމަށެވެ. އެގޮތުން ސިޔާސީ ހަރަކާތްތަކާއި އެއްވުންތައް ބޭއްވުމުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގައި ހުއްދަކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ލާޒިމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ. https://x.com/ElectionsMv/status/2051337661378613453 ހަމައެހެންމެ، ސިޔާސީ ޕާޓީއެއްގެ މެންބަރުން ނުވަތަ އެ ޕާޓީއަކަށް ތާއިދުކުރާ ބަޔަކު އެހެން ޕާޓީއަކުން ހިންގަމުންގެންދާ ބައްދަލުވުމަކަށް ހުރަސް އެޅޭ ފަދަ އަމަލެއް ކުރުމާއި އެއް ޕާޓީއަކުން ބައްދަލުވުމެއް ބާއްވަމުންދާ ތަނެއްގައި އެއް ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުމެއް ބާއްވަން މަސައްކަތް ކުރުމަކީ ގާނޫނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ޚިލާފު އަމަލުތަކެއް ކަމަށް ބަޔާނުގައިވެއެވެ. އީސީން ބުނީ، ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވާ އެއްވުންތަކާއި ހިންގާ ހަރަކާތްތަކުން ގާނޫނާ ޚިލާފު އަމަލުތައް ތަކުރާރު ކުރަމުންދާ ކަމަށް އެ ކޮމިޝަނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެކަން އެ ޕާޓީއަށް އަންގައިފައިވާ ކަމަށް ބަޔާނުގައިވެއެވެ. ހަމައެހެންމެ އެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އެ ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް ކޮމިޝަނަށް ހާޒިރުވުމަށް ޕީއެންއެފްއިން އުޒުރުވެފައިވާ ކަމަށް އީސީން ބުނެފައިވެއެވެ. ޕީއެންއެފްގެ އެއްވުމެއްގެ ތެރެއިން -- ފޮޓޯ/ ޕީއެންއެފް "ވީމާ، އިސްވެ ބަޔާން ކުރެވުނު އަމަލުތައް ތަކުރާރުވާނަމަ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު މި ކޮމިޝަނުން އަޅާނެ ވާހަކަ ދަންނަވަމެވެ." އީސީގެ ބަޔާނުގައިވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ޕީއެންއެފްގެ މުޒާހަރާތައް ލައިވް ނުކުރުމަށް 'ޗެނަލް 13'އަށް އަންގައިފައެވެ. އޭގެ ކުރިން، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ނެރުނު ބަޔާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުން މާލޭގައި ރޭގަނޑު ބާއްވަމުންދާ އެއްވުންތަކުގައި ހަމަނުޖެހުމަށް ހިތްވަރުދޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އީސީން އެ އިންޒާރު ދިންއިރު، އަދަދު ނޫހުން ރައީސަށް ތުހުމަތުތައްކޮށް ނެރެފައިވާ ޑޮކިއުމެންޓަރީއާ ގުޅޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށްފައެވެ. އަދި އެ ނޫހުގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފައިވެއެވެ. މީގެ އިތުރުން މިއަދު ފުލުހުންގެ އެދުމަށް، ކްރިމިނަލް ކޯޓުން ވަނީ އަދަދު ނޫހުގެ އޮފީހުން ފުލުހުން ހިފަހައްޓާފައިވާ އިލެކްޓްރޯނިކް އާލާތްތަކާއި ޑޭޓާތަކަށް އެކްސެސްވުމުގެ ހުއްދަ އެ މުއައްސަސާއަށް ދިނުމުގެ އަމުރެއް ނެރެފައެވެ. ނަމަވެސް އެ ނޫހުން ވަނީ ޕާސްވޯޑްތައް ނުދޭން ނިންމައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ