ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް: އެޗްޕީއޭ

ދެކުނު އެމެރިކާ ސަރަހައްދުގައި ދަތުރުކުރާ ކްރޫޒް ޝިޕަކުން ފެނި، އާއްމުންގެ ސަމާލުކަން ހުއްޓިފައިވާ ހަންޓާވައިރަސްގެ ރިސްކު ރާއްޖެއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށް، އެޗްޕީއޭއިން މިރޭ ބުނެފި އެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމާ އިދާރާގެ މީޑިއާ އޮފިޝަލު ވިދާޅުވީ ސްޕެއިންގެ ޓެނެރީފް އައިލެންޑަށް ދަތުރުކުރަމުންދާ "އެމް.ވީ ހޮންޑިއަސް" ނަމަކަށް ކިޔާ ބޯޓުން ފެނުނު އެ ބަލީގެ ހާލަތު ޑަބްލިއުއެޗްއޯއާ ގުޅިގެން މޮނީޓާކުރަމުންދާ ކަމަށެވެ. 
ރާއްޖެއިން މިހާތަނަށް އެ ބަލީގެ އެއްވެސް ކޭހެއް އަދި ބަލި ޖެހިފައިވާ މީހަކާ ދިމާވި މީހަކު ވެސް ފެނިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 
"ރާއްޖެއަށް ބަލީގެ ރިސްކް އޮތީ ވަރަށް ކުޑަކޮށް،" އޭނާ ވިދާޅުވި އެވެ. 
އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ލިބޭ ވަރަކަށް ހިއްސާކުރާނެ ކަމަށެވެ. 
އާންމު ގޮތެއްގައި މީދާ އާއިލާގެ ތެރޭގައި ފެތުރޭ މި ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ވަރަށް ނާދިރު ހާލަތެއްގަ އެވެ. އެކަމަކު އިންސާނަކަށް ޖެހިއްޖެ ނަމަ، ނޭވާލާ ނިޒާމާއި ކިޑްނީއަށް ވަރަށް ބޮޑަށް ގެއްލުންވެ އެވެ.
މީދަލުގެ ސަބަބުން އިންސާނުންނަށް މި ވައިރަސް ޖެހެނީ ބަލި ޖެހިފައިވާ މީދަލުގެ ނަޖިހާއި ކުޅު ނޭވާގެ ޒަރިއްޔާއިން އިންސާނުންގެ ހަށިގަނޑަށް ވަނުމުންނެވެ. 
The most trusted news source in the Maldives
އެ ބޯޓުން ދަތުރުކުރި ތިން ފަސިންޖަރަކު ހަންޓާވައިރަހުގައި މަރުވެފައިވާއިރު ޑަބްލިއުއެޗްއޯ އިން މިދިޔަ ބުރާސްފަތި ދުވަހު ބުނެފައިވަނީ ބަލި ޖެހިފައިވާކަން ކަށަވަރުވާ ފަސް މީހަކާއި ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ ތިން މީހަކު އެބަ ތިބި ކަމަށެވެ.
ބަލި ޖެހުނު މީހުންނާ ޑައިރެކްޓު ކޮންޓެކްޓުވި ބަޔަކު ވެސް އެއަށް ނެގެޓިވްވުމުން، އެއީ ނުފެތުރޭނޭ ބުނާ ވަރަށް ނުރައްކާ ކުޑަ ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ކްރިސްޓިއަން ލިންޑްމެއިއާ ވިދާޅުވި ގޮތުގައި ބަލި ޖެހުނު މީހުންނާ އެކު އެއް ކެބިންއެއްގައި ތިބި މީހުންގެ ތެރެއިން ވެސް ބައެއް މީހުންނަށް ބަލީގެ ވައިރަސް އަރާފައި ނެތް ކަމަށް ބެލެވެ އެވެ.
"މިއީ އާ ކޮވިޑެއް ނޫން... މިއީ ހިމަބިއްސާ ގާތްކުރާ ވަރުގެ ކަމެއް ވެސް ނޫން،" ހަންޓާވައިރަސް އަކީ ކެއްސާ މީހެއްގެ ކައިރީގައި ހުރެގެން ވެސް އެޖެހޭ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
"ބަލި ޖެހޭނީ މޫނާއި މޫނު ޖެހޭހާ ގާތްވެގެން... ކުޅު ވާސިލްވުމުން، ބުރައިގެންދާ ކުޅުން މައްސަލަ ދިމާވެދާނެ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ