އަހަރު ނުވާ ކުއްޖަކު ގޮވައިގެން ހަ މީހަކު "ޖިހާދަށް" ހިނގައްޖެ

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވުމަށް ރާއްޖެއިން ހަ މީހަކު މިދިޔަ ހަފުތާގައި ފުރައިފި އެވެ.
އެނގިފައިވާ ގޮތުގައި މި ހަ މީހުންގެ ތެރެއިން އެކަކު ދިޔައީ އޭނާގެ އަހަރު ނުވާ ދަރިއަކު ވެސް ގޮވައިގެންނެވެ. އަދި ދެ މީހަކު އެ ދެ މީހުންގެ އަނބިން ވެސް ގެންދިޔަ ކަމަށް ވަނީ އެނގިފަ އެވެ.
މި އެންމެން ދަތުރުކުރީ އެއް ފްލައިޓެއްގައި ކަމަށާއި ތުރުކީ އަށް އެތެރެވުމަށް ފަހު މިހާރު މި މީހުން ސީރިއާ ތެރެއަށް ވަދެފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ. ނަމަވެސް މި މީހުންގެ މައުލޫމާތު އަދި ކަށަވަރުވާ ގޮތެއް ނުވެ އެވެ.
މީގެ ކުރިން ވެސް ދިވެހިންގެ އެތައް ބަޔަކު ސީރިއާގެ ހަނގުރާމަ އަށް ގޮސްފައިވެ އެވެ. އާއިލާ އަށް ނޭނގި، 18 އަހަރު ނުވާ އަންހެން ކުއްޖަކު ގެންދިޔަ މައްސަލައެއްގައި ފުލުހުން ހޯދަން އިއުލާނުކޮށްފައިވާ މީހަކު ވެސް ސީރިއާ އަށް ފުރައިގެން ގޮސްފައިވާކަން މީގެ ދުވަސްކޮޅެއް ކުރިން ވަނީ އެނގިފަ އެވެ. އަދި ބައެއް މީހުން އަނބިންނާއި ދަރިންނާއި މައިންބަފައިން ގޮވައިގެން ވެސް ސީރިއާ އަށް ގޮސްފައިވެ އެވެ.
ސީރިއާ ސަރުކާރާ ދެކޮޅަށް އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގާއިދާގެ އިތުރުން އެ ޖަމާއަތުގެ ދަށުން ހަރަކާތްތެރިވާ އެކި ޖަމާއަތްތަކުން ދަނީ ހަނގުރާމަ ކުރަމުންނެވެ. މި ޖަމާއަތްތަކުގެ ތެރެއިން ދިވެހިން ގުޅެމުން ދަނީ އަލްގާއިދާއާ ގުޅުން އޮންނަ ޖަބްހަތުއް ނުސްރާ ނުވަތަ ނުސްރާ ފްރަންޓާ އެެވެ. އެ ޖަމާއަތާ އެކު ހަނގުރާމަކުރި ދިވެހިންގެ ތެރެއިން ބައެއް މީހުން މަރުވެ، ނުސްރާ އިން މީގެ ކުރިން އެކަން އިއުލާނުކޮށްފައިވެ އެވެ.
ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ވައްޓާލުމަށް 2011 ވަނަ އަހަރު ފެށި މުޒާހަރާތައް ދާހިލީ ހަނގުރާމައަކަށް ބަދަލުވެފައި ވާއިރު މިހާތަނަށް އެ ހަނގުރާމާގައި ވަނީ ދެ ލައްކަ އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ސަރުކާރާއި ހަނގުރާމަވެރިންނާ ދެމެދު ހަމަލާ ބަދަލުކުރާއިރު ސަރުކާރާ ދެކޮޅު ޖަމާއަތްތަކުން އެއް ބަޔަކު އަނެއް ބަޔަކަށް ދޭ ހަމަލާތަކުގައި ވެސް އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ