ބެންކިންގ ނިޒާމުގެ ތެރެއަށް ޑޮލަރު ވައްދަން ގެނައި ބަދަލާ މަޓީން ދެކޮޅު

ރިސޯޓުތަކުން ކޮންމެ އަހަރަކުވެސް ވަކި އަދަދަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރުން ލާޒިމްކުރާގޮތަށް ގެނައި ބަދަލަށް ޓުއަރިޒަމް އެސޯސިއޭޝަން (މަޓީ) އިން ދެކޮޅު ހަދައިފި އެވެ.
ފަތުރުވެރިކަމަށް ބޭރު ފައިސާ އިން ލިބޭ އާމްދަނީން އަހަރަކު ޖުމްލަ 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކު، އެމްއެމްއޭގެ ބޭރު ފައިސާއާ ބެހޭ ގަވައިދަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ އިއްޔެ އެވެ.
މިއީ ރާއްޖޭގެ ބޭންކުތަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް މިހާތަނަށް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި ބަދަލާ އެކު، އެމްއެމްއޭ އިން 1 މާޗް 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދު ވަނީ އުވިފަ އެވެ.
މިކަން އިއުލާންކޮށް ނެރެފައިވާ ބަޔާނުގައިވާގޮތުން މި ނިންމުމަކީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެ ފަރާތްތަކުން ވެސް އެއްބަސްވެވޭ ގޮތަށް ނެރެފައިވާ ގަވާއިދެކެވެ. އެކަމަކު މަޓީން ވަނީ އެކަން ދޮގުކޮށްފަ އެވެ.
މަޓީން ނެރުނު ބަޔާނުގައި ބުނީ މި ނިންމުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރި ކަމަށް ބުނެފައިވީ ނަމަވެސް، އެއީ އެކަން ކުރި ގޮތް ނޫން ކަމަށެވެ. މަޓީން ބުނީ އެކަމާ ގުޅޭގޮތުން ބޭއްވި މަޝްވަރާގައި ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހަށް އެއްބަސް ނުވެވޭނެ ކަން މަޓީން އަންގާފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި އެ ގަވާއިދުގައި ހިމަނާނެ ބައެއް ކަންކަން ވެސް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ ހުށަހެޅި ބަދަލުތަކެއް މަޓީން ހާމަކޮށްފައެއް ނުވެ އެވެ.
މަޓީން ބުނީ އެ ގަވާއިދު ނެރެފައި ވަނީ އެފަދަ އެއްވެސް ހުށަހެޅުމެއް ގަވާއިދުގައި ނުހިމަނާ ކަމަށެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ބުނެފައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ނުވަތަ ފޯރުކޮށްދޭ އެ ދާއިރާގެ މުދަލާއި ޚިދުމަތަށް، ކޮންމެ މަހެއްގައި ލިބޭ ފައިސާގެ ޖުމުލަ (ރިއަލައިޒްޑް ސޭލްސް ޕްރޮސީޑްސް) އެކުގައި، އެ މަހަށް ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވައިފައިވާ ބޭރުގެ ފައިސާގެ އެކައުންޓަކަށް ޖަމާކުރަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ