ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގައި އެދިއްޖެ

ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެދި އިންޑިއާ ސަރުކާރުގައި ރާއްޖޭން އެދިފައިވާ ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިކަން ހާމަކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝް އަދި ސްރީ ލަންކާ އިން ވެސް ވަނީ ތެޔޮ ހޯދުމަށް އިންޑިއާގައި އެދިފަ އެވެ.
ތަފްސީލް - މި ގައުމުތަކުން އިންޑިއާގެ އެހީތެރިކަމަށް އެދިފައި މިވަނީ، އިޒްރޭލާއި އެމެރިކާ ގުޅިގެން މެދުއިރުމަތީގައި ހިންގަމުންދާ ހަމަނުޖެހުންތަކާއި އީރާނާ އެކު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.
ޖައިސްވާލް ވިދާޅުވީ، އިންޑިއާއަކީ އަވަށްޓެރި ގައުމުތަކަށް ތެލުގެ ބާވަތްތައް އެކްސްޕޯޓްކުރާ ގައުމެއް ކަމަށެވެ. އެގޮތުން، ބަންގްލަދޭޝްއަށް ބޭނުންވާ ޑީސަލް ފޯރުކޮށްދިނުމަށް އިންޑިއާ-ބަންގްލަދޭޝް ފްރެންޑްޝިޕް ޕައިޕްލައިން މެދުވެރިކޮށާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އަވަށްޓެރި ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި އިންޑިއާގެ އަމިއްލަ ބޭނުންތަކަށް ބޭނުންވާ މިންވަރަށާއި އެ ގައުމުގެ ތެޔޮ ސާފުކުރާ ކާރުހާނާތަކުގެ ގާބިލުކަމަށް ބަލާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.
އެނގުން މުހިންމު - މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ކެބިނެޓުގެ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި އެ ކޮމިޓީގެ ޗެއާޕާސަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެޔޮ ލިބުން ދަތިވުމާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު ގޮތްތައް ހޯދަމުން އަންނަ ކަމަށެވެ.
ހަލީލް ވިދާޅުވީ އަވަށްޓެރި ގައުމުތަކާއި އެހެން އިތުރު ގައުމުތަކުން ވެސް ތެޔޮ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފާހަގަކޮށްލެވޭ - މެދުއިރުމަތީގެ ތެލާއި ދަތުރުފަތުރުގެ އިންފްރާސްޓްރަކްޗަރަށް އީރާނުން ދޭ ހަމަލާތައް ވަރުގަދަކުރުމާ ގުޅިގެން، ދުނިޔޭގެ މުހިންމު ކަނޑުގެ މަގެއް ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ތެޔޮ ސަޕްލައިކުރުމަށް ދިގު މުއްދަތަކަށް ބުރޫއަރާފާނެކަމުގެ ކަންބޮޑުވުންތަކާ އެކު، ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.
ބްރެންޓް ކްރޫޑްގެ އަގު 8.54 ޑޮލަރު ނުވަތަ %9.28 މައްޗަށް ގޮސް، ފީފާއެއްގެ އަގު 100.52 ޑޮލަރަށް މިއަދު ވަނީ އަރާފަ އެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު 7.22 ޑޮލަރު ނުވަތަ %8.28 މައްޗަށް ގޮސް، ފީފާއެއްގެ އަގު ވަނީ 94.47 ޑޮލަރަށް އަރާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ