ހަނގުރާމައަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް ވާނީ އިންކާރުކޮށްފައި: ޚަލީލް
މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރަން އެދުމުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ވިދާޅުވެއްޖެއެވެ. ހަނގުރާމައާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީ ރާއްޖޭގެ ވައިގެ ސަރަހައްދު ހަނގުރާމައަށް ބޭނުންކުރުމަށް އެދި ރިކުއެސްޓުތައް އަންނަ ކަމަށެވެ. އެހެންނަމަވެސް ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ނުދޭނެ ކަމަށް ޚަލީލް ވިދާޅުވިއެވެ. ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާކަން ތިބޭފުޅުންނަށް ދަންނަވާލަން، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިނިސްޓަރު ޚަލީލް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއް ދެނީ ރާއްޖޭގެ އަމާންކަމާއި އިގްތިސޯދު ހިމާޔަތްކުރުމަށް ކަމަށެވެ. ޚަލީލް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މަސްރަހު ގޯސްވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ދިވެހީންނަށް ހިމާޔަތް ދިނުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެތެރެއިން ބައެއް މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ދަތުރުކޮށްފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ފެބްރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މުހިންމު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އޭގެއިތުރުން މެދުއިރުމަތީގެ ގައުމުތަކުން އަންނަނީ ތެޔޮ އުފައްދާ މިންވަރުވެސް މަދުކުރަމުންނެވެ. އޭގެ ސަބަބުން ރާއްޖޭގައި ވެސް ތެލުގެ އަގު ވަނީ އުފުލިފައެވެ. އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި ތެލުގެ އަގާއި ކާބޯތަކެތީގެ އަގު އޮންނަނީ ގުޅިފައެވެ. ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުން ކާބޯތަކެތީގެ ސަޕްލައި ޗެއިންއަށް އޭގެ ނޭދެވޭ އަސަރު ފޯރައެވެ. ތެލުގެ އަގަށް އަންނަ މިފަދަ ކޮންމެ ބޮޑު ލޮޅުމަކަށްފަހު ދުނިޔޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނަކަން ތާރީހުން އެނގެން އޮތް ކަމަށް ވެސް މާހިރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ