ގެނައި ބަދަލުގެ ސަބަބުން ސުޕްރީމް ކޯޓު މިނިވަން ވެގެންދާނެ: ނިހާން

ސުޕްރީމް ކޯޓުގެ ބެންޗަށް މިއަދު ގެނެވުނު ބަދަލުގެ ސަބަބުން އެ ކޯޓަށް އެންމެ ފުރިހަމަ ބާރު ލިބި މިނިވަން ވެގެން ހިނގައްޖެ ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
"އަވަސް"އަށް ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް އެ ބެންޗް ފަސް ފަނޑިޔާރުންނަށް ކުޑަ ކުރުމަކީ އެކަމުގެ ސަބަބުން އެ ކޯޓަށް އިތުރު ބާރުވެރިކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މިއަދުގެ ވޯޓަކީ މިހާރަށް ވުރެ ބޮޑަށް މިނިވަންކަމާ އެކު އެ ކޯޓުގެ މަސައްކަތްތައް ހިންގުމަށް ހުޅުވުނު ދޮރެއް ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޝަރުއީ ދާއިރާއަށް ދެމުން އައި ހަމަލާތަކުގައި އުއްތަމަ ފަނޑިޔާރު ފާއިޒް އަށް އެކަށީގެންވާ މަސައްކަތްތަކެއް ޝަރުއީ ދާއިރާގެ ގަދަރާއި އަގު ހިފެހެއްޓުމަށް ކުރެއްވިފައެއް ނުވެ އެވެ.
"މަގުމަތީގައި ގައިރު ގާނޫނީ ކޯޓު ހަދައި ފަނޑިޔާރުން ބްލެކްމެއިލް ކޮށް އެ މީހުންގެ މުދަލަށް ގެއްލުން ދީ ގަޔަށް ބޮލަށް އަރައި ހުރިހާ ކަމެއް ކުރީއިރު ސުޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރު އެޅުއްވީ ކޮން ފިޔަވަޅެއްތޯ...ސުޕްރީމް ކޯޓުގެ ގަދަރު ހިފެހެއްޓުމަށް ކުރެއްވީ ކޮން ކަމެއްތޯ،" ނިހާން ވިދާޅުވި އެވެ. "މިއީ އަޅުގަނޑުމެންނަށް ސުވާލު އުފެދޭ ކަންކަން. ފާއިޒް އެ ކޯޓުގެ ގަދަރަށް ކޮން މަސައްކަތެއްތޯ ކުރީ. އަޅުގަނޑު ދަންނަވަން އޮތީ ދެން ސުޕްރީމް ކޯޓު ފެނިގެން ދާނީ ބާރުވެރި މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރާތަން. ރަނގަޅަށް ބާރުތައް ވަކިވެފައި އޮތް މުއައްސަސާއެއްގެ ގޮތުގައި މަސައްކަތް ކުރާތަން."
އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ގާނޫނީ ހަޔާތަށް އައި ހިތާމަވެރި ދުވަހެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އެ ވާހަކައިގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ. އަދި ދެ ފަނޑިޔާރުން ވަކި ކުރީ ގާނޫނަށް އިސްލާހު ގެނެސް މަޖިލީހުގެ ތެރެއިން ވޯޓެއް ނަގައިގެން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީއާ ހިލާފު ކަމެއް އޮތް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޝަރުއީ ދާއިރާ އިސްލާހު ކުރަން ވަކާާލާތު ކުރި ބަޔަކު އެފަދަ ބިލަކާ ދެކޮޅު ހެއްދެވީތީ ހިތާމަ ކުރައްވަ އެވެ. އަދި ރައީސް އަބްދުﷲ ޔާމީން ފަނޑިޔާރުންގެ ކަންކަމާ ބެހިވަޑައި ނުގަންނަވާނެ ކަމުގެ ޔަގީންކަން ނިހާން ދެއްވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައީ ޕީީޕީއެމްގެ ތެރެއިން ވަކި މީހަކު ބޭނުން ވެގެން ނޫން ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އެކަމަކީ ޝަރުއީ ދާއިރާއަށް ހެޔޮ އެދިގެން ޕާޓީން ކުރި ކަމެއް ކަމަށް ނިހާން ވިދާޅުވި އެވެ. އެ މަސައްކަތްތަކުގައި ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ޓޫރިޒަމް މިނިސްޓަރު އަދީބު ކުރެއްވި މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށް ނިހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ގައުމަށް ޓަކައި ނިންމަން ޖެހޭ ބޮޑެތި ނިންމުންތައް ނިންމުމުގައި، ޖެހިލުން ވުމެއް އަދި ފަހަތަށް ޖެހިވަޑައިގަތް ނުގަތް މަސައްކަތް ކުރައްވާ ބޭފުޅަކީ ވެސް އަދީބު ކަމަށް ނިހާން ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުގެ ދާއިރާތަކަށް ވެސް ޕީއެސްއައިޕީގެ މަޝްރޫއުތައް ދެއްވުމުގައި އަދީބާއި ފިނޭންސް މިނިސްޓަރު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި. ޔޫތް އަދި އިކޮނޮމިކް ކައުންސިލުން އަޅުގަނޑުމެންނާ އަދީބު ކޯޑިނޭޓް ކުރައްވަމުން ހުރިހާ ކަމެއްގައި ވެސް ގެންދަވަނީ. އެއީ ހަމައެކަނި މިކަމަކު ނޫން. އަދީބަކީ ކެރިގެން މި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި މަސައްކަތް ކުރައްވާ ބޭފުޅެއް،" ނިހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ