ގާސިމްގެ ބަހުން ނަމަ ކޮމަންޑޫ ދާއިރާގެ ތަރައްގީގެ އަގަކީ ވޯޓު

ސިޔާސީ ވެރިންގެ ކުރިމަތީގައި މިވަގުތު އެންމެ އަގުބޮޑު އެއްޗަކަށް ވެފައި އޮތީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓެވެ. އިންތިހާބުގައި ވާދަކުރާ ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީ އާއި އެންމެ ފަހުން އުފެއްދި ޕާޓީއަކުން ގެންދަނީ ވައުދުތައް ކުރަމުންނެވެ. ކޮށްދޭނެ ކަންތައްތައް ކިޔައިދެމުންނެވެ. ބާރު އޮތް ސަރުކާރުން ވެސް ވަނީ ގިނަ މަޝްރޫއުތަކެއް އެ ދާއިރާގައި ފަށައިފަ އެވެ. 
ވީ ކިހިނެއް؟- ކޮމަންޑޫ ދާއިރާއަށް އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ތާއީދުކުރައްވައި، އެންމެ ބޮޑަށް މިހާރު ކެމްޕޭން ކުރައްވާ އެއް ބޭފުޅަކީ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ކެމްޕޭނަށް މިހާރު ވެސް ކޮމަންޑުއަށް ވަޑައިގެން ހުންނެވި ގާސިމް މިއަދު ވަނީ، ސަރުކާރުން މިހާރު އެ ދާއިރާއަށް ކޮށްދޭ ކަންތައްތަކަށް ބައްލަވައި، އޭނާއަށް ފެނިވަޑައިގަންނަވާ 'ވަރަށް ފުރިހަމަ ތަސައްވުރެއް' ކުރަހާލަ ދެއްވައިފަ އެވެ.
ގާސިމް ސިފަކުރެއްވި ގޮތުގައި ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކޮމަންޑު އާއި ޖެހިގެން އޮންނަ ދަށު ކޮމަންޑޫ ގުޅާލުމުން، ދެން ފެންނާނީ ވަރަށް ފުރިހަމަ ތަސްވީރެކެވެ. މާލޭގައި ތިބި އެ ދާއިރާގެ މީހުން އެނބުރި އަންނާނެ އެވެ. ދާއިރާގެ ތިން ރަށެއްގައި ރިސޯޓު އަޅަން ނިންމާފައިވާއިރު، އެކަން ވުމުން، އަތޮޅުގެ ގިނަ ބަޔަކަށް ވަޒީފާ ލިބޭނެ އެވެ. ގެސްޓުހައުސްތައް ފެންނާނެ އެވެ.
މިއީ ދާއިރާގައި އެއާޕޯޓެއް ނެތިގެން ދެރަވެފައި ތިބި ރައްޔިތުންނަށް ލިބުނު އެއަށް ވުރެ ބޮޑު ނިއުމަތެއް ކަމަށް، ސަރުކާރު ކޯލިޝަންގެ އެއް ޕާޓީގެ ވެރިޔާ ވިދާޅުވި އެވެ. 
"އިރާދަކުރެއްވިއްޔާ މިދިޔަ 50 އަހަރު ގެއްލިފައިވާ ކަންކަން ދެން ފެންނަން ފަށާނެ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވަނީ އެ ތަސައްވުރުގެ އަގެއް ވެސް ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ އެކަންކަން ހަގީގަތަކަށް ހަދަން ސަރުކާރަށް އޮތް އެއްބާރުލުން ވެސް ރައްޔިތުންގެ ފަރާތުން ފެންނަން ޖެހޭނެ ކަމަށެވެ. ބަހާއި އަމަލުން އެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އޭގެ މާނައަކީ ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީއަށް ވޯޓުލުން ކަމަށް ވިދާޅުވި އެވެ.
ރައްޔިތުން ބޭނުންވާ ތަރައްގީ ގެންނަން ސަރުކާރު ރުހޭ ގޮތަށް އަމަލުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް، މިކެމްޕޭން ތެރޭގައި، ތަކުރާރުކޮށް ގާސިމް ގެންދަވަނީ ވިދާޅުވަމުންނެވެ. އޭނާ ވިދާޅުވާ ގޮތުން، އެއީ ރައްޔިތުންގެ އަމިއްލަ ފައިދާއަށް ނިންމާ ނިންމުމެކެވެ.
މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމަލު ކުރައްވާނެ ނުވަތަ ވިސްނާވަޑައިގަންނަވާނެ ގޮތް ވެސް ގާސިމް ކުރިން ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުން ރައީސް އެހާ ބޭނުންފުޅުވާ ކަމެއް ނުވެއްޖެ ނަމަ، ލަދުފުޅުގަނެ، ދެރަވާނެ އެވެ. އަދި އެފަދަ ހާލަތެއްގައި، އެ ދާއިރާގެ މީހުން ބޭނުންވާ ގޮތަށް އަމަލުކުރެއްވުމަކީ 'އިންސާނެއްގެ ހައިސިއްޔަތުން ވެސް' އުނދަގޫވެވަޑައިގަންނަވާނެ ކަމެއް ކަމަށް ކުރިން ގާސިމް ވިދާޅުވި އެވެ. އެހެންވެ އޭނާގެ ބަހުން ނަމަ ދާއިރާއަށް ބޭނުންވާ ތަރައްގީ އޮތީ، ރައީސް ރުހޭ ގޮތަށް އަމަލުކޮށްގެންނެވެ.
އެ ވާހަކަ ނުގޮތަކަށް ތަކުރާރުކުރައްވައި މިއަދު ވެސް އޭނާ ވިދާޅުވީ ކޮމަންޑޫގެ ގޮނޑި ސަރުކާރަށް ކާމިޔާބުވުމަކީ، ބޭރު ގައުމުތަކުގެ އެހީ ލިބެން ވެސް މަގުފަހިވާނެ ކަމެއް ކަމަށެވެ.
"ގައުމުގެ ވެރިއަކާ ދޭތެރޭ އެއްވެސް ކަހަލަ އިތުބާރެއް ނެތްކަމާއި ގަދަރެއް ނުކުރާކަމާއި އެ ޕާޓީއަކީ އެއްވެސް ކަހަލަ ޕާޓީއެއް ނޫން ކަމަށް ނިންމައިފިއްޔާ ކޮން ތާކުންތޯ އެހީ ހޯދަނީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގެ ވެރިޔާ ބޭނުންފުޅުވާ ގޮތަށް އަމަލު ކުރުމަކީ، އިސްލާމްދީނާ ހިލާފުނުވާ ކަމަކަށް ވާ ނަމަ، ކޮންމެ ދިވެހި ރައްޔިތެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
ކޮމަންޑޫ ދާއިރާއަށް ލިބިފައި އޮތް ފުރުސަތުގެ ބޭނުން ހިފަން ގާސިމް އެދިވަޑައިގެންނެވީ، 'ލަދަކާ ހުރެ ތަދެއް ނުފިލާނޭ' ބުނެ އުޅޭ އުސޫލުންނެވެ. ދާއިރާ ތަރައްގީކުރަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެ ކަމާއި އޭގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އޭނާ އެދިވަޑައިގަތެވެ.
އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯއްދަވަން ގާސިމް މަސައްކަތްކުރައްވާ އިރު އޭނާގެ އަނބިކަނބުން އައިޝަތު ނަހުލާއަކީ ޓްރާންސްޕޯޓް މިނިސްޓަރެވެ.
މި އިންތިހާބުގައި ވާދަކުރައްވާ ހަންނާން އިދުރީސް އަކީ އަލަށް އުފެއްދި އެމްއެންޕީގެ ކެންޑިޑޭޓެވެ. އެމްއެންޕީގެ އިސް ލީޑަރުން ކަމަށްވާ ދަނގެތީ ދާއިރާގެ މުހައްމަދު ނާޒިމާއި ތިމަރަފުށީ ދާއިރާގެ އަބްދުﷲ ރިޔާޒަކީ ކުރިން ގާސިމާ އެކު ޖޭޕީގައި މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ. އެ ބޭފުޅުން މަޖިލިހަށް ހޮވިވަޑައިގަތީ ވެސް ޖޭޕީން ވާދަކުރައްވައިގެންނެވެ.
ޖޭޕީ ދޫކުރައްވާ އަމިއްލަ ޕާޓީއެއް އުފެއްދެވުމުން ގާސިމް ގެންދަވަނީ ފާޅުގައި ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެހެންކަމުން އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިންގައި ގާސިމް އެހާ ބޮޑަށް އުޅުއްވުމުގައި، އެމްއެންޕީއާ ދެކޮޅުވުން ވެސް ހިމެނޭ ކަމަށް، ސިޔާސީ ބައެއް ފަރާތްތަކުން ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ