އިންތިހާބު ކާމިޔާބު ކުރުމަށް ގާސިމް އިބްރާހިމް އާ ބައިވެރިވުމަށް ގޮވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ހުރިހާ ރައްޔިތުންވެސް ތާއީދުކޮށް ބައިވެރިވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.
އދ. މާމިގިލީގެ ގިނަ ބަޔަކު ޖުމްހޫރީ ޕާޓީއަށް ސޮއިކުރި ފޯމާ ހަވާލުވެ ވަޑައިގަންނަވާ ފޮޓޯ އެއް ހިއްސާ ކުރައްވަމުން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާ ވެސް ގިނަ ބަޔަކު ޖޭޕީ އަށް ސޮއިކޮށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި އެމަނިކުފާނާ ބައިވެރިވެވަޑައިގަތުމަށް ދައުވަތު އަރުވާ ކަމަށެވެ.
"އދ. މާމިގިލިން މިއަދު ޖޭޕީ އާއި ގުޅުނު 72 މެންބަރުންނަށް މަރުހަބާ ދަންނަވަން" ގާސިމްގެ ޓްވީޓުގައި ވެއެވެ. މިކަމާ ގުޅިގެން ޖޭޕީގެ ފަރާތުން ބުނެފައި ވަނީ ޖޭޕީއާ އަލަށް ގުޅޭ މެމްބަރުންގެ އަދަދު ގިނަވެފައިވާ ކަމަށާއި ޕާޓީއާ އަލަށް ގުޅެމުންދާ މެމްބަރުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ފަންނުވެރިންގެ އިތުރުން އަންހެނުން ހިމެނޭ ކަމަށެވެ.
ގާސިމް މީގެ ކުރިންވެސް ވަނީ ރިޔާސީ ރޭހަށް ނުކުމެވަޑައިގެންފައެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވަނީ ނާކާމިޔާބީއާއެވެ. އެގޮތުން 2008 ވަނަ އަހަރު އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި ވެރިކަމަށް ހޮވޭ ވަރަށް ގާސިމް އަށް ވޯޓު ލިބިފައެއް ނުވެއެވެ.
މި ސަރުކާރާއެކު ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް ނެރުމަށް ނިންމާ، އިއުލާން ކޮށްފައި ވާއިރު ޖޭޕީން ވަނީ ކޯލިޝަން ހެދުމަށް އެހެން ޕާޓީ ތަކަށް ދައުވަތުވެސް ދީފައެވެ. ދައުވަތު ގަބޫލުކޮށް ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދަން މިހާތަނަށް އެއްބަސްވެފައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވާ "ފިކުރެއްގެ ދިރުން" ފެކްޝަނުންނެވެ.
އިދިކޮޅު ޕީޕީއެމްއިން ވަނީ އެއްވެސް ޕާޓީއާއެކު ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ. އަދި އެމްޑީޕީގެ ފަރާތުން ދެވަނަ ދައުރަކަށް ރައީސް ސޯލިހު ވާދަކުރައްވާއިރު، އެމަނިކުފާނާ އެކު ކޯލިޝަން ހަދަން ނިންމާފައި ވަނީ މި ސަރުކާރުގެ އެއް ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީ އާއި ކުރިން ޕީޕީއެމް ކޮލިޝަންގައި އޮވެ ވަކިވެފައި ވާ މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް މުހައްމަދުގެ އެމްޑީއޭއެވެ.
ދާދިފަހުން ފެންމަތިވެފައިވާ ޗާގޯސް މައްސަލައިގައިވެސް ސަރުކާރާ އެއްކޮޅަށް ނުކުމެފައި ވަނީ އަދާލަތު ޕާޓީ އެކަންޏެވެ. އެހެން ހުރިހާ ޕާޓީތަކުން ވަނީ ފާޅުގައި ސަރުކާރާ ދެކޮޅަށް ނުކުމެފައެވެ.
ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ނިންމާފައި ވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުންނާއި، ކުރީގެ ހޯމް މިނިސްތަރު އުމަރު ނަސީރާއި، ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން އެމްއެންޕީ އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ