އެމްޑީއޭއިން އެމްޑީޕީއާއެކު މަޝްވަރާ ފަށައިފި، ހަވީރު ޕީޕީއެމްއާ ބައްދަލުކުރާނެ

ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްޑީއޭއިން މިއަދު މަޝްވަރާކޮށްފި އެވެ. އަދި އެކަމާ ގުޅޭގޮތުން ޕްރޮގްރެސިވް ކޯލިޝަނާ ވެސް ހަވީރު ބައްދަލުކުރަން ވަނީ ނިންމައިފަ އެވެ.
ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިސްވެ އުފެއްދެވި ޕާޓީ، އެމްޑީއޭއިން ކުރި ޓްވީޓުގައި ބުނީ މި ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ސިޔާމްގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުވުމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އަދި އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އެވެ.
އެމްޑީއޭގެ ޑެޕިއުޓީ ލީޑަރުން ކަމަށްވާ އަލީ މައުރޫފާއި އައިޝަތު ރަފިއްޔާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ޕީޕީއެމުން ބުނީ އެމްޑީއޭއާއެކު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރުން ބާއްވާ ބައްދަލުވުން ހަވީރު 5:00 ގައި ސަން ސިޔާމް ބިލްޑިންގައި އޮންނާނެ ކަމަށެވެ. އެ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދޭން ވަނީ ނިންމައިފަ އެވެ.
އެމްޑީއޭއިން ވަނީ 2013 ގެ ރިޔާސީ އިންތިހާބު އޭރުގެ ޕީޕީއެމް ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ކޯލިޝަން ހަދައިފަ އެވެ. ނަމަވެސް، ވަކި ހިސާބަކުން ދެ ޕާޓީގެ މެދުގައި މައްސަލަ ޖެހުނަސް ވެރިކަން ނިމުމާ ހަމައަށް ވެސް ކޯލިޝަން ދެމިއޮތެވެ.
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބަށް ކޯލިޝަން ހެދުމުގެ މަޝްވަރާއަށް އެމްޑީއޭއިން ނުކުތްއިރު، އެ ޕާޓީގެ ލީޑަރު ސިޔާމް ވަނީ އެ އިންތިހާބުގައި ވާދަކުރަން ނިންމައި އެކަން އިއުލާނު ވެސް ކޮށްފަ އެވެ. އެކަމަކު، ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކޮށް، ކޯލިޝަނެއް ހަދަން ނިންމައިފަ އެވެ.
މައުރޫފް "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ވާދަނުކުރަން ސިޔާމް ނިންމެވީ ސިޔާސީ އަދި އިގްތިސާދީ ގޮތުން މި ވަގުތު މާހައުލު ވަރަށް ހަލަބޮލިވުމާ ގުޅިގެން ގައުމީ މަސްލަހަތު އިސް ކުރެއްވުމަށް ކަމަށެވެ.
"ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ހުންނެވި ނަމަވެސް މިއީ އެންމެ މުނާސަބަތު ވަގުތެއް ނޫން ކަމަށް އެމަނިކުފާނު ނިންމެވި،" މައުރޫފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ