މަޖުބޫރު އޮޓޮޕްސީއަކުން ބަނދެވި، މޫސަގެ ހަށިގަނޑު ވަޅުނުލެވި 8 ދުވަސް

ލ. މާވަށުގައި ވަޅިއަކުން ކަރަށް ހަމަލާދީ، މޫސާ އިބްރާހީމް، 29، ނަލަހިޔާ/މާވަށް މަރައިލިތާ މިއަދަށް 8 ދުވަސްވީ އެވެ. އެކަމަކު އޭނާގެ ހަށިގަނޑު އަދިވެސް އޮތީ އާއިލާއަށް ވަޅުލުމުގެ ފުރުސަތު ނުދީ، މޯޗުއަރީގައި އެވެ.
އޭނާ މަރާލި ކަމަށް ތުހުމަތު ކުރެވޭ މުހައްމަދު އިބްރާހިމް، 29، އަސަރީ މަންޒިލް/ހދ. ނޮޅިވަރަންފަރު ވަނީ ހަމަ އެ ދުވަހު އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވެފަ އެވެ. މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ވެސް ފުލުހުން ހޯދީ އޭނާ ދެއްކި ދިމާލަކުން މޫދު އަޑިން ފީނައިގެންނެވެ.
އެކަމަކު ވެސް ފުލުހުން ބޭނުންވަނީ އިތުރު ތަހުލީލުތައް ހަދަން މޫސަގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށެވެ. ނަމަވެސް އެއީ މޫސަގެ އާއިލާ އެއްވެސް މީހަކު ރުހޭ ކަމެއް ނޫނެވެ.
"އާއިލާއާ ދެކޮޅަށް ވެސް ޕޯސްޓްމޯޓަމް ހަދާނަމޭ ބުނީ،" އެކަމާ ނުރުހުން ފާޅުކޮށް، 'ދައުރު'އާ ވާހަކަ ދައްކަމުން މޫސަގެ އެއްބަނޑު އެއްބަފާ ބޭބެ، އަބޫބަކުރު އިބްރާހިމް ބުންޏެވެ.
"އިތުރަށް އެއްޗެއް ބަލާކަށް ބޭނުމެއް ނޫން. ވަޅި ފެނިއްޖެ، މީހަކު އަމިއްލައަށް ހަވާލުވެއްޖެ. ދެން ކޮން ހެއްކެއް އޮތީ އިތުރަށް ހޯދަން؟"
އޮޓޮޕްސީ ހަދަނީ މަރުގެ މައްސަލަތަކުގައި އުފެދޭ ޝައްކު ފިލުވަން، ތަހުގީގުގެ ބޭނުމަށް ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން ކުރާ ކަމެކެވެ.
ރާއްޖޭގައި އޮޓޮޕްސީ ހަދާނެ ވަސީލަތްތައް ނުހުންނާތީ އާންމުކޮށް އެކަން ކުރަން ފޮނުވަނީ އިންޑިއާއަށެވެ.
އެ ހާދިސާ ހިނގި ދުވަހު އަބޫބަކުރު ހުރީ މާލޭގަ އެވެ. ލޯންޗެއް ހަމަޖެހިގެން އޭނާއަށް އެ ދުވަހު ހަވީރު ރަށަށް ދެވުނު އިރު މޫސަގެ ހަށިގަނޑު އޮތީ ސާފުކޮށްފަ އެވެ. އޭނާ ބުނީ އާއިލާ މީހުންނަށް އެ ދުވަހު މޫސަގެ މޫނު ދެއްކީ ވެސް ވަރަށް ޕްރެޝަރު ކޮށްގެން ކަމަށާއި އެވަރުން ވެސް ގިނަ މީހުންނަށް މޫނު ނުފެނުނު ކަމަށެވެ. އަދި މިކަމުގައި ކައުންސިލުގެ އެއްވެސް އެއްބާރުލުމެއް ވެސް ނުލިބެ އެވެ.
ތަހުގީގަށް ބޭނުންވާ ތަހުލީލުތައް ހެދުމަށްޓަކައި މޫސަގެ ހަށިގަނޑު މާލެއަށް ގެނައީ އެރޭ ދަންވަރެވެ. މާލެ ގެނައުމަށްފަހު ދެން ވެސް ފުލުހުންގެ އަމަލުތައް ހުރީ، އޭނާ ބުނި ގޮތުގައި، ވަރަށް އަންޕްރޮފެޝަނަލް ކޮށެވެ. އެގޮތުން:
މާލެއިން ހަށިގަނޑު ބަލައި އެއާޕޯޓަށް ފުލުހަކު ނުދޭ
ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ މޯޗަރީއަށް ގެންދާ ފޮށްޓަށް ލައިގެން
އެގޮތަށް ގެންދިއުމުން، ބޮޑީ ބޭގެއްގައި ގެންނަން ޖެހޭނެ ކަމަށް ހޮސްޕިޓަލުން ބުނެ، އަނބުރާ ފޮނުވާލަން މަސައްކަތް ކުރި
"ހަށިގަނޑު އޮތީ ބޮޑީ ބޭގަށް ލާފައި، މޯޗަރީ ފޮއްޓަކަށް ލާފައި. ދެން އަޅުގަނޑުމެން ބޭނުމެއް ނުވި އަނެއްކާ ދެކޮޅަށް ހަށިގަނޑު ތަޅުވާކަށް. އިތުރު އަނިޔާއެއް އެއީ. ދެން ސައިކަލުގެ މަޑިދަށުން ކަށިގަނޑާ އެއްޗެހި ނަގައިގެން އައިސް އެ ފޮށީގެ މަތި ނަގައިގެން ހަށިގަނޑު ނެގީ،" އަބޫބަކުރު ބުންޏެވެ.
އެފަދަ ކަންކަމަކީ، އޭނާ ބުނި ގޮތުގައި، އާންމުންނަށް ނޭނގުނު ނަމަވެސް، ފުލުހުންނަށް އެނގެން ޖެހޭނެ ކަންތައްތަކެވެ.
މުޅި އާއިލާއާ ދެކޮޅަށް މޫސަގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވަން ކުރިން ތާވަލުކޮށްފައި އޮތީ މިއަދަށެވެ. ނަމަވެސް އަބޫބަކުރު ބުނީ އެ ތާރީހު މި ހަފްތާގެ ބުދައަށް ފަސްކޮށްފައިވާކަން އިއްޔެ އަންގާފައިވާ ކަމަށެވެ.
މިކަން އަވަސް ކުރެވޭތޯ ނުގުޅާ ނަންބަރެއް ނެތްއިރު، އޭނާ ބުނީ ގުޅާށޭ ބުނެ، ފުލުހުން ދެނީ ދުވާލަކު ނަންބަރެއް ކަމަށެވެ.
ވަޅުނުލެވި ދިގުލައިގެންދާ ކޮންމެ ދުވަހަކީ، އަބޫބަކުރު ބުނި ގޮތުގައި، އާއިލާގެ ހިތާމަ ބޮޑުވާ ދުވަހެކެވެ.
"މަންމަ ލޮލުފިޔައެއް ވެސް ނުޖަހާ އެ ހުންނަނީ އަދިވެސް. އޯކޭއެއް ނުވާނެ ދޯ؟،" އޭނާ ބުންޏެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ އަދި އަމިއްލައަށް ގޮސް ފުލުހުންނާ ހަވާލުވި މުހައްމަދަކީ މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ