އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަންކުރަން ކޮމެޓީން ރުހުން ދީފި
ހުސްވެފައިވާ އުއްތަމަފަނޑިޔާރުގެ މަގާމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު އައްޔަންކުރަން ރުހުން ދޭން ފެންނަ ކަމަށް ޖުޑީޝަރީ ކޮމިޓީން މިއަދު ނިންމައިފި އެވެ.އުއްތަމަ ފަނޑިޔާރަކަށް އެެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމުން ހުސްވި މަގާމަށް ކުރިމަތިލެއްވީ ޣަނީގެ އިތުރުން ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދާއި ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.އޭގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ލަފާ ދިނީ ޣަނީ އައްޔަން ކުރުމަށެވެ. އަދި އެ ކޮމިޝަންގެ ލަފާގައި ދެވަނައަށް އިސްކަން ދިނީ ގާޒީ އަބްދުﷲ ގެ ނަމަށެވެ. އެހެންވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މަޖިލީހަށް ނަން ފޮނުއްވީ އެގޮތަށެވެ.މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް އެ މައްސަލަ ފޮނުވުމުން އެ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކުރީ އުއްތަމަ ފަނޑިޔާރު ކަމަށް ޣަނީ އައްޔަން ކުރުމަށެވެ. ނަމަވެސް އެކަމާ މެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހްމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވުންނެވެ.މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. އަބްދުލްޣަނީއަކީ 2000 ވަނަ އަހަރުން ފެށިގެން ޖުޑީޝަރީގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެގޮތުން، މަދަނީ ކޯޓުގެ ގާޒީ ކަމަށް ފަހު ހައިކޯޓުގެ އިސްފަނޑިޔާރުކަމާއި، އޭގެ ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވިއެވެ. ކުރިން ޖޭއެސްސީގެ ރައީސްކަން ވެސް ކުރެއްވި އަބްދުލްޣަނީ މި ވަގުތު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަމުގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ