ފުވައްމުލަކުން ކަރަންޓް ކެނޑޭތީ ރައްޔިތުން ރުޅިގަދަވެއްޖެ

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ހިމެނޭ ފުވައްމުލަކުން މިދިޔަ ދެ ދުވަހު ދޭތެރެދޭތެރެއިން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތީ އެ ރަށުގެ ރައްޔިތުން ރުޅިގަދަ ވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދެއްކި ފުވައްމުލަކު ދޫނޑިގަމު އަވަށުގެ މީހަކު ބުނީ އިއްޔެ ރޭ ދަންވަރު ދެ ފަހަރު އަދި އިއްޔެ ހަތަރު ފަހަރު ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑުނު ކަމަށެވެ. އަދި ރޭ ދަންވަރު 2:15 ން ފެށިގެން ރަށުގެ ބޮޑު ބަޔަކަށް ކަރަންޓް ނުލިބޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"މިހާރު ވެސް ރަށުގެ ދަޑިމަގާއި ދިގުވާނޑު އަދި ހޯދަޑު އަވަށުގައި މިވަގުތު ކަރަންޓް ނެތް. އެކި އަވަށްތަކަށް އެކި ވަގުތު ލިބެނީ. ރައްޔިތުންނަށް އިންޖީނުގެއިން ވާނުވާއެއް ނާންގާ. ރޭ ދަންވަރު ގިނަ މީހުން ހާރުކެއީ ވެސް ކަނު އަނދިރީގައި،" ފުވައްމުލަކުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އެހެން މީހަކު ބުނީ އިރުއިރުކޮޅާ ކަރަންޓް ކެނޑޭތީ، ގޭތެރޭގައި ބޭނުންކުރާ ކަރަންޓުގެ ބައެއް ސާމާނުތައް ހަލާކުވެފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންޖީނުގެއަށް ގުޅުމުން ފޯނަށް ޖަވާބެއް ވެސް ނުދޭ ކަމަށް އޭނާ ބުންޏެވެ.
ފެނަކަ ފުވައްމުލަކު އިންޖީނުގެ: އިއްޔެ އިން ފެށިގެން ދޭތެރެދޭތެރެއިން ދަނީ ކަރަންޓް ކެނޑެމުން. ފޮޓޯ: ފެނަކަ ފުވައްމުލައް
"އިންޖީނުގެ އިން އަދި އިންޖީނުގެ ވެރިއަކު ވެސް ފޯނަކަށް ޖަވާބެއް ނުދޭ. ވެގެން އުޅޭ ގޮތެއް އެނގޭނެ އެއްވެސް ގޮތެއް ނެތް. އަދި އަލުން ކަރަންޓް ލިބޭނެ އިރެއް ވެސް ނޭނގެ،" އެ މީހާ ބުންޏެވެ.
މިހާރު ވެސް ރަށުގެ ދަޑިމަގާއި ދިގުވާނޑު އަދި ހޯދަޑު އަވަށުގައި މިވަގުތު ކަރަންޓް ނެތް. އެކި އަވަށްތަކަށް އެކި ވަގުތު ލިބެނީ. ރައްޔިތުންނަށް އިންޖީނުގެއިން ވާނުވާއެއް ނާންގާ. ރޭ ދަންވަރު ގިނަ މީހުން ހާރުކެއީ ވެސް ކަނު އަނދިރީގައި، ފުވައްމުލަކު މީހެއް
ފެނަކަ ފުވައްމުލަކު އިންޖީނުގޭގެ ފޭސްބުކް ޕޭޖްގައި ބުނީ، އިންޖީނުގެ އިން ތިން ނަމްބަރު ސަބްސްޓޭޝަނަށް އަޅާފައިވާ އެޗްވީ ކޭބަލް ގްރައުންޑްވުމާ ގުޅިގެން ހަލާކުވެފައިވާ ކޭބަލް ދޫކޮށްލުމަށް ފަހު، ކުރިން އަޅާފައިވާ އެޗްވީ ކޭބަލް މެދުވެރިކޮށް އެ ސަރަހައްދަށް ކަރަންޓް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފޭސްބުކް ޕޭޖްގައި އިންޖީނުގެއިން އެންމެ ފަހުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދަޑިމަގު އަދި ދިގުވާނޑާއެކު މުޅި ރަށަށް ހަވީރު 4:00ން ފެށިގެން ކަރަންޓް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެ އިންޖީނުގޭގެ އިސްބޭފުޅަކާ ގުޅޭ ގޮތެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ