ފްލައިޓްތައް އިތުރުކޮށް ފްލައިނާސްއިން އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި

ސަޢުދީ ޢަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސްއިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ. ދަތުރުތައް އަލުން ފެށުމުގެ ގޮތުން އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ޖައްސާފައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ މި ފެށުނު ދަތުރުތަކުގެ ދަށުން ސަޢުދީގެ ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު 3 ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ މުހިންމު ފުރުޞަތެއްކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފްލައިނާސްގެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުޙަބާ ކިޔާފައިވަނީ ވޯޓާ ސަލިއުޓަކާއެކުގައެވެ. އަދި ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ފަސިންޖަރުންނަށް ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ޚާއްސަ މުނާސަބަތާ ގުޅިގެން، ރާއްޖެއަށް އައި ފަސިންޖަރުންނަށާއި އެ އެއާލައިނުން ފުރި ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާވެސް ބަހާފައެވެ.
އެމްއޭސީއެލްއިން ވިދާޅުވީ ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށެވެ. ސަޢުދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަޙައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ އެއާލައިންތަކުގެ އަދަދު އިތުރުކުރުމަށް އެމް.އޭ.ސީ.އެލްއިން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކުންފުނީގެ މައިގަނޑު އަމާޒަކީ ބައިނަލްއަޤުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުންކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ