ދުންފަތުގެ އުފެއްދުންތައް ފަރުމާކުރަނީ ސީދާ ޒުވާނުންގެ ޝައުގުވެރިކަން ދަމައިގަންނަ ގޮތަށް: ޑަބްލިއުއެޗްއޯ
ދުންފަތުގެ އުފެއްދުންތައް މިހާރު ފަރުމާކުރަނީ ސީދާ ޒުވާނުންގެ ޝައުގުވެރިކަން ދަމައިގަންނާނެ ފަދަ މީރު ރަހަތަކާއި ކުލަގަދަ ފަރުމާތައް ހިމަނައިގެން ކަމަށާއި، އެއީ މި ތަކެއްޗަކީ ތަހުޒީބީ ކަމެއްގެ ގޮތުގައި ދެއްކުމަށް ކުރާ ހީލަތްތެރި މަސައްކަތެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ. ޑަބްލިއުއެޗްއޯގެ "ނޯ ޓޮބޭކޯ ޔުނިޓް" ގެ އިސްވެރިޔާ ވިނާޔަކް އެމް ޕްރަސާދު ވިދާޅުވީ، މިއީ އައު ޖީލުތަކުގެ ކުދިން މި ނުރައްކާތެރި މަޅީގައި ޖެއްސުމަށް ދުންފަތުގެ ސިނާއަތުން ރާވައިގެން ހިންގާ ކަމެއް ކަމަށެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި އަހަރަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ ޝިއާރަކީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މިއެވެ. ވިނާޔަކް އެމް ޕްރަސާދު ފާހަގަކުރެއްވި ގޮތުގައި މި ޝިއާރުގެ މައިގަނޑު ބޭނުމަކީ ދުންފަތުގެ ސިނާއަތްތަކުން އެމީހުންގެ އުފެއްދުންތަކުގެ ސިފަ ބަދަލުކޮށް، ކުޑަކުދިންނާއި ފުރާވަރުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށްދިނުމެވެ. ދުންފަތުގެ ސިނާއަތުން މިހާރު އެންމެ ބޮޑަށް އަމާޒުކުރަނީ ޒުވާނުންގެ ޝައުގުވެރިކަން ދަމައިގަތުމަށް ކަމަށާއި މިގޮތުން، އީ-ސިނގިރޭޓާއި ވޭޕް ފަދަ ތަކެތި ފަރުމާކުރަނީ ކުޑަކުދިން ގަޔާވާ ފަދަ މޭވާގެ ރަހަތަކާއި، މެޓާ ރަހަ ފަދަ ތަފާތު މީރު ރަހަތައް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. "ދުންފަތުގެ އުފެއްދުންތައް މިހާރު ފަރުމާކުރަނީ ސީދާ ޒުވާނުންގެ ޝައުގުވެރިކަން ދަމައިގަންނާނެ ފަދަ މީރު ރަހަތަކާއި ކުލަގަދަ ފަރުމާތައް ހިމަނައިގެން. އަދި މި ތަކެއްޗަކީ ތަހުޒީބީ ކަމެއްގެ ގޮތުގައި ދެއްކުމަށް ކުރާ ހީލަތްތެރި މަސައްކަތެއް," ވިނާޔަކް އެމް ޕްރަސާދު ވިދާޅުވިއެވެ. މީގެ އިތުރުން، މި އާލާތްތަކަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އަދި ޒަމާނީ ފަރުމާތަކެއްގެ ގޮތުގައި ދައްކައިގެން ޒުވާނުންގެ މެދުގައި މިއީ "ސްޓައިލިޝް" ކަމެއްގެ ގޮތުގައި މަގުބޫލުކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދުންފަތުގެ ސިނާއަތުން ގެންގުޅޭ އެންމެ ނުރައްކާތެރި އެއް އުކުޅަކީ "ސިންތެޓިކް ނިކޮޓިން" އާއި "ނިކޮޓިން ސޯލްޓް" ފަދަ ވަސީލަތްތަކަކީ ސިއްހަތަށް ގެއްލުން ކުޑަ އެއްޗެއްގެ ގޮތުގައި ދެއްކުންކަން ފާހަގަކޮށް ޑަބްލިއުއެޗްއޯގެ ވެރިޔާ ވިދާޅުވީ މިއީ ހަގީގަތުގައި މީހުން އެކަމަށް ދެވިހިފުވުމަށްޓަކައި ބޭނުންކުރާ ވަސީލަތްތަކެއް ކަމަށެވެ. ސޯޝަލް މީޑިއާގެ އެކި މަންސަތައް ބޭނުންކޮށްގެން ނުސީދާ ގޮތެއްގައި މި ތަކެތި އިޝްތިހާރުކޮށް، ޒުވާނުންގެ ސިކުނޑިތަކާ ކުޅެލުމަށް މި ސިނާއަތުން ބޮޑެތި ޚަރަދުތަކެއް ކުރާކަން ޑަބްލިއުއެޗްއޯ އިން ފާހަގަކުރެއެވެ. ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ ނިސްބަތުން އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 40 މިލިއަން ކުދިން އަންނަނީ ދުންފަތުގެ އެކި ބާވަތްތައް ބޭނުން ކުރަމުންނެވެ. މީގެ ތެރެއިން 15 މިލިއަނަށްވުރެ ގިނަ ކުދިން އީ-ސިނގިރޭޓު ނުވަތަ ވޭޕް ބޭނުން ކުރާއިރު، ބޮޑެތި މީހުންނަށްވުރެ ކުޑަކުދިން ވޭޕްކުރުމުގެ ފުރުސަތު ނުވަ ގުނަ އިތުރު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ވޭޕްގެ އާލާތްތައް ގާނޫނީ ގޮތުން މަނާކޮށްފައިވީ ނަމަވެސް، ސިއްރުން މިތަކެތި އެތެރެކޮށް ޒުވާނުންނަށް ފޯރުކޮށްދިނުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. ޒުވާނުން މި ނުރައްކަލުން ރައްކާތެރިކުރުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަންޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ ތެރޭގައި މީރު ރަހަތައް ހިމެނޭ އުފެއްދުންތައް މަނާކުރުމާއި، ސޯޝަލް މީޑިއާގައި ކުރާ އިޝްތިހާރުތައް ހުއްޓުވުން ހިމެނެއެވެ. މުޅި މުޖުތަމައު ގުޅިގެން މި ހީލަތްތެރި ރޭވުންތަކަށް ހޭލުންތެރިވެ، އަންނަން އޮތް ޖީލުތައް މި ނުރައްކަލުން ސަލާމަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ