ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗުއޯ) އިން ލަފާދީފައިވާ ކަމަށާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމާއި މެދު ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ހާމަކުރައްވައިފިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، 2024 ވަނަ އަހަރު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ ވޭޕް މަނާކުރުމުން އެ ބޭނުންކުރާ މީހުން ސިނގިރޭޓަށް ބަދަލުވެދާނެ ކަމަށް ބަލައި އެކަން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ.
އެންމެ ފަހުން 2024 ނޮވެމްބަރުގައި ގެނައި ބަދަލާއެކު ސިނގިރޭޓަކުން ނަގާ ޑިއުޓީ ވަނީ 3.30 ރުފިޔާ އިން 8 ރުފިޔާއަށް މަތިކޮށްފައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ޑިއުޓީ ރޭޓަށް ބަދަލު ގެނައުމަކީ ދުންފަތް ކޮންޓްރޯލް ކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބޭނުންކުރާ އުކުޅެކެވެ. ކުރިން ޑިއުޓީ ބޮޑުކުރީ ވެސް އެކަމާ ގުޅޭ ދިރާސާތަކާއި ތަޖުރިބާކާރުންގެ ލަފާގެ މައްޗަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ސިނގިރޭޓުގެ ޑިއުޓީ 8 ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، ނަމަވެސް މިފަދަ ރޭޓުތައް އަބަދުވެސް ކަނޑައަޅާނީ އެއިރެއްގެ ހާލަތަށް ބަލައި ކުރެވޭ ދިރާސާތަކުގެ އަލީގައި ކަމަށެވެ. ޑަބްލިއުއެޗުއޯގެ ދިރާސާއަކުން 2026 ވަނަ އަހަރަށް ރާއްޖެއަށް ލަފާދީފައިވަނީ 4 ރުފިޔާގެ ރޭޓެއް ކަމަށާއި، އެއީ މިހާރު ވެސް ސަރުކާރުން ބަލަމުން އަންނަ ރޭޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗުއޯއިން ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑް ކުރައްވާފައި އޮތް އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް އެއީ ސްޕެސިފިކް ރޭޓް 4ރ. ގެ ގޮތުގައި،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ދުންފަތުގެ ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރަން ސަރުކާރުން މަޝްވަރާ ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ