ބިން ހިއްކުމަކީ ހަމައެކަނި ތަރައްޤީ ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ: ނަޝީދު

ބިން ހިއްކުމަކީ ހަމައެކަނި ތަރައްޤީ ކަމަށް ދެކޭ ދެކުން ބަދަލުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތަރައްޤީގެ ނަމުގައި ރާއްޖޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި، ބިން ހިއްކުމުގެ މަޝްރޫޢުތައް ރޭވުމެއް ނެތި ކުރިއަށްދާ ދިއުމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި މިހާތަނަށް މާލޭގެ ސައިޒުގެ 31 ގުނަ ބިން ހިއްކާފައިވީ ނަމަވެސް، އޭގެ ތެރެއިން ބޭނުންކޮށްފައިވަނީ އެންމެ 10 އިންސައްތަ ބިމެވެ.
ތަރައްޤީއަކީ ހަމައެކަނި ބިން ހިއްކުން ކަމަށް ރައްޔިތުންގެ ހިތްތަކަށް ވައްދަމުންދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މިގޮތަށް ކަންތައް ކުރަމުން ގޮސް ފަޅުތައް ހިއްކަން ވެސް ފަށާފާނެ ކަމަށާއި، މިކަންކަން ބަދަލުކުރުމަށްޓަކައި ކުރެވޭނެ ކަންކަމާ މެދު ވިސްނަން ޖެހިފައިވާ ކަމަށެވެ.
”އެމްޑީޕީއަކީ އަބަދުވެސް ރާއްޖެ ބަދަލުކުރާ ޕާޓީ، މިހާރުވެސް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން،“ ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ބޮޑެތި ރަށްރަށް ހީނަރުވެގެން ދާތަން ފެނުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2007 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބިން ހިއްކުމުގެ 52 އަށްވުރެ ގިނަ މަޝްރޫޢު ވަނީ ހިންގާފައެވެ. ނަމަވެސް ސެޓެލައިޓް ފޮޓޯތަކުން ހާމަވާ ގޮތުގައި ހިއްކާފައިވާ ގިނަ ބިންތަކެއް ބޭނުންނުކޮށް ގިނަ އަހަރުތަކެއް ވަންދެން ހުރީ ވިނަ ފަޅާފައެވެ. ބައެއް ރަށްރަށުގައި ބިން ހިއްކާތާ 20 އަހަރު ވެފައިވާއިރު ވެސް، އެއްވެސް ބޭނުމަކަށް އެ ބިންތައް ބޭނުންކޮށްފައެއް ނުވެއެވެ.
ބިން ހިއްކުމަކީ ބޯހިޔާވަހިކަމުގެ ޙައްލެއް ކަމަށް ސަރުކާރުން ބެލި ނަމަވެސް، މީގެ ސަބަބުން ތިމާވެއްޓަށް ލިބޭ އިއާދަނުކުރެވޭ ފަދަ ގެއްލުންތަކާމެދު ސައިންސްވެރިންނާއި އެކްޓިވިސްޓުން އަންނަނީ އިންޒާރު ދެމުންނެވެ. ކަނޑުގެ އަޑިން ވެލި ނެގުމުގެ ސަބަބުން ފަރުތަކަށާއި މޫދުވިނައިގެ މާހައުލުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ރަށްރަށުގެ ގުދުރަތީ ރައްކާތެރިކަން ގެއްލި، ރަށް ގިރުމުގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ.
ޚާއްޞަކޮށް ގުޅީފަޅު ފަދަ މަޝްރޫޢުތަކުގެ ސަބަބުން ހިމާޔަތްކޮށްފައިވާ ފަރުތަކަށް ދާއިމީ ގެއްލުން ލިބިފައިވާކަން ރިޕޯޓުތަކުން ދައްކައެވެ. މިފަދަ ތިމާވެށީގެ ކަންބޮޑުވުންތަކާ އެކުވެސް އައު މަޝްރޫޢުތައް ހިންގަމުން ދިއުމަކީ ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދިރިއުޅުމަށް ވެސް ނޭދޭ އަސަރުތަކެއް ކުރަމުންދާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ