ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންގެ އަދަދު މަދުކުރުމަށްޓަކައި ސަރުކާރުން ގައުމީ ފެންވަރުގެ ކެމްޕެއިނެއް ފަށަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރު ޤީލާ ވިދާޅުވީ، ރާއްޖޭގެ ބޮޑު އާބާދީއެއް ދުންފަތަށް ދެވިހިފާފައިވާ އިރު، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއް ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުންވެސް މިކަމާ ދެކޮޅަށް ފަރުދީ ގޮތުންނާއި ސަރުކާރުތަކުގެ ފެންވަރުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ޖެނެރޭޝަނަލް ބޭންއެއް ތައާރަފްކޮށް ތަންފީޒު ކުރަމުންދާ ކަމަށާއި، ވޭޕް ކުރުން ރާއްޖޭގައި މަނާކުރުމަކީވެސް މި މަސައްކަތުގެ މުހިންމު ފިޔަވަޅެއް ކަމަށެވެ.
”އަޅުގަނޑުމެންގެ އާބާދީގައި 84 އިންސައްތަ މީހުން މަރުވަނީ ގައިން ގަޔަށް ނާރާ ބަލިތައް، ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުމުން ނުކުންނަ ހިރާސްތަކުގެ ތަފާތު މައްސަލަތަކުގަ. އެހެންވީމާ ކަން މިހެން ހުރުމުން އަޅުގަނޑޫމެން ބޭނުންވަނީ ސަރުކާރުން ނިންމާފައި އޮތް މުހިންމު ކަމެއް ހިއްސާކޮށްލަން. ކުރިއަށް މިއޮތް 5 އަހަރަށް ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރުމަށްޓަކައި ގައުމީ ކެމްޕެއިނެއް ލޯންޗުކުރެވިގެން މިދަނީ“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ހާސިލްކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މި ކެމްޕެއިންގެ ކާމިޔާބީއަށް މުޖުތަމައުއާއި، އެކި މުއައްސަސާތަކާއި ވުޒާރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާ މިފަދަ ކަންކަމުގައި ރައްޔިތުންގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މިފަދަ ކެމްޕެއިނަކުން އެދެވޭ ނަތީޖާއެއް ފެންނާނީ މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް މިނިސްޓަރު ޤީލާ އަލީ ފާހަގަކުރެއްވިއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަދުކުރަން ގައުމީ ކެމްޕެއިނެއް ފަށަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ