ދިރާސާއަކާ ނުލައި ބޮޑު ކުރި ދުންފަތުގެ ޓެކްސް އަލުން ކުޑަ ކުރަން ޑަބްލިއުއެޗްއޯއިން ރާއްޖެއަށް ލަފާ ދީފި

ދިރާސާއެއް އަދި ގައުމީ ފެންވަރުގެ މަޝްވަރާ ކުރުމަކާ ނުލައި ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ބޮޑުކުރި ދުންފަތުގެ ޓެކްސް ކުޑަކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދިވެހި ސަރުކާރަށް ލަފާ ދީފި އެވެ. 
ސިނގިރޭޓާއި ބިޑިން ނަގާ ސްޕެސިފިކް ޑިއުޓީ ތިން ރުފިޔާއިން އަށް ރުފިޔާ މި ސަރުކާރުން ބޮޑު ކުރީ ނޮވެމްބަރު، 2024، ގަ އެވެ. އޭގެ އިތުރުން ދުންފަތުން ނަގާ އެޑްވަލޮރެމް ރޭޓު ވެސް 50 ޕަސެންޓުން 100 ޕަސެންޓަށް ބޮޑު ކުރި އެވެ. 
ސަރުކާރުން ގެނައި އެ ބަދަލުތަކަކާއެކު ވަގު ދުންފަތުގެ ބޮޑު ކަޅު ބާޒާރެއް އުފެދި، ފޭކު ސިނގިރޭޓު މުޅި ރާއްޖެއަށް އާންމުވި އެވެ. ކުރިން ސިނގިރޭޓު ވިއްކި އަގަށް ވުރެ މާ އަގުހެޔޮކޮށް ފޭކު ސިނގިރޭޓު މިހާރު ވެސް ލިބެ އެވެ. 
ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، ކަމާ ގުޅޭ ދިރާސާތަކެއް ހެދުމަށްފަހު، ދުންފަތުން ނަގާ ޓެކްސް އަށް ރުފިޔާއިން ހަތަރު ރުފިޔާއަށް ކުޑަ ކުރަން ޑަބްލިއުއެޗްއޯއިން ލަފާ ދީފައިވާ ކަމަށެވެ. 
"މިވަގުތު އަޅުގަނޑުމެންނަށް ލިބިފައިވާ ބައެއް ދިރާސާތަކުން، ހާއްސަކޮށް ޑަބްލިއުއެޗްއޯގެ ހެއްދެވި ދިރާސާއަކުން ރާއްޖެއަށް ރިކޮމެންޑު ކުރައްވާފައިވާ އެއް ޑިއުޓީ ރޭޓަކީ 2026 ވަނަ އަހަރަށް ސްޕެސިފިކް ރޭޓު ހަތަރު ރުފިޔާގެ ގޮތުގައި،" މިނިސްޓަރު ވިދާޅުވި އެވެ. 
އިހުސާން ވިދާޅުވީ، ޑަބްލިއުއެޗްއޯގެ ލަފަޔަށް މަޝްވަރާ ކުރުމަށްފަހު ސަރުކާރުން އެކަމާ ގުޅޭ ގޮތެއް ނިންމާނެ ކަމަށެވެ. 
"މިއީ އަޅުގަނޑުމެން ކޮންސިޑާ ކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. ކަމާބެހޭ ހުރިހާ އިދާރާތަކާ އަދި މިކަމުގައި ޑިޒިޝަން ނެގުމުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މި މަޝްވަރާތައް ކުރާނަން، ކޮށްފައި އެ ރޭޓަށް ދާންޖެހޭ ކަމަށް އަޅުގަނޑުމެން ހުރިހާ އެންމެންނަށް އެއްބަސްވެވެންޏާ ރައްޔިތުންގެ މަޖިލީހަށް އެ ރިކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،" އިހުސާން ވިދާޅުވި އެވެ. 
ދުންފަތުން ޓެކްސް ބޮޑު ކުރުމުގެ އިތުރުން ސަރުކާރުން ވަނީ ވޭޕް ވެސް މަނާކޮށްފަ އެވެ. އެއާއެކު ސިނގިރޭޓު ހުއްޓާލައިގެން ތިބި އެތައް ބަޔަކު ވަނީ އަލުން ސިނގިރޭޓު ބޯން ފަށައިފަ އެވެ. ވޭޕު މަނާ ކުރުމުގެ ކުރިން ވެސް ސަރުކާރުން ދިރާސާއެއް ނުހަދަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ