ކަޅުބިލަމަސް ގަންނަ އަގު އަނެއްކާވެސް ބޮޑުކޮށްފި، މިއަދު ގަންނަނީ 20 ރުފިޔާއަށް

ސަރުކާރު މަސް ކުންފުނި މިފްކޯއަށް ކަޅުބިލަ މަސް ކިލޯއެއް ގަންނަ އަގު 18 ރުފިޔާ 50 ލާރިއަށް ބޮޑުކުރިތާ 48 ގަޑިއިރު ވެސް ނުވަނީސް 20 ރުފިޔާއަށް މިއަދު ބޮޑުކޮށްފިއެވެ. މިފްކޯއިން ކޮންމެ ދުވަހަކު ވެސް މަސް ގަންނަ އަގުތަކާއި ތަފުސީލުތައް ހާމަކުރެއެވެ. މީގެ ގާތްގަނޑަކަށް 48 ގަޑިއިރު ކުރިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލައިލާއިރު، މިފްކޯގެ ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަ މަސް ކިލޯއެއް ގަތީ 18 ރުފިޔާ 50 ލާރިއަށެވެ. އެކަމަކު, މިއަދު އެ އަގު ވަނީ 20 ރުފިޔާއަށް ބޮޑުކޮށްފައެވެ. މިފްކޯއިން މަސް ގަންނަ އަގު ބޮޑުކުރި މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި މަސްވެރިކަން ދަށް ދުވަސްވަރެކެވެ. https://sun.mv/222996 ފާހަގަކުރެވޭ ގޮތުގައި ކަޅުބިލަ މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މިފްކޯއަށް މިހާރު ކަނޑުމަސް ގަންނަ އެންމެ ދަށް އަގަކީ 16 ރުފިޔާއެވެ. އެހެންވެ، 16 ރުފިޔާއަށްވުރެ ދަށް ނުވާހެން ކޮންމެ ދުވަހަކު ވެސް މަސް ލިބޭ މިންވަރާއި އަގުތަކަށް ބެލުމަށް މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ގެނެއެވެ. ކަޅުބިލަ މަސް ގަންނަ އަގު އަނެއްކާ ވެސް ބޮޑުކުރިއިރު، 10 ކިލޯއާއި 15 ކިލޯއިން މަތީގެ ކަންނެލި ގަތް އަގަކަށް ބަދަލެއް ނާދެއެވެ. އެ ގޮތުން 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ކިލޯއެއް މިފްކޯއަށް ގަތީ 20 ރުފިޔާއަށް ކަމަށްވާއިރު، 15 ކިލޯއިން މަތީގެ ކަންނެލި ކިލޯއެއް ގަނެފައިވަނީ 25 ރުފިޔާއަށެވެ. ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު މަސްވެރިންނަށް މިފްކޯއިން ދޫކުރި ފައިސާ އޭޕްރީލް މަހަށް ވުރެ 41 މިލިއަނަށް ވުރެ ގިނަ ރުފިޔާ މަދުކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ވެސް ވަނީ ދައްކައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ