އިންޑިއާގެ ފުރަތަމަ ބުލެޓް ޓްރެއިންގެ ޕްރޮޖެކްޓުގެ އެއް ބައި 2027 ގައި ހުޅުވަނީ

އިންޑިއާގެ އެންމެ ފުރަތަމަ ހައި-ސްޕީޑް ބުލެޓް ޓްރެއިން ލައިންގެ މަސައްކަތް ވަރަށް ބޮޑަށް ލަސްވެފައި އޮތުމަށް ފަހު މިހާރު އަލުން މަސައްކަތް ފަށައި އެ ޕްރޮޖެކްޓުގެ އެއް ބައި 2027 ވަނަ އަހަރު ހުޅުވޭނެ ކަމަށް ރޭލްވޭ މިނިސްޓްރީގެ އޮފިޝަލުން ބުނެފި އެވެ.
މަސައްކަތް ފެށިތާ ގާތްގަނޑަކަށް 10 އަހަރު ފަހުން މި ޕްރޮޖެކްޓުން ބައެއް ނިމޭއިރު މިއީ "އިންޑިއާގެ ރޭލްވޭ ޒަމާނީ ކުރުމުގެ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް" ގެ ގޮތުގައި އެ ގައުމުން ސިފަކުރެ އެވެ. 
މިއީ މުޅި ގައުމަށް ފުޅާކުރާ ގޮތަށް، ކަރަންޓުން ހިންގާ ހައި-ސްޕީޑް ރޭލް ނެޓްވޯކެއްގެ ފެށުމަކަށް ވާނެ ކަމަށް ކުރިން ބުނެފައިވެ އެވެ.
"މި މަޝްރޫއުގެ ސަބަބުން ތަރައްގީވާ ހުނަރާއި، ގާބިލުކަން އަދި މައުލޫމާތުގެ އެހީގައި ކުރިއަށް އޮތް ތަނުގައި މުޅި ގައުމުގައި ގާއިމުކުރާ ހައި-ސްޕީޑް ރޭލް ކޮރިޑޯތަކަށް ބޮޑު އެހީތެރިކަމެއް ލިބޭނެ" ކަމަށް ސަރުކާރުގެ ޕްލޭނުގައިވެ އެވެ. 
ފުރަތަމަ ފިޔަވަހީގެ 508 ކިލޯމީޓަރު (315 މޭލު) ގެ ރޭލް ދަތުރުކުރާނީ އެގައުމުގެ ހުޅަނގު އައްސޭރިން، މުމްބާއީ-އަހުމަދުއާބާދު ހައި-ސްޕީޑް ރޭލް ކޮރިޑޯގަ އެވެ.
އިންޑިއަން ރޭލްވޭސްގެ އެޑިޝަނަލް ޑިރެކްޓަ ޖެނެރަލް ދަރުމެންދުރަ ތިވާރީ އޭއެފްޕީއަށް ވިދާޅުވީ "މުޅި ކޮރިޑޯގެ ބޮޑު ބައެއްގެ މަސައްކަތް މިހާރު ވަނީ ނިމިފައި" ކަމަށެވެ.
އޭނާ ވިދާޅުވީ ބުލެޓް ޓްރެއިންގެ ފުރަތަމަ ބައި ބޭނުންކުރަން ފަށާނީ 2027 ގައި ކަމަށެވެ. އެއީ ސޫރަތާއި ވަޕީއާ ދެމެދުގަ އެވެ.
މިއީ ހަރަދު ބޮޑުވުމާއި އެކި ސަބަބުތަކާ ހުރެ ލަސްވެ، ގިނަ ދުވަސްތަކެއް ވެފައިވާ މަޝްރޫއެކެވެ.
ޖަޕާނުގެ "ޝިންކަންސެން" ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ މި މަޝްރޫއު 2017 ވަނަ އަހަރު ފައްޓަވައިދެއްވީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެވެ. އަދި އޭރު ރާވާފައި އޮތީ 2023 ވަނަ އަހަރަށް މި މަސައްކަތް ނިންމާށެވެ.
އަބޭގެ ތާއީދާ އެކު ސިޔާސީ މައިދާނުން ކުރިއަށް ވަޑައިގެންނެވި، ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ސަނައޭ ތަކާއިޗީ ބުދަ ދުވަހުން ފެށިގެން އިންޑިއާއަށް ތިން ދުވަހުގެ ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި މަޝްރޫއަށް 17 ބިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މީގެ ތެރެއިން 81 ޕަސެންޓް ހަމަޖައްސަނީ ޓޯކިޔޯގެ ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖޭއައިސީއޭ) މެދުވެރިކޮށް ދޭ ލޯނަކުންނެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ދިމާވި ބޮޑެތި ލަސްވުންތަކާއި ބިން ގަތުމަށް ހިނގި ހަރަދުތައް ބޮޑުވުމުގެ ސަބަބުން، މި މަޝްރޫއުގެ އަގު މިއަށްވުރެ މާ ބޮޑަށް އުފުލިގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އިނގިރޭސި އިސްތިއުމާރުގެ ދުވަސްވަރުގެ ރޭލްވޭތައް މަރާމާތުކޮށް، ހަލުވި ރޭލުތައް ތައާރަފްކޮށް، ސްޓޭޝަންތައް ޒަމާނީކޮށް، އަދި ކުރިން އޮތް ނުރައްކާތެރި ހާލަތު ރަނގަޅުކުރުމަށް އިންޑިއާއިން ވަނީ ބިލިއަނުން ޑޮލަރު އިންވެސްޓްކޮށްފަ އެވެ.
މިއީ ދުނިޔޭގެ އެންމެ ދިގު ރޭލް ނެޓްވޯކްތަކުގެ ތެރެއިން އެއް ނެޓްވޯކެވެ. ފާއިތުވި އަހަރު އެކަނިވެސް 7.41 ބިލިއަން ފަސިންޖަރުންނާއި 1.67 ބިލިއަން ޓަނުގެ މުދާ ރޭލުގައި އުފުލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ