ޖިނާއީ އަދުލުގެ ނިޒާމުގެ ހުރިހާ މަރުހަލާއަކަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާތީ، އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ލޫކަސްގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އޭނާގެ ވަކީލު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ، ފުލުހުންނާއި ފަނޑިޔާރުން މިހާރު މަސައްކަތް ކުރަމުންދަނީ ވަކި ފަރާތަކަށް ޖެހި، ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ކަމަށެވެ.
"ފަނޑިޔާރުކަން ކުރައްވަން ތިއްބަވާ ބޭބޭފުޅުން ވެސް ރިއާޔަތް ކުރެއްވުމުގައި ވެސް އިންސާނިއްޔަ ބުއްދީގެ މިންގަނޑަށް ވެސް ބައްލަވާ ނުލައްވާ ތަނުގައި ގާނޫނުގައި ސާފުކޮށް ލިޔެފައި ހުރި ކަންތައްތަކަށް ވެސް ބައްލަވައިގެނެއް ނޫން ކަންކަން ކުރައްވަނީ އެބަ އަޅުގަނޑުމެންނަށް ދަންނަވަންޖެހޭ، ވަރަށް ހިތާމަ ކުރި ކަމެއް،" އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ، ފަނޑިޔާރުން މަސައްކަތް ކުރައްވާ ގޮތުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާ ކަމަށެވެ.
"ފަނޑިޔާރު ހީފުޅުވާ ކަމަކަށް ރިއާޔަތް ކުރައްވާ، އެއްވެސް ހެއްކަކަށް ރިއާޔަތް ނުކުރައްވާ މި ނިންމަވާ ނިންމެވުންތަކަކަކީ އަޅުގަނޑުމެންގެ މި ރާއްޖޭގެ އަދުލުގެ ނިޒާމާމެދުގައި ހަމަ ގައިމު ވެސް ރައްޔިތުންގެ ކުރިމަތީގައި އިތުބާރު އުފެދުމުގެ ބަދަލުގައި އިތުރަށް އިތުބާރު ގެއްލެމުންދާނެ ކަންކަން. މިކަންކަން ހުއްޓާލުމަށް އަޅުގަނޑު ފަނޑިޔާރުންނަށް ވެސް އަދި ޖިނާއީ އަދުލުގެ ނިޒާމުގައި ތިއްބަވާ ހުރިހާ ބޭފުޅުންނަށް އިލްތިމާސް ކުރަން ބޭނުން،" އޭނާ ވިދާޅުވި އެވެ.
ލޫކަސް ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތުގެ ކަންބޮޑުވުން ވެސް މިއަދު އިންތި ފާޅުކުރެއްވި އެވެ. އޭނާ ހައްޔަރު ކުރީ މުޒާހަރާގެ ތެރެއިން ނަމަވެސް ހައްޔަރު ކުރި ވަގުތު އޭނާ ހުރީ ޕޭވްމަންޓު މަތީ، އެއް ފަރާތެއްގައި ކަން އިންތި ފާހަގަ ކުރެއްވި އެވެ.
ހައްޔަރު ކުރިއިރު، ލޫކަސްއަށް ކުރި ތުހުމަތާއި ފަހުން ކުރި ތުހުމަތުތައް ތަފާތު ކަމަށް ވެސް އޭނާގެ ވަކީލު ފާހަގަ ކުރެއްވި އެވެ. ފަހުން އޭނާއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި، ފުލުހެއްގެ ގައިގައި އަތްލައި މާރާމާރީ ހިންގުން ހިމެނޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
"ފުލުހުން މިކަންކަން ކުރުމުގައި ފުލުހުންގެ ތަހުގީގު ހިންގަން ތިބޭ ބޭފުޅުންގެ އިހްތިޔާރުގައިވާ ކަމެއް ނޫނޭ. އަންނަ ފޯން ކޯލަކުން، ސަރުކާރުގެ ވެރިން، ސަރުކާރުގެ ވުޒާރާތައް ހިންގަވަން ތިއްބެވި ބޭފުޅުން ނޫނީވިއްޔާ ރައީސް އޮފީހުން އަންނަ ފޯން ކޯލަކުން، އެ ކޯލެއްގެ އަލީގައި ލިޔަން މަޖުބޫރުވެގެން ލިޔެވޭ ގޮތްތައް ލިޔެވޭ ފަހުން ދެން އެއްކަލަ ފެބްރިކޭޓްކޮށްގެން ކަމެއް ކުރަންވީމާ އޭގެ ހަގީގަތްތައް އޮންނާނީ އޮޅިފަ،" އިންތި ވިދާޅުވި އެވެ.
ޖިނާއީ އަދުލުގެ ނިޒާމަށް ސަރުކާރުން ނުފޫޒު ފޯރުވާތީ ލޫކަސްގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ