ސާފް ވިމެންސް ޗެމްޕިއަންޝިޕް: އިންޑިއާ އަށް ރާއްޖެ އަތުން ފަސޭހަ މޮޅެއް

އިންޑިއާގެ ގޯއާގައި މިއަދު ފެށި ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިރޭ ކުޅުނު މެޗުން ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު އަތުން އިންޑިއާ އިން 11-0 އިން މޮޅުވެއްޖެ އެވެ. 
ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ކުރީކޮޅުގައި އިންޑިއާގައި އެ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފައިވެ އެވެ. އެ ގޮތުން، ފުރަތަމަ މެޗުން ރާއްޖެ 14-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ބަލިވީ 11-1 އިންނެވެ.
ގޯއާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އިންޑިއާ އިން ވަނީ ފުރަތަމަ ހާފުގައި 5-0 އިން އިންޑިއާ އިން ލީޑުކުރިއިރު، ދެ ވަަނަ ހާފުގައި ވަނީ ހަ ގޯލު ޖަހައިފަ އެވެ.
ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި، އިންޑިއާ ޓީމުގައި، ތަރި އަކީ ޑެންމާކުގެ ފުރަތަމަ ޑިިވިޝަނުގައި ކުޅޭ ފޯވާޑް، އުމުރުން 22 އަހަރުގެ އަވޭކާ ސިންގް އެވެ. އޭނާ ވަނީ މި މެޗުގައި ހަތަރު ގޯލު ޖަހައިފަ އެވެ. އޭނާ އަށް އިންޑިއާގެ ސީނިއާ ގައުމީ ޓީމުން ފުރުސަތު ދޭން ފެށީ މި އަހަރު އެވެ. 
ފަސް ފަހަރު ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ތަށި ހޯދާފައިވާ، އިންޑިއާގެ އަނެއް ލަނޑުތައް ޖެހީ، ޕްރިޔަންކާ ނައޯރެމް އާއި ކަރިޝްމާ ޝިވްރައޮމްކަރު، ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖެހިއިރު، ޕިޔާރީ ޒާޒާ، ގްރޭސް ދަންގްމެއި އަދި ސަންގީތާ ބަސްފޯރް ވެސް ވަނީ ލަނޑު ޖަަހައިފަ އެވެ. 
ސޮބާހު މުހައްމަދު (ސޮބާ)ގެ ކޯޗުކަމުގައި މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ކުޅޭ ރާއްޖެ ޓީމުން އިންޑިއާ ކައިރީގައި ޑިފެންސަށް އިސްކަންދީގެން ކުޅުނު ނަމަވެސް އިންޑިވިޖުއަލް މިސްޓޭކްތަކުގެ އިތުރުން، އިންޑިއާ އިން މެޗު ތަޖުރިބާގެ ކަންކަން ރަނގަޅުވުމުގެ ފައިދާ ވަނީ ނަގައިފަ އެވެ. އަދި، ލިބޭ ކޮންމެ ބޯޅައެއްގައި ކަހަލަ ގޮތަކަށް ރާއްޖޭގެ ޑިފެންސް ފަހަތުން ލިބޭ ޖާގަތަކުގެ ބޭނުންހިފަމުންދިޔަ އެވެ. 
ޖުމްލަ އެކު، ހަ ގައުމު ކުޅޭ ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގައި ކުޅުނު މެޗުން، ނޭޕާލުން 1-0 އިން ބޫޓާން ބަލިކުރި އެވެ. 
މުބާރާތުގެ މެޗުތައް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ގޮތުން، އެ ދުވަހު ގްރޫޕް އޭގައި، ސްރީ ލަންކާ އާއި ބޫޓާނުން ބައްދަލުކުރާއިރު، ދެ ވަނަ މެޗުގައި، ގްރޫޕް ބީގައި ރާއްޖޭން ކުޅޭނީ ބަންގްލަދޭޝާ ދެކޮޅަށެވެ. ބަންގްލަދޭޝް އަކީ އެންމެ ފަހުން ދެ ފަހަރު ވެސް، ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަނެވެ. އެ ގޮތުން، ބަންގްލަދޭޝް އިން 2022 އާއި 2024 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި ނޭޕާލް ބަލިކޮށްފަ އެވެ. ބަންގްލަދޭޝް އިން 2022 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި 3-0 އިން ރާއްޖެ ބަލިކުރި އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ