ޗެމްޕިއަންސް ލީގުގެ ޖާގަ ނުލިބުމުން މިލާންގެ ކޯޗުކަމުން އަލެގްރީ ވަކިކޮށްފި

މިލާން (މެއި 25) - އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވުމުން، އިޓަލީގެ ގަދަބާރު، އޭސީ މިލާނުގެ ކޯޗަކަށް ހުރި މެސިމިލިއާނޯ އަލެގްރީ ވަނީ މަގާމުން ވަކިކޮށްފި އެވެ. 
މިލާނަށް ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ފުރުސަތު ގެއްލުނީ، އިޓާލިއަން ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި 2-1 އިން ކަލިއަރީ އަތުން ބަލިވުމުންނެވެ. ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ ސީޒަނު އިޓަލީ ތަމްސީލްކުރާނީ، އިންޓަ މިލާން، ނަޕޯލީ އަދި ރޯމާގެ އިތުރުން މުޅިން އަލަށް ޔޫރަޕްގައި ކުޅެން ތައްޔާރުވާ ކޯމޯ އެފްސީ އެވެ. 
އިޓާލިއަން ލީގުގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، ކަލިއަރީ އަތުން 2-1 އިން އޭސީ މިލާން ބަލިވުމުގެ ފައިދާނަގައި، ކްރެމޮނީސޭ އަތުން 4-1 އިން ކުރިހޯދައި، ސެސްކް ފަބްރެގަސް ކޯޗުކޮށްދޭ ކޯމޯ އިން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ވަނީ ޖާގަ ހޯދައިފައި. މިއީ، ކޯމޯ ތާރީހުގައި ވެސް އެ ޓީމުން ޗެމްޕިއަންސް ލީގުގައި ކުޅޭނެ ފުރަތަމަ ފަހަރު.
މިލާން ހިންގަމުން އަންނަ ރެޑްބާޑް ކެޕިޓަލް އިން ނެރުނު ބަޔާނެއްގައި ބުނީ، އިޓާލިއަން ލީގުގެ މި ސީޒަނުގެ މެޖޯރިޓީގައި މިލާން އޮތީ ގަދަ ދެ ޓީމުގެ ތެރޭގައި ކަމަށެވެ. އެކަމަކު، ލީގަށް ވާދަކުރެވޭ އެ މަގާމުގައި އޮވެފައި، އެންމެ ފަހު ވަގުތު ގަދަ ހަތަރަކުން ވެސް ޖާގަ ނުލިބި ސީޒަން ނިންމާލަން ޖެހުމަކީ ގަބޫލުކުރެވޭނެ ވަރުގެ ފެއިލްވުމެއް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. 
އެހެންވެ، އެ ހުރިހާ ކަމަކަށް ބަލައި، މިލާނުގެ ފުޓްބޯޅަ އޮޕަރޭޝަން ހިންގާ ގޮތް ބަދަލުކުރުމަށްޓަކައި، ކޯޗު އަލެގްރީ އާއި ސީނިއާ ބައެއް އޮފިޝަލުން މަގާމުން ވަކިކުރަން، 2022 އިން ފެށިގެން މިލާން ހިންގަމުން އަންނަ ރެޑްބާޑް ކެޕިޓަލް އިން ނިންމީ އެވެ. 
އެ ގޮތުން، އަލެގްރީގެ އިތުރުން މަގާމުން ވަކިކޮށްފައިވަނީ، ޗީފް އެގްޒެކްޓިވް ޖިއޯޖިއޯ ފުރްލާނީ، ސްޕޯޓިން ޑިރެކްޓަރު އިގްލީ ޓާރޭ އަދި ޓެކްނިކަލް ޑިރެކްޓަރު ޖޮފްރޭ މޮންކާޑާ އެވެ. 
ކުރިން ޔުވެންޓަސް އަށް ވެސް ކޯޗުކޮށްދިން އުމުރުން 58 އަހަރުގެ އަލެގްރީ، ކޯޗިން ކެރިއަރުގައި ދެ ވަނަ ފަހަރަށް މިލާނާ ހަވާލުވީ މިދިޔަ އަހަރުގެ މެއި މަހު އެވެ. އެއީ، އޭރު މިލާންގެ ކޯޗަކަށް ހުރި ސާޖިއޯ ކޮންސެސާއޯގެ ބަދަލުގަ އެވެ. މީގެ ކުރިން، އަލެގްރީ ވަނީ 2010 އިން 2014 އަށް މިލާނަށް އިރުޝާދުދީފަ އެވެ. އެ ފަހަރު މިލާނުން ވަނީ އިޓާލިއަން ލީގާއި ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ. 
މި ފަހަރުގެ ލީގަށް މިލާނުން ވާދަކުރިއިރު، އެ ޓީމު ރޭހުން ފަހަތަށް ވެއްޓުނީ، ލީގުގެ ފަހު 14 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވުމުންނެވެ. 
އާ ކޯޗެއް ހޯދުމަށް މިލާނުން ކުރަމުން އަންނަ މަސައްކަތުގައި، އެ ޓީމުން އެންމެ ބޮޑަށް ގެންނަން ބޭނުންވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ބޯންމައުުތުގައި ކާމިޔާބު ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔަ، ސްޕެއިނުގެ އަންޑޯނީ އިރައޯލާ އެވެ. އިރައޯލާގެ ކޯޗުކަމުގައި ބޯންމައުތުން ނިމިދިޔަ ސީޒަން ނިންމާލީ ބަލިނުވެ 18 މެޗު ފުރިހަމަަކޮށްގެންނެވެ. އަދި، ލީގު ޗެމްޕިއަންކަން ހޯދި އާސެނަލް ދަނޑުގައި ބޯންމައުތު މޮޅުކޮށްދިން އިރައޯލާ ވަނީ އެ ޓީމަށް އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުން ޖާގަ ހޯދައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ