މެޑްރިޑް (މެއި 25) - އަންނަ މަހު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ ފީފާ ވޯލްޑް ކަޕަށް ނެގި ސްޕެއިނުގެ ސްކޮޑުގައި ރެއާލް މެޑްރިޑްގެ އެއްވެސް ކުޅުންތެރިއަކު ނުހިމެނޭއިރު، އެ ކަމާ ބެހޭގޮތުން އަމާޒުވި ސުވާލަކަށް ދިން ޖަވާބުގައި ވަކި ކްލަބަކަށް ވަކި ގޮތެއް ނޯންނާނެ ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ ފުއެންޓޭ ބުނެފި އެވެ.
މިއީ، ސްޕެއިނުގެ ފުޓްބޯޅަ ތާރީހުގައި ވެސް ރެއާލް ކުޅުންތެރިއަކު ނުލައި، ސްޕެއިނުން ވޯލްޑް ކަޕަކަށް ނުކުންނާނެ ފުރަތަމަ ފަހަރެވެ. ސްޕެއިނުން ނެގި 26 ކުޅުންތެރިންގެ ސްކޮޑުގައި ރެއާލުން ހިމެނޭނެ ކަމަށް ބެލެވުނީ ދެ ޑިފެންޑަރުން ކަމަށްވާ ޑީން ހައުސަން އާއި ޑެނީ ކާވަހާލް އެވެ. އެކަމަކު، އޭގެއިން އެއްވެސް ކުޅުންތެރިއަކަށް ފުރުސަތު ނުދީ، ޑެ ލަ ފުއެންޓޭ ވަނީ ސްކޮޑު އިއުލާނުކޮށްފަ އެވެ.
"އަހަންނެއް އެއް ކްލަބް ނޫނީ އަނެއް ކްލަަބަކަށް ނުބަލަން. ދެން، ސަޕޯޓަރަކު ވަކި ކްލަބަކަށް ހުންނަ ގަޔާވާ ކަމެއް އަހަރެންގެ ނެތް. އަހަރެން ކަންކަން ކުރަނީ ވަރަށް ހުޅުވާލެވިފައިވާ ގޮތެއްގައި،" ޑެ ލަ ފުއެންޓޭ ބުންޏެވެ.
"އެންމެ ބޮޑު ކަމަކަށް އަހަރެން ބޭނުމީ، އަމިއްލަ ގައުމު ތަމްސީލްްކުރަން މި ކުޅުންތެރިންނަށް ލިބިފައި އޮތް ފުރުސަތުގައި އެ މީހުން އެންމެ ރަނގަޅަށް އެކަން ކުރުން،"
ރެއާލުން މި ސީޒަން ނިންމާލީ ޓްރޮފީއެއް ނުލިބި އެވެ. އެ ޓީމުގެ ކުޅުންތެރިއަކު، ސްޕެއިނުގެ ސްކޮޑުގައި ނެތުމުން ސްޕެއިނުގެ އިތުރުން އެކި ގައުމުތަކުގެ މީޑިއާގެ ސަމާލުކަން އެ ކަމަށް ވަނީ ހުއްޓިފަ އެވެ.
ސްޕެއިން ޓީމުން ޖާގަ ލިބުނު ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހު 22 ވަނަ ދުވަހު އަނިޔާވި ބާސެލޯނާގެ 18 އަހަރުގެ ތަރި ލަމީން ޔަމާލް އާއި ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ އަކުން ރިކަވާވަމުން އަންނަ އެތުލެޓިކް ބިލްބާއޯގެ ނިކޯ ވިލިއަމްސް ވަނީ ހިމަނައިފަ އެވެ. އަދި، އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި އާސެނަލްގެ މިކޭލް މެރީނޯ ވެސް ވަނީ ޓީމުގައި ހިމަނައިފަ އެވެ.
ޑެ ލަ ފުއެންޓޭ ބުނީ، ސްކޮޑު ނެގިއިރު މައިގަނޑު ގޮތެއްގައި ބެލީ ވޯލްޑް ކަޕްގައި ސްޕެއިނުން ކުޅޭ ފުރަތަމަ މެޗަށް ހުރިހާ ކުޅުންތެރިން ފުރިހަމަ އަށް ތައްޔާރުވެ ހުންނާނެ ލެވަލަށް ގެނެވޭނެ ކަމުގެ ޔަގީންކަން އޮތް ކުޅުންތެރިންނަށް ބަލައިފައި ކަމަށެވެ.
މިހާތަނަށް އަދި ސްޕެއިނަށް މެޗެއް ނުކުޅެ، ގައުމީ ސްކޮޑަށް އެރި ކުޅުންތެރިންނަކީ ބާސެލޯނާގެ އެރިކް ގާސިއާ އާއި އެތުލެޓިކޯ މެޑްރިޑްގެ މާކް ޕިއުބިލް އެވެ.
ސްޕެއިނުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ކޭޕް ވާޑޭއާ ބައްދަލުކުރާނެ އެވެ. އަދި، ދެ ވަނަ މެޗުގައި ޖޫން 21 ވަނަ ދުވަހު ސައުދީ އަރަބިއްޔާއާ ބައްދަލުކުރުމަށް ފަހު، ޖޫން 26 ވަަނަ ދުވަހު އުރުގުއޭއާ ކުޅޭނެ އެވެ.
ސްޕެއިން ވޯލްޑް ކަޕް ސްކޮޑުގައި ރެއާލް ކުޅުންތެރިއެއް ނެތް؛ ޑެ ލަ ފުއެންޓޭ ބުނީ ވަކި ކްލަބަަކަށް ވަކި ގޮތެއް ނެތް ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ