"އީދު ހަވީރު"ގައި އެމްއޭސީއެލުން ގިނަ ހަރަކާތްތަކެއް ހިންގަނީ

އަޟްހާ އީދާ ގުޅުވައިގެން މުޖުތަމައުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ "އީދު ހަވީރު 1447" ގައި ބައިވެރިވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 4.00 އިން ފެށިގެން 6.00 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އީދު ހަވީރު 1447" ފެސްޓިވަލުގައި ސްޓޯލްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.
ދިވެހިވަންތަ އަދި ސަގާފީ ފަރުމާތަކާއި އާދަތައް ހިމެނޭގޮތުން އިންތިޒާމުކުރެވޭ އެ ހަރާކާތުގައި ކޯޑިއާއި ބޮޑުބެރާއެކު މާލީގެ އެކިއެކި ހަރަކާތްތައް ވެސް ކުރިއަށް ދާނެ ކަމަށް އެމްއޭސީއެލުން ބުނެ އެވެ. އޭގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގްބޫލު ކާޓޫން ކެރެކްޓާސްގެ މެސްކޮޓްތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި އެކި ދުވަސްތަށް މަތިން ހަރަކާތްތެރި ވަމުންދާނެ އެވެ.
އެ ކުންފުނިން ބުނީ އެ ސްޓޯލްގެ މެދުގައި ކުޑަކުދިންނަށް އެރޭނެ ގޮތަށް ފަނުން ޒީނަތްތެރިކޮށްފައިވާ ޓްރީހައުސް (ގަސްމަތީގެ) އަކާއި ރެކިން ބޯލް، ވައިޕް އައުޓް އިންފްލެޓަބަލް، ބަބުލް ހައުސް ފަދަ އައިލީ ކުޅިވަރަށް ފަރުމާކުރެވިފައިވާ ކުޅިވަރުތައް ވެސް ހުންނާނެ ކަމަށެވެ. އެއާއެކު ކުޑަކުދިންނަށް ހާއްސަ ހަރަކާތެއްގެ ގޮތުގައި ހީނާ އާޓް އަދި ފޭސް ޕެއިންޓިން ކޯނާތައްވެސް އެ ސްޓޯލްގައި ގާއިމްކުރެވިފައި ހުންނާނެ ކަމަށް އެމްއޭސީއެލުން މައުލޫމާތުދެ އެވެ.
އެމްއޭސީއެލްގެ ސްޓޯލްއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ކުރެވިގެން، ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިރުމަތީ އެންޓްރެންސްގައި ބެހެއްޓިފައި ހުންނާނެ ކަމަށް ވެސް ބުންޏެވެ. އަދި މިއަހަރުގެ އީދު ހާއްސަކުރުމުގެ ގޮތުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤުގެ ހުނަރުތައް ވެސް އެމްއޭސީއެލްގެ ސްޓޯލްގައި ދައްކާލުމަށް ހަމަޖެހިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ