ސީއެފްއައިކޯގެ އެވޯޑެއް އެމްއައިބީއަށް ލިބިއްޖެ

ސީއެފްއައިކޯ އިން ދޭ "ޗެމްޕިއަން އޮފް
އިންޓެގްރޭޓެޑް އިސްލާމިކް ފައިނޭންޝަލް ސްޓްރެޓެޖީޒް – އިންޑިއަން އޯޝަން
2026" އެވޯޑް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.
އެމްއައިބީން ބުނީ މި އެވޯޑަކީ އިސްލާމީ ބޭންކިންގެ ދާއިރާގައި އެމްއައިބީން ގެންގުޅޭ ހަރުދަނާ އުސޫލުތަކާއި ދެމެހެއްޓެނިވި މާލީ ކާމިޔާބީގެ އަގު ވަޒަންކޮށް ދީފައިވާ އެވޯޑެއް ކަމަށެވެ. 
ރާއްޖެފަދަ ޖަޒީރާ ގައުމެއްގައި
ގޮންޖެހުން ބޮޑު ޖިއޮގްރަފީއެއް އޮތްކަމުގައި ވިޔަސް އެމްއައިބީއިން ވަނީ މި
ގޮންޖެހުންތަށް ގިރާކޮށް ނަތީޖާ ނެރެދީފަ އެވެ. ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި
ވަގުތުން އެކައުންޓް ހުޅުވުމާއި، ހުރިހާ ހިދުމަތަކަށް އެދުމުގެ މަގު
ފަހިކޮއްދީފައެވެ. އަތޮޅުތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ހޯދާފައިވާ ކާމިޔާބީ
މި އެވޯޑު ދިން ސީއެފްއައިކޯ އިން ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ބޭންކުން ހާމަކުރި ގޮތުގައި އެމްއައިބީގެ
ސްޓްރެޓެޖީ ބިނާވެފައި ވަނީ ޝަރީޢާ ހިންގުމުގެ ވަރުގަދަ އޮނިގަނޑަކާއި، ޑިޖިޓަލް
އީޖާދާއި ސީދާ ބޭންކިން ހިދުމަތް ގުޅުވައިދޭ އެއް އޮޕަރޭޓިން މޮޑެލެއްގެ
މައްޗަށެވެ.
މި ކާމިޔާބީ ދައްކުވައިދެނީ ބޭންކުގެ ވަރުގަދަ މާލީ ކުރިއެރުން ކަމަށާއި މިދިޔަ އަހަރު އެމްއައިބީން ޖުމުލަ އެސެޓް 16.63 ބިލިއަން ރުފިޔާއަށް އެރި
ކަމަށް އެ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މި އެވޯޑުދިނުމުގައި ފާހަގަކޮށްފައި
ވަނީ ދިވެހި ސަރުކާރާއި އައިސީޑީ ހިމެނޭ ގޮތަށް ހިއްސާދާރުންގެ ޑައިވާސިފައިޑް
ބޭސްއަކާ އެކު އެމްއައިބީގައި ގާއިމުކޮށްފައިވާ ހަރުދަނާ ހިންގުމުގެ އޮނިގަނޑާއި،
ޝަރީއާ އަދި ބޯޑް ފެންވަރުގެ ވަރުގަދަ އޯވަސައިޓް ނިޒާމުތައް ކަމަށް އެ ބޭންކުން
ބުނެއެވެ.
އެމްއައިބީން ބުނީ ޑިޖިޓަލް ބޭންކިން، ސެލްފް ސާވިސް ވަސީލަތްތައް، ރިމޯޓް
އޮންބޯޑިން، އަދި ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ
އިންވެސްޓްމަންޓްތައް ވެސް މި އެވޯޑުގައި ބަލައިގެންފައިވާ ކަމަށެވެ. 
އެމްއައިބީން މީގެ ކުރިން ވަނީ ވިސާ ކޮމާޝަލް
ސޮލިއުޝަންސް އެކްސެލެންސް އެވޯޑް ފޯ ބެސްޓް ބިޒްނަސް ޑެބިޓް އިޝުއާގެ އިތުރުން،
އިސްލާމިކް ބޭންކް އޮފް ދަ ޑެކޭޑް، އިސްލާމިކް ފައިނޭންސް އެންޓިޓީ އޮފް ދަ އިޔާ،
އަދި 10 ވަނަ އައިއެފްއެސްއޭ އެވޯޑްސް 2025 ގައި އިސްލާމިކް ބޭންކް އޮފް ދަ އިޔާ ހާސިލުކޮށްފަ އެވެ. 
މީގެ އިތުރުން ވެސް މާކެޓުގައި އެމްއައިބީ އޮތް މަގާމު އިތުރަށް ވަރުގަދަކޮށްދިނީ،
11 ވަނަ އިރްބާ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އިސްލާމިކް ރީޓެއިލް ބޭންކް
2025 އެމްއައިބީން ހާސިލުކުރުމާއި، ރާއްޖޭގެ އެންމެ މޮޅު ޑިޖިޓަލް ބޭންކިން
އިނިޝިއޭޓިވް އެވޯޑް ވެސް ހާސިލުކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ