ފައިބަރ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ގައިޑްލައިނެއް ތައްޔާރުކުރަނީ

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ބައިނަލްއަގުވާމީ އެހީގައި ހިންގާ ތިމާވެށީގެ މަޝްރޫއެއްގެ ދަށުން، ރާއްޖޭގެ ފައިބަރު މަސައްކަތްކުރާ ސިނާއަތަށް ބޭނުންވާ ފަރުމާކުރުމާއި، އިންޖިނިއަރިންގ، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން އަދި ކުނި ނައްތާލުމާ ގުޅޭ ފުރިހަމަ ގައިޑްލައިންތަކެއް އެކުލަވައިލުމަށް ކޮންސަލްޓެންސީއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ކޮންސަލްޓެންސީ ކުރިއަށް ގެންދަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ މާލީ އެހީތެރިކަމާއެކު ހިންގާ "އިމްޕްލިމެންޓިންގ ސަސްޓެއިނަބަލް ލޯ އެންޑް ނޮން-ކެމިކަލްސް ޑިވެލޮޕްމަންޓް އިން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" (އައިލެންޑްސް) މަޝްރޫއުގެ ދަށުންނެވެ. މި މަޝްރޫއުގެ މަގްސަދަކީ ރާއްޖޭގެ ފައިބަރު މަސައްކަތް ކުރުމުގެ ދާއިރާގައި މަސައްކަތްތެރިންގެ ރައްކާތެރިކަމާއި، ތިމާވެށި ހިމާޔަތްކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ އަމަލީ މިންގަނޑުތަކެއް ގާއިމުކުރުމެވެ.
މި މަސައްކަތުގެ ޓާމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ގޮތުން، ކަނޑު އުޅަނދުފަހަރު ބަނުމާއި މަރާމާތުކުރުމާއި، އިމާރާތްކުރުމަށް ބޭނުންވާ ތަކެއްޗާއި ސިނާއީ އުފެއްދުންތައް އުފެއްދުމުގައި ފައިބަރު ސިނާއަތަކީ ރާއްޖޭގައި މުހިންމު ދައުރެއް އަދާކުރާ ސިނާއަތެކެވެ. ނަމަވެސް، މި ސިނާއަތަކީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ ސިނާއަތަކަށް ހެދުމަށްޓަކައި، ފެސިލިޓީތައް ފަރުމާކުރުމާއި، އިންޖިނިއަރިންގ މިންގަނޑުތަކާއި، މަސައްކަތުގެ މާހައުލުގެ ސިއްހަތާއި ރައްކާތެރިކަމާއި، ތިމާވެށީގެ ރައްކާތެރިކަމާއި ކުނި މެނޭޖުކުރުން ހިމެނޭ ފުރިހަމަ އޮނިގަނޑެއް ބޭނުންވާކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މި ކޮންސަލްޓެންސީގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 215 ދުވަހުގެ މުއްދަތެކެވެ. މި މަސައްކަތުގެ ދަށުން ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި އިންސެޕްޝަން ރިޕޯޓް، ރެގިއުލޭޓަރީ މެޕިންގް ރިޕޯޓް، އިންޑަސްޓްރީ ބޭސްލައިން އެސެސްމަންޓް، ޑްރާފްޓް އިންޓަގްރޭޓެޑް ގައިޑްލައިންސް، ޓްރެއިނިންގް އެންޑް އެވެއަރނަސް ޓޫލްކިޓް، އިންސްޕެކްޝަން އެންޑް ކޮލިޓީ ކޮންޓްރޯލް މެނުއަލް، އަދި ފައިނަލް ކޮންސޮލިޑޭޓެޑް ރިޕޯޓް ހިމެނެއެވެ. ފައިސާ ދޫކުރެވޭނީ ކަނޑައެޅިފައިވާ ކޮންމެ މަރުހަލާއެއް ކާމިޔާބުކަމާއެކު ނިންމުމުންނެވެ.
ޝައުގުވެރިވާ ފަރާތްތަކުން ސިޓީއުރައިގައި ބަންދުކޮށްފައިވާ ޕްރޮޕޯސަލްތައް 20 ޖުލައި 2026 ގެ ހެނދުނު 10:00 ގެ ކުރިން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއަށް ހުށަހަޅަންޖެހޭނެއެވެ. ބިޑު ހުޅުވުން އޮންނާނީ ހަމަ އެދުވަހުގެ ހެނދުނު 10:05 ގައެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް އެދި ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 13 ޖުލައި 2026 އެވެ. ބިޑު ހުށަހަޅާ ތާރީޚުން ފެށިގެން 120 ދުވަހުގެ މުއްދަތަށް ބިޑު ޕްރޮޕޯސަލްތައް ދެމިއޮންނަންވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ