ޕާކިސްތާނު މެދުވެރިވެގެން އެމެރިކާއާއި އީރާނާ ދެމެދު އެޕްރީލު މަހު ކުރިއަށްދިޔަ ނާޒުކު ސުލްޙައިގެ ވާހަކަތަކުގެ ތެރެއިން، އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީއާއި ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް ޝަހީދުކޮށްލުމަށް ޔަހޫދީން ރޭވިކަން ފަޅާއަރުވައިލައިފިއެވެ. އެމެރިކާގެ ނޫހެއް ކަމުގައިވާ 'ދި ނިއު ޔޯކް ޓައިމްސް'އަށް މި މަޢުލޫމާތު ޙިއްޞާކުރެއްވީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންތަކެކެވެ. އެ އޮފިޝަލުންނާ ޙަވާލާދީ ނިއު ޔޯކް ޓައިމްސްއިން ބުނީ، އީރާނުގެ މަންދޫބުން ޝަހީދުކޮށްލި ނަމަ ވާހަކަތައް މުޅިން ހުއްޓި، އީރާނާ ދެކޮޅަށް އަލުން ހަނގުރާމަ ފެށިގެންދާނެ ކަމުގެ ކަންބޮޑުވުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރަށް އޮތް ކަމުގައެވެ.
އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޔަހޫދީން ޝަހީދުކުރަން ބޭނުންވާ މީހުންގެ ލިސްޓުގައި ޤާލިބާފްގެ ނަން ހިމަނާފައިވާ ކަން ވޮޝިންގޓަނަށް އެނގުމާއެކު، އޭނާއަށް އަމާޒުކޮށް އެއްވެސް ޙަމަލާއެއް ނުދިނުމަށް ޔަހޫދީންނަށް ޓްރަމްޕްގެ ސަރުކާރުން އެންގި ކަމުގައެވެ. އީރާނުގެ އޮފިޝަލުންނާ ޙަވާލާދީ އެ ނޫހުން ބުނީ، ޚާރިޖީ ބައްދަލުވުންތައް ހިނގަމުންދަނިކޮށް ޔަހޫދީން އެއްވެސް ޙަމަލާއެއް ނުދޭނެކަމުގެ ޔަގީންކަން ޕާކިސްތާނާއި ޤަޠަރު މެދުވެރިކޮށް ތެހްރާނުން ވެސް ހޯދުމަށް މަސައްކަތްކުރި ކަމުގައެވެ. ނަމަވެސް، ޤާލިބާފް ޝަހީދުކޮށްލުމަށް ޔަހޫދީން މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުންޏެވެ. އޭގެ ހެއްކަކީ، އިސްލާމްއާބާދުން އެނބުރި ތެހްރާނަށް ޤާލިބާފް ދަތުރުކުރައްވަމުން ގެންދެވި ވަގުތަކާ ދިމާކޮށް، ޔަހޫދީ ފައުޖުގެ ދެ އަސްކަރީ މަތިންދާބޯޓު އީރާންގެ ވައިގެ ސަރަޙައްދަށް އެތެރެވެ، ޙަރަކާތްތެރިވާން ފެށުމެވެ. ނަމަވެސް، ޔަހޫދީންގެ އެ ރޭވުން ނާކާމިޔާބުވީ، ޤާލިބާފް ދަތުރުކުރައްވަމުން ގެންދެވި މަތިންދާބޯޓުގެ މަންޒިލް ބަދަލުކުރުމުން ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސުލްޙައިގެ ވާހަކަތައް އަދިވެސް ކުރިއަށްދާ ކަމަށާއި، ޓްރަމްޕް ބޭނުންފުޅު ވަނީ ސުލްޙައިގެ މަރުޙަލާ ފުރިހަމަވުމަށް ކަމުގައި އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ. ދާދިފަހުން ސީއެންބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، އީރާނުގެ ވެރިކަން ބަދަލުކުރައްވަން އޭނާ ބޭނުންފުޅުނުވާ ކަމަށާއި، ހަމައެކަނި މަޤުޞަދަކީ ނިއުކްލިޔަރ ޕުރޮގުރާމު ހުއްޓުމަކަށް ގެނައުން ކަމުގައެވެ. އަދި، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުން ދިޔަ އާގުބޯޓަކަށް އީރާނުން ޑްރޯން ޙަމަލާއެއް ދިނުމުން، ރައްދުގައި އީރާނަށް ތިން ފަހަރެއްގެ މަތިން ޙަމަލާދީފައިވާނެ ކަން ފާހަގަކުރައްވައި، އަސްކަރީ ގޮތުން އީރާން ބަލިކަށިކޮށްލާފައިވާނެ ކަމުގައި ވެސް އޭނާ ދަޢުވާ ކުރެއްވިއެވެ.
ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާންގެ ކުރީގެ އިސް މުރުޝިދު އާޔަތުالله ޢަލީ ޚާމަނާޢީ ވަނީ ޝަހީދުކޮށްލާފައެވެ. އޭނާގެ ޖަނާޒާ ޖުލައި 4 އިން 9 އަށް ކުރިއަށް ގެންދިޔުމުގެ އެންމެ ފަހުގެ ތައްޔާރީތައް ތެހްރާނުން ދަނީ ކުރަމުންނެވެ. ޤަޠަރާއި ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވީ، ޚާމަނާޢީގެ ޖަނާޒާގެ ކަންކަން ނިމުމަށްފަހު، އެމެރިކާއާއި އީރާނުގެ ވާހަކަތަކުގެ އިތުރު ބައްދަލުވުންތައް ވީ އެންމެ އަވަސް ފުރުޞަތެއްގައި ބާއްވާނެ ކަމުގައެވެ.
ޢަރާޤިޖީއާއި ޤާލިބާފް ޝަހީދުކޮށް، ސުލްހައިގެ ވާހަކަތަކަށް ހުރަސްއަޅަން ރޭވި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ