ކުށްކުރުން ހުއްޓުވުމަކީ ހަމައެކަނި އަދަބު ދީގެން ކުރެވޭނެ ކަމެއް ނޫނެވެ. ކުށްކުރަން މެދުވެރިވާ ސަބަބުތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ކުށުގެ ވެށިން މީހުން ދުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ދާދިފަހުން ކްރިމިނަލް ކޯޓުން ނެރުއްވި އަމުރަކުން މިކަމަށް ވަނީ މަގެއް ފެނިފައެވެ.
މޯލްޑިވްސް ޑިޖިޓަލް ސާވިސްގެ ތެރެއަށް ވަދެ ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަބްދުﷲ ޝަރީފުގެ މައްސަލައަކީ މިއަދު މާލޭގެ މަގުމަތީގައި ގިނަވެފައިވާ އިޖުތިމާއީ ބޮޑު މައްސަލައެކެވެ. ރޯދަމަހުގެ ދުވާލު ވަގުތެއްގައި، އޭސީ އައުޓްޑޯ ޔުނިޓެއް ރޫޅަން އިންދާ އަތުލައިގަނެވުނު މި މީހާގެ ވާހަކަތަކުން އެނގެނީ އޭނާ އެ ހާލަތަށް ދިޔައީ މަގުމަތިވެ، ބޯހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ކަމެވެ.
ޝަރީފު ކޯޓުގައި ކިޔައިދިން ގޮތުގައި އޭނާ ދިރިއުޅެނީ މަގުމަތީގައެވެ. ނިދަނީ ޖޯލިފަތިތަކުގައެވެ. ވަޒީފާއެއް ނެތްއިރު، އޭނާގެ އަތުގައި އޮތް ފޯނާއި ފައިސާކޮޅުވެސް ވަނީ ފޭރިގެންފައެވެ. މިއީ މިއަދު މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ ހިތްދަތި ހަގީގަތެކެވެ. ދިރިއުޅޭނެ ވަށައިޖެހޭ ނިޒާމެއް ނެތުމުން، ގިނަ ފަހަރަށް މީހުންނަށް މަޖުބޫރުވަނީ ކުށްކުރުމުގެ ތެރެއަށް ވަންނާށެވެ. ޝަރީފުގެ މައްސަލައިގައިވެސް އޭނާ ތަކުރާރުކޮށް ބުނަމުންދިޔައީ އޭނާ އެތަނަށް ވަނީ ވަރުބަލިވެގެން ކަމަށެވެ.
މި މައްސަލައިގައި ގާޒީ ސޮފްއަތު ހަބީބު ދެއްވި އިރުޝާދަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ހަމައެކަނި ބަންދުގެ މުއްދަތު ޖެހުމުގެ ބަދަލުގައި، އޭނާގެ ހާލަތަށް ރިއާޔަތްކޮށް، އޭނާގެ އުފަން ރަށަށް ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ފުލުހުންނަށް ވަނީ އިރުޝާދު ދެއްވާފައެވެ.
މިއީ ކުށްކުރާ މީހާ އަލުން މުޖުތަމައަށް ނެރުމަށް ނުވަތަ ’ރިހެބިލިޓޭޓް‘ ކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ. ރަށަށް ބަދަލުވުމުން އާއިލީ އެހީތެރިކަމާއި ބޯހިޔާވަހިކަން ލިބި، ކުށުގެ ވެށިން ދުރުވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
ވައްކަމާއި ފޭރުން ފަދަ ކުށްތައް ހުއްޓުވުމަށްޓަކައި، ކުށްކުރާ މީހާގެ ހާލަތު ދެނެގަތުމަކީ މުހިންމު ކަމެކެވެ. ކޯޓުން ދެއްވި މި އިރުޝާދަކީ ކުށްވެރިންނަށް އަދަބު ދިނުމުގެ އިތުރުން، އެމީހުންގެ ދިރިއުޅުން އިސްލާހުކުރުމަށް މަގުފަހިކޮށްދިނުމުގެ ނަމޫނާއެކެވެ. މިފަދަ ނިޒާމީ ހައްލުތަކުގެ ސަބަބުން، މަގުމަތިވެފައިވާ މީހުންނަށް އައު ދިރިއުޅުމެއް ފެށުމުގެ އުންމީދު ލިބި، މުޖުތަމައުގެ އަމާންކަން ގާއިމުވުމަށް ބާރަކަށް ވާނެއެވެ.
ވައްކަން ހުއްޓުވުމަށް އިޖުތިމާއީ ހައްލެއް: ކޯޓުން ދެއްވި އިރުޝާދު ދިނީ ރަށަށް ބަދަލު ކުރަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ