އެމެރިކާއިން އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ދީފައިވާ ކަމަށް ބުނިތާ މާގިނައިރުތަކެއް ނުވެ، ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އީރާނުން ބަހުރައިނާއި ކުވެއިތަށް އަމާޒުކޮށް ވަރުގަދަ ވައިގެ ހަމަލާތަކެއް އަނެއްކާވެސް ދީފި އެވެ.
އެމެރިކާގެ ފިފްތު ފްލީޓްގެ މައި މަރުކަޒު ހުންނަ ކުޑަ ގައުމެއް ކަމަށްވާ ބަހުރައިނުން ވަނީ އެ ގައުމަށާއި އަވަށްޓެރި ކުވައިތަށް ދިން މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
ބަހުރައިނުން ބުނި ގޮތުގައި، އީރާނުން ފޮނުވާލި ހަތް މިސައިލެއް މި ދެ ގައުމުން ވަނީ ދިފާއުކޮށް ވައްޓާލައިފަ އެވެ. އަދި މިދިޔަ ބުދަ ދުވަހަށްފަހު މި ދެ ގައުމަށް އަމާޒުކޮށް އީރާނުން ދިން ދެވަނަ ހަމަލާ ބަހުރެއިނުން ސިފަކުރީ "ކަނޑައެޅިގެން އުދުވާނެއް" ގެ ގޮތުގަ އެވެ. މިއީ ދެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަރައިގަތުން ކަމަށް ބުންޏެވެ.
ކުވެއިތުން ވެސް ވަނީ މި ހަމަލާތައް ކުށްވެރިކޮށްފަ އެވެ. އެ ގައުމުން ބުނި ގޮތުގައި މިއީ ރައްޔިތުންނާއި އެ ގައުމުގައި ދިރިއުޅޭ މީހުންގެ ފުރާނައަށް އޮތް ސީދާ ނުރައްކަލެއް ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުން ހަނގުރާމަ ހުއްޓުވުމަށް މެދުކެނޑުމެއްނެތި މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި މިއީ މަސްރަހު އިތުރަށް ގޯސްކުރުން ކަމަށެވެ.
ގަލްފްގެ އަވަށްޓެރި ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ގަތަރުން ވެސް ވަނީ ކުވެއިތާއި ބަހުރައިނަށް ދިން މި ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ބަހުރައިންގެ ވެރިރަށް މަނާމާގައި ތިބި އޭއެފްޕީގެ ނޫސްވެރިން ބުނި ގޮތުގައި ތިން ގޮވުމެއްގެ އަޑު އިވުނެވެ. އަދި މުޅި ގައުމުގައި ވައިގެ ހަމަލާތަކުން ރައްކާތެރިވުމަށް އަންގައި ސައިރަން އަޅަން ފެށި އެވެ.
މީގެ އިތުރުން ބަހުރައިންގެ އަސްކަރިއްޔާއިން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން މިސައިލަކާއި ބައެއް ޑްރޯންތައް ހުއްޓުވާފައިވާ ކަމަށެވެ.
ކުވެއިތުގައި ހުންނަ އޭއެފްޕީގެ ނޫސްވެރިޔާ ރިޕޯޓްކުރި ގޮތުގައި އެ ގައުމުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ކައިރިން ތަކުރާރުކޮށް ބާރުގަދަ ގޮވުންތަކެއްގެ އަޑު ވަނީ އިވިފަ އެވެ. އެއާޕޯޓަށް މިދިޔަ ބުދަ ދުވަހުވެސް އީރާނުން ދިން ކަމަށް ބެލެވޭ ހަމަލާއެއް އަރައި، އެކަކު މަރުވި އެވެ.
ކުވެއިތުގެ އަސްކަރިއްޔާއިން ބުނީ "މިއަދު ހެނދުނު ކުވެއިތުގެ ވައިގެ ސަރަހައްދަށް ވަތް ހަތް ބެލިސްޓިކް މިސައިލަކަށް" ހަމަލާދީ ވައްޓާލާފައިވާ ކަމަށެވެ.
އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުގެ މަތިން މިސައިލްތައް ވައްޓާލުމުގެ ސަބަބުން، އޭގެ ބައިތައް ވެއްޓި "މާއްދީ ގެއްލުންތަކެއް ލިބުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވާ" ކަމަށް ވެސް އަސްކަރިއްޔާއިން އިތުރަށް ބުންޏެވެ.
މި ހަމަލާތަކަށްފަހު، ކުވެއިތުގެ އޭވިއޭޝަން އޮތޯރިޓީން ވަނީ އަލުން ވައިގެ ދަތުރުފަތުރު ފަށާފައިވާކަން އިއުލާންކޮށްފަ އެވެ. އަދި އީރާނުގެ ހަމަލާއާ ގުޅިގެން ވައިގެ ސަރަހައްދު ބަންދުކުރުމުން ކުވެއިތު އެއާވޭސް އަދި ޖަޒީރާ އެއާވޭސްގެ 11 ފްލައިޓެއް އެހެން މަގުތަކަކަށް ދާން ޖެހުނު ކަމަށް ވެސް ބުނެފައިވެ އެވެ.
އީރާނުގެ އަސްކަރިއްޔާއިން ބުނީ އެމީހުން "ދުޝްމަނުންގެ މަރުކަޒުތަކަށް" މިސައިލް ހަމަލާތަކެއް ދިނީ، އީރާނުގައި ހުރި ރާޑަރު ސައިޓްތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ހަމަލާދީ، ހޮރްމޫޒާ ކަނޑުއޮޅިއާ ދިމާލަށް ދަތުރުކުރަމުންދިޔަ ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށް އެމެރިކާއިން ބުނުމާ ގުޅިގެން ކަމަށެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނި ގޮތުގައި ކުވެއިތާއި ބަހުރައިނާ ދިމާލަށް ފޮނުވާލި މިސައިލްތަކުގެ ތެރެއިން ހަ މިސައިލެއް ވައްޓާލެވުނުއިރު، ހަތްވަނަ މިސައިލް އޭގެ އަމާޒަށް ވާސިލްނުވެ ވެއްޓިފައިވާ ކަމަށެވެ. -- އޭއެފްޕީ
އީރާނަށް ހަމަލާ ދިނުމާ އެކު އަނެއްކާވެސް ރައްދުގައި ބަހުރެއިނާއި ކުވައިތަށް ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ