ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ އޮސްޓްރޭލިއާގެ ގާނޫނު އިތުރަށް ވަރުގަދަކުރަނީ

އުމުރުން 16 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ އެކައުންޓް ހެދުން މަނާކުރުމަށް އޮސްޓްރޭލިއާއިން ކަނޑައަޅާފައިވާ ތާރީހީ ގާނޫނު އިތުރަށް ވަރުގަދަކުރުމަށް އެ ގައުމުގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް މިއަދު ވައުދުވެވަޑައިގެންފި އެވެ.
އޭނާ މިކަމަށް ވައުދުވެވަޑައިގަތީ، އެ ފިޔަވަޅުގެ ސަބަބުން ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރަށް މާ ބޮޑު އަސަރެއް އަދި ކޮށްފައިނުވާ ކަމަށް އާ ދިރާސާއަކުން ދައްކާފައި ވަނިކޮށެވެ.
އެލްބަނީޒް ވިދާޅުވީ، ގާނޫނީ ގޮންޖެހުންތަކަށް ކެތްކުރެވޭ ފަދަ އަދި އެންމެ އެދެވޭ ގޮތެއްގައި ތަންފީޒުކުރެވޭނެ އެއްޗަކަށް ހެދުމަށްޓަކައި، ސަރުކާރުން އެ ގާނޫނު ހަރުދަނާކޮށް ޓެސްޓްކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ގާނޫނުތަކަކީ ވީހާ ވެސް ވަރުގަދަ އަދި ކުރިމަތިވާނެ ގާނޫނީ ކޮންމެ ގޮންޖެހުމަކަށް ވެސް ކެތްކުރެވޭނެ ގާނޫނުތަކަކަށް ހަދަން،" އޮސްޓްރޭލިއާގެ އޮންލައިން ރައްކާތެރިކަމާ ބެހޭ ރެގިއުލޭޓަރަށް ލިބިދޭ ބާރުތައް ވަރުގަދަކުރުމަކީ އެންމެ އިސްކަންދޭނެ ކަންތައްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.
އޮސްޓްރޭލިއާއިން މުޅި ގައުމުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ދުނިޔޭގެ ފުރަތަމަ ގާނޫނު ތައާރަފްކުރީ މީގެ ހަ މަސް ކުރިންނެވެ. މި ގާނޫނުގެ ދަށުން އިންސްޓަގްރާމް އަދި ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އެ އުމުރުގެ ކުދިންނަށް އެކައުންޓް ހެދުން ވަނީ މަނާކޮށްފަ އެވެ. ބައިނަލްއަގުވާމީ ގޮތުން މި ގާނޫނަށް ވަރަށް ބޮޑަށް ފާރަވެރިވަމުންދާއިރު، އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ބައެއް އެހެން ގައުމުތަކުން ވެސް ދަނީ މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންނެވެ.
މި މަނާކުރުންތައް ނިޒާމީ ގޮތެއްގައި ތަންފީޒުކުރުމަށް ނުކުޅެދިއްޖެ ނަމަ، ސޯޝަލް މީޑިއާ ކުންފުނިތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން، އެ ކުންފުނިތައް 49.5 މިލިއަން އޮސްޓްރޭލިއާ ޑޮލަރާ ހަމައަށް ޖޫރިމަނާކުރެވިދާނެ އެވެ. މިދަނޑިވަޅުގައި، ރެޑިޓުން ވަނީ މި ގާނޫނާ ދެކޮޅަށް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.
ބީއެމްޖޭ މަޖައްލާގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، މި މަނާކުރުން ތަންފީޒުކުރަން ފެށިތާ ތިން މަސް ފަހުން ވެސް، އޮސްޓްރޭލިއާގެ 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން %85 ކުދިން އަދިވެސް ދަނީ ސޯޝަލް މީޑިއާ ބޭނުންކުރަމުންނެވެ. އެ ދިރާސާއިން އެނގޭ ގޮތުގައި، އުމުރު ހަމަނުވާ ކުދިންގެ ތެރެއިން ތިންބައިކުޅަ ދެބައި ކުދިން މި ހުރަސްތައް މުގުރާލަނީ، އެ މީހުންގެ އުމުރަކީ 16 އަހަރުން މަތިކަމަށް ދޮގު މައުލޫމާތު ދީގެން ނުވަތަ ސެލްފީއަށް ބިނާކޮށް އުމުރު ކަށަވަރުކުރާ ސިސްޓަމްތައް ބޭނުންކޮށްގެންނެވެ.
އިންޓަނެޓްގެ ސަބަބުން ކުޑަކުދިންނަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް މި ގާނޫނު އެކުލަވާލި ނަމަވެސް، ދިރާސާއިން ނިންމާފައިވަނީ ފުރާވަރުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ވަގުތުން ވަގުތަށް ބޮޑުތަނުން މަދުވިކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ