ޑްރޯން މެދުވެރިކޮށް ހާދިސާތަކަށް އިޖާބަދޭން ފަށަނީ

ޑްރޯން އޭޒް ފަރސްޓް ރެސްޕޮންޑަރ، ނުވަތަ ދިމާވާ ހާދިސާތަކަށް އެންމެ ފުރަތަމަ ޑްރޯން މެދުވެރިކޮށް އިޖާބަދިނުމުގެ ޚިދުމަތް އަންނަ އަހަރު ތަޢާރަފްކުރާނެ ކަމަށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ 93ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވަނީ، ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. ޑްރޯން މެދުވެރިކޮށް ފަރސްޓް ރެސްޕޯންޑަރގެ ޚިދުމަތް ދޭން ފެށުމުން ފުލުހުންނަށް ހާދިސާއެއް ރިޕޯޓުކުރުމާއެކު ފުލުހުންގެ ޑްރޯން އެސަރަޙައްދަކަށް ފޮނުވާނެއެވެ. އަދި ހާދިސާއަށް އިޖާބަދޭ އޮފިސަރުންނާއި ކޮމާންޑް ސެންޓަރަށް ތަނުގެ ހާލަތު ވިޑިއޯގެ ޒަރިއްޔާއިން ވަގުތުން އަންގަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ސަބަބުން އެއްގަމުގެ ޓްރެފިކާއި އަދި ކަނޑު ހުރަސްކޮށް ޚިދުމަތްފޯރުކޮށްދޭން ދާންޖެހޭ ހާލަތުގައި ފުލުހުން އެހިސާބަށް ދިއުން ލަސްވިޔަސް ޑްރޯންގެ އެހީގައި ވަގުތުން އެތަނެއްގެ ހާލަތު ދެނެގަނެވި މިހާރަށްވުރެ ފުރިހަމަ ޚިދުމަތެއް ދެވޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިޙްސާން ވަނީ ފުލުހުންގެ ޚިދުމަތް އިތުރަށް ކުރިއަރުވާ، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުލުހުންގެ މުއައްސަސާއަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދެއްވުމުގެ މަސައްކަތްތައް ކުރިއަށްގެންދާކަމަށް ފާހަގަކުރައްވާފައެވެ.
"މިއާއެކު ފުލުހުންގެ މަސައްކަތުގައި ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެއްމެ ޒަމާނީ ޑޭޓަރ ސެންޓަރެއް އުޅުމުގެ އަމަލީ މަސައްކަތް މިހާރުވަނީ ފެށިފައި. މާތްﷲގެ އިރާދަފުޅާއިއެކު މިކަންކަން ނިމިގެންއަނައިރު ދިވެހި ފުލުހުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އެތައްގުނައަކަށް ފުރިހަމަވާނެ." ވަޒީރު އިހުސާން ވިދާޅުވިއެވެ.
މީގެއިތުރުން، ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓާއި، އެހީއަށްއެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެގޮތާއި އެހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާފީޑްތައް ވަގުތުން ފެންނަގޮތަށް ސިސްޓަމް އަޕްގްރޭޑްކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ފުރިހަމަ ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް އިތުރުކުރުމާއި، އިންސާނީ ވަސީލަތްތައް ކުރިއެރުވުމުގެ އިތުރުން، ފުލުހުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ވެސް ދަނީ ފޯރުކޮށްދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ