މި ދައުރު ނިމޭއިރު ބޯހިޔާވަހިކަން ނެތް ރައްޔިތެއް ނުތިބޭނެކަން ރައީސް ކަށަވަރު ކުރައްވާނެ: މެމްބަރު އަލީ އިބްރާހިމް

ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް މި ދައުރު ނިމޭއިރު ބޯހިޔާވަހިކަން ނެތް ރައްޔިތެއް ނުތިބޭނެކަން ކަށަވަރު ކުރައްވާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ އިބްރާހީމް (ކައްޕި) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ވަނީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ހެންވޭރު ހުޅަނގު ދާއިރާއަށް ބަލާއިރުވެސް ގެދޮރުވެރިކަމުގެ މައްސަލަ ނުހަނު ބޮޑުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ”ކުދި ގޮޅިތަކުގައި“ ދިރިއުޅެމުންދާ އާއިލާތައް ނުހަނު ގިނަ ކަމަށެވެ.
އަލިފާން ފޮށިގަނޑު ކަހަލަ ގޮޅި ގޮޅީގައި ދިރިއުޅޭ އާއިލާތައް އެބަތިބި
އެހެންނަމަވެސް، ނިމިދިޔަ ސަރުކާރުގައި ފްލެޓާއި ގޯއްޗަށް މާކްސް ދިންއިރު އެމީހުންވެސް ތިބީ ޝަރުތު ހަމަނުވާ މީހުންގެ ލިސްޓުގައި ހިމަނާފައިކަމަށް މެމްބަރު ވިދާޅުވިއެވެ. ވީއިރު، އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެމްޑީޕީން ފްލެޓާއި ގޯތި ދެނީ އެބީދައިންތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ.
މެމްބަރު ވިދާޅުވީ، މިދިޔަ ސަރުކާރުން އިއުލާނުކުރި ލިސްޓުގައި ނުހަނު ގިނަ މައްސަލަތައް އެބަހުރި ކަމަށާއި، ޝަރުތު ހަމަނުވާ އެތައް ބަޔަކަށްވެސް ފްލެޓު ދީފައިވާކަމަށެވެ.
އެހެންނަމަވެސް މި ސަރުކާރުން އެގޮތަށް ކަންކަން ނުކުރާނެ ކަމަށާއި، ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައީސް ވައުދުވެވަޑައިގެންފައިވާ ގޮތަށް މި ދައުރު ނިމޭއިރު ބޯހިޔާވަހިކަން ނެތް ރައްޔިތެއް ނުތިބޭނެކަމަށެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ދިމާވެފައިވާ މައިގަނޑު އެއް މައްސަލައަކީ ކޮރަޕްޝަންގެ ވަބާ ކަމަށާއި، ކަންކަން ޙައްލުނުވަނީ އެ ސަބަބުތަކާ ހުރެ ކަމަށެވެ. އެގޮތުން އެހެން ޤައުމުތަކާ އެއްވަރަށް ރާއްޖެ ކުރިއަރައި ދިއުމުގައިވެސް އެކަމުގެ ސަބަބުން ހުރަސްތައް ކުރިމަތިކުރުވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މިހާރު އަޅުގަނޑުމެންގެ ސަރުކާރުން މިދަނީ ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއްވެސް އަޅަމުން، ރައީސް އެގެންދަވަނީ އެ ފިޔަވަޅުތައް އަޅުއްވަމުން މިހާރު
މެމްބަރު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ބައިބައިވުންތަކާއެކު އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ވައްކަމުގެ ބޮޑެތި ތުހުމަތުތައްވެސް އެޅުވި ކަމަށާއި، ނަމަވެސް މިއަދު މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް އެ ހުރިހާ ވާހަކައެއްވެސް ހަނދާން ނައްތާލާފައިވާކަމަށެވެ. އެކަންކަމުންވެސް އެނގިގެންދަނީ މިއީ ހައްތަހާވެސް ސިޔާސީ ބޭނުމަށް ދައްކާ ވާހަކަކަން ކަމަށް މެމްބަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ