އެލްޖީއޭގެ އަތޮޅު އޮފީސްތަކަށް ސިޔާސީ ވެރިންނެއް ނުލާނެ: ރައީސް

އަތޮޅު ކައުންސިލްތައް އުވާލުމާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ޤާއިމުކުރާ އަތޮޅު އޮފީސްތަކަށް ސިޔާސީ ވެރިން ނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ކުރިން އޮތްގޮތަށް އަތޮޅު އޮފީސްތައް އުފައްދަވައި، އެތަންތަނަށް އަތޮޅުވެރިން އައްޔަން ކުރަން އެމަނިކުފާނު މަސައްކަތް ކުރައްވަމުންދާ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް: ރައީސުލްޖުމްހޫރިއްޔާއާއެކު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކުރީ ޒަމާނުގައި އޮތް އަތޮޅު އޮފީސްތައް އިއާދަކުރުމުގެ ވިސްނުމެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށެވެ. އަދި އެލްޖީއޭއިން އަތޮޅުތަކުގައި ޤާއިމުކުރާ އޮފީސްތަކަށް އެލްޖީއޭގެ އަތޮޅު އޮފީސްގެ ނަމުން ނަން ދޭން ލަފާ އެރުއްވީ އެ އޮތޯރިޓީން ނަންތައް ހުށަހެޅުމުން ކަމަށާއި، އެތަންތަން ހިންގުމުގެ ހުރިހާ ކަމެއްވެސް ބަލަހައްޓާނީ އެލްޖީއޭއިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އަތޮޅުވެރިން ނުވަތަ ގަވަރުނަރުން އެ އޮފީސްތަކަށް އައްޔަން ކުރުމާއި، އަތޮޅު ކައުންސިލަރެއް އިންތިޚާބު ކުރުމާ ތަފާތެއް ނެތްކަމަށް ޤަބޫލުކުރައްވާ ކަމަށާއި އެހެންވެ، އެފަދަ ސިޔާސީ އިސް ބޭފުޅަކު އެ އޮފީސްތަކަށް އައްޔަން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"ސިޔާސީ ވެރިން ލާންވެއްޖެއްޔާ ކޮބައިތޯ އޭގެ ބަދަލަކީ. އެނޫނިއްޔާ ހަމަ ކުރިން އޮތްގޮތަށް އަތޮޅު ކައުންސިލް ރައީސްވެސް ހޮވައިގެން ބަހައްޓަންވީނޫންތޯ،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާޙާއެކު އަތޮޅު ކައުންސިލްތައް އުވިފައިވާއިރު، އެ ކައުންސިލްތައް ހިންގި އިމާރާތްތަކުގައި އެލްޖީއޭގެ މަސްއޫލިއްޔަތުތަކާއި، ބާރުތައް އިދާރީ ދާއިރާގެ ފެންވަރުގައި ލާމަރުކަޒީ އުސޫލުން ތަންފީޒުކޮށް ހިންގޭނެ އިންތިޒާމުތަައް ހަމަޖެއްސޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ އޮފީސްތަކުގައި މަސައްކަތް ކުރަމުން އައި މުވައްޒަފުންގެ މުސާރައާއި މަޤާމުތަކަށް ބަދަލެއް ނާންނަގޮތަށް އެތަންތަން އެލްޖީއޭގެ ގޮފިތަކުގެ ގޮތުގައި ހިންގުމަށް ވަނީ ނިންމާފައެވެ.
މި އޮފީސްތަކުގައި ކުރިއަށްދާނީ، އެލްޖީއޭގެ މައި އޮފީހުން ކައުންސިލްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ކައުންސިލްތަކަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުން ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވެއެވެ. އަދި މި އޮފީސްތައް މަސައްކަތް ކުރާނީ، އެ އޮތޯރިޓީގެ ގޮފިތަކެއްގެ ގޮތުގައި ކަމަށާއި މީގެ ސަބަބުން ކައުންސިލްތަކާއި އެލްޖީއޭއާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޤާނޫނުން އެލްޖީއޭއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ